ތެލަސީމިއާ ކުދިންގެ އާއިލާތަކުގެ ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ރައިސް ފައްޓަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތެލަސީމިއާ ކުދިންގެ އާއިލާތަކުގެ ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ރައިސް ފައްޓަވައިފި

މޯލްޑިވްސް ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން ފާޅުކުރެވުނު ކަންބޮޑުވުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އެ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސް ޑރ.މުޢިއްޒު ވަނީ އެ ވަގުތު ލޭއަޅަން ތިބި ބަލިމީހުންނާއި އެ ފަރާތްތަކުގެ އާއިލާތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް އަޑުއައްސަވާފައެވެ. އަދި އެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

އެމްބީއެސްގެ ޚިދުމަތްތައް ދޯދިޔާވެ، ވަސީލަތްތަކުގައި މައްސަލަތައް ހުރިކަމަށް ލޭ އެޅުމުގެ ޚިދުމަތް ލިބިގަންނަ އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، އެ އިދާރާގައި ބޭއްވުނު ބައްދަލުވުމެއް ހޫނުވެ، އާއިލާތަކުން އިހުތިޖާޖުކުރި ހާދިސާއަކާ ގުޅިގެން ރައީސް މުޢިއްޒު ވަނީ އެތަނަށް ވަޑައިގެން ހުރިހާ ޑިޕާޓްމަންޓްތަކެއްގެ ހާލަތު ބައްލަވާފައެވެ.

މި ޒިޔާރަތުގައި ރައީސް މުޢިއްޒު ވަނީ އެ މަރުކަޒުގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވައި، އެ ތަނުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިންނަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އެޅުމަށް އިރުޝާދު ދެއްވާފައިވެއެވެ.

އެމްބީއެސްގެ ޚިދުމަތްތަކާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވިނަމަވެސް، މިހާރު ހުރި ހުރިހާ މައްސަލަތަކެއް ހައްލުކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ވަނީ ފެށިފައިކަމަށް ސަރުކާރުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން