ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ކާރިސާތަކުގެ ގެއްލުން ކުޑަކުރުމުގެ ފްރޭމްވަރކުގެ ތެރެއިން ދުރާލާ މޫސުމީ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މޫސުމާބެހޭ ދުވަހާ ގުޅިގެން ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވެފައިވަނީ، ދުރާލާ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށެވެ. މިކަމަށްޓަކައި މޫސުމާބެހޭ ޒަމާނީ އާލާތްތަކަށް އިންވެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމުގެ ގޮތުން ދުރާލާ އިންޒާރުދޭ ނިޒާމެއްގެ ޚިދުމަތް ލިބޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުން އަންނަން،" ރައީސް ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ މޫސުމީ ބަދަލުތަކާ ބެހޭ ސިޔާސަތުތަކާއި ކާރިސާތަކުގެ ގެއްލުން ކުޑަކުރުމުގެ ފްރޭމްވަރކުގެ ތެރެއިން ދުރާލާ މޫސުމީ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމުގެ މައްޗަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭ މިފަދަ ފިޔަވަޅުތަކަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ވަރަށް މުހިންމު ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.