ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ހދ. އަތޮޅާއި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްޤީކުރުމަށް އަންނަ މަހު ފުރުސަތު ހުޅުވާލާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރައްވާނެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވި ގޮތުގައި "ހދ. އަތޮޅުގައި ޓުއަރިޒަމް އޮތީ އެންމެ ރަށެއް. އެހެން މަދުން ހުރި އަތޮޅުތަކުގައި އިތުރަށް އަލާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ވަރަށް ގާތްކޮށް މަސައްކަތް ކުރަމުން މިދަނީ. އަދި ހަމަ އެގޮތައް ތ. އަތޮޅުގައިވެސް އޮތީ އެންމެ ރިސޯޓެއް."
ރާއްޖޭގެ ފަތުރުވެރިކަމަށް 53 އަހަރު ފުރުނު އިރު، ފަތުރުވެރިކަން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އެންމެ އެދެވޭ މިންވަރަށް ފުޅާވެފައި ނުވާތީ، މިކަމަށް ހައްލު ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކޮންމެ އަތޮޅަކަށް ވަކިން މާސްޓަރ ޕްލޭނެއް ހަދައި، އެ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މާކެޓިންގ ޕްލޭނެއްވެސް އެކުލަވާލަމުންދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
އިތުރު ރިސޯޓްތައް ތަރައްޤީކުރުމަށް ފުރުސަތު ހުޅުވާލުމުން، އެ އަތޮޅުތަކުގައި އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް އުފެދި، އިތުރު އިންވެސްޓަރުން އަންނާނެ ކަމަށާއި، މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ފުރުސަތުތައް ފަހިވެ، އިގްތިޞާދީ ހަރަކާތްތައް އިތުރުވެ، ރައްޔިތުންނަށް ލިބޭ މަންފާވެސް އިތުރުވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.