ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ރައީސް ނިންމަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ރައީސް ނިންމަވައިފި

ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. މިގޮތަށް ނިންމެވުމުގެ ކުރިން ރައީސް ވަނީ މިހާރު ތެލަސީމިއާ ސެންޓަރު ހިންގަމުންދާ ނޭޝަނަލް ބްލަޑް ސަރވިސް ސެންޓަރަށާއި، އެތަން ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ "އޮރެންޖް ހިޔާ" އަށް ޒިޔާރަތްކުރައްވާފައެވެ.

ރައީސް އޮފީހުން މިއަދު އާންމުކުރި އިންޓަވިއުއެއްގައި ރައީސް ވިދާޅުވި ގޮތުގައި، "ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ޙައްލުކުރެވޭނެ ގޮތްތަކެއް އަވަހަށް ހޯދުމަށް މަޝްވަރާކޮށް އަންގާފައިވާނެ" އެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓަރ ޖެނެރަލެއް ނެތި ހިންގަމުން އަންނަ އެ ސެންޓަރަށް ވަގުތުން ޑިރެކްޓަރ ޖެނެރަލެއް ހަމަޖެއްސުމަށްވެސް އަންގަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ސެންޓަރުގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ނަރުހުންނާއި، ސީނިއަރ ފިޒީޝަނެއް އަދި ލެބޯޓްރީ ޓެކްނީޝަނުންފަދަ އިތުރު މުވައްޒަފުން ހޯދުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، އައި.ޖީ.އެމް.އެޗް ފަދަ ހޮސްޕިޓަލެއްގެ ގޮތުގައި މަސައްކަތްކުރާނެ ގަޑިތަކާއި ދުވަސްތައް ކަނޑައެޅުމަށްވެސް ވަނީ ނިންމަވާފައެވެ.

"މިގޮތަށް މިކަންކަން އޮތްކަން، އެއްވެސް ވަރެއްގެ ކުރިއެރުމެއް ނާންނަކަން، އަޅުގަނޑަށް ނޭނގި އޮތީ" ރައީސް ވިދާޅުވިއެވެ. އަދި ކުރިން ތެލަސީމިއާ ކަންކަމުގައި އުޅުއްވާ ފަރާތްތަކުން ސަރުކާރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ހިއްސާކޮށްފައިވީ ނަމަވެސް، އެކަމަށް އަމަލީ ސިފައެއް އައިސްފައި ނުވާކަން ފާހަގަކުރެއްވިއެވެ.

މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރާއި ހެލްތު މިނިސްޓަރވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސް ވަނީ މާލޭގައި ތެލަސީމިއާ ސެންޓަރު ހިންގާހާ ދުވަހަކު އެތަނުގެ ޚިދުމަތްތައް ރަނގަޅުކުރުމަށާއި، ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

މިއަދު އޮންލައިން