ހެޔޮލަފާ ގޮތުގައި ދުނިޔޭގައި އުޅޭ ކޮންމެ މީހަކު މަރުވުމުން ޚާއްޞަ ޢަލާމާތްތަކެއް ނުފެނިދާނެއެވެ. ނަމަވެސް ބައެއް މީހުންގެ ކިބައިން މިހާރުވެސް ފެނެއެވެ. ފެންނަ ޢަލާމާތްތަކުގެ ތެރޭގައި އޭނާއަކީ ﷲ ތަޢަލާގެ ރުހިވޮޑިގަތުން ލިބިގެންސާ މީހެއްކަމަށް ޤަބޫލުކުރެވިދާނެ ޢަލާމާތްތައް ހިމެނެއެވެ.
ދެން ސުވާލުކުރާނީ ހެޔޮލަފާ އެންމެންގެ ކިބައިން ނުފެންނަނީ ކީއްވެގެންކަމާއިމެދުގައެވެ. އަހުރެންގެ ޖަވާބަކީ ދުނިޔޭގައި މީސްތަކުންގެ ޢަމަލުތައް ގިންތިކުރެވޭނަމަ ނުކުންނާނެ މައްސަލަތައް ގިނަވާނެތީއެވެ. އަދި ބައެއް މީހުންގެ ކިބައިން ނަމަވެސް އެފަދަ ޢަލާމާތްތައް އެދައްކަވަނީ މީސްތަކުންނަށް ޢިބްރަތަކަށެވެ. ހެޔޮލަފާ މީހަކަށްވުމަށް ދަހިވެތިކުރުވުމަށެވެ. މިއީ އަހުރެންގެ ވިސްނުމެވެ.
މިބަސްކޮޅާއިއެކު މިގެނެސްދެނީ މަރުވުމުން ސުވަރުގެ ވަންތަވެރިއެއްކަން ޤަބޫލުކުރެވޭނެފަދަ އާދައާ ޚިލާފް ކަންތައްތައް ފެނި ހިނަވައި ކަށުނަމާދުކުރިއިރު ދުވަހަކު ނުދުވާފަދަ ގަދަފަދަ މީރުވަހެއް ދުވި މީހެއްގެ ވާހަކައެވެ.
އެމީހާ މަރުވުމުން ހިނަވައިދިނުމަށްޓަކައި ޝައިޚް އެގެއަށް ދިއައީ މަރުވިތާ އެތައް ގަޑިއިރެއް ފަހުންނެވެ. އޭނާގެ ހަށިގަނޑު ބާއްވާފައި އޮތީ ވައިވެސް ނުލިބޭ ތަނެއްގައެވެ. ސިޑިދަށުގައެވެ. އެއީ އެގެ ކުޑަކަމުން ހިނަވާނެ އެހެންތަނެއް ނެތިގެންނެވެ.
ޢާންމުގޮތެއްގައި އެފަދަ ތަނެއްގައި މައްޔިތަކު 4-6 ގަޑިއިރު ބާއްވައިފިނަމަ ވަސްދުވުމާއި ހަރުވާންފެށުމާއި އެހެންވެސް ބައެއް ކަންކަން މެދުވެރިވާނެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުން އެފަދަ އެއްވެސް ޢަލާމާތެއް ނުފެނުނެވެ.
ދެން ހިނަވަންވެގެން ބަނޑުން ނަޖިސް ނެރެން 3 ފަހަރުމަތިން މަސައްކަތްކުރުމުންވެސް އެއްވެސް ނަޖިހެއް ބޭރެއް ނުވިއެވެ. އެހިސާބުން އެކަން ދޫކޮށްލާފައި ހިނަވައި ދެއަތް ޙަރަމަށް އަރުވަން ބެލިއިރު ކަނައަތްތިލަވަނީ ޝަހާދަތް އިނގިލި ދުރަށް އިންނަގޮތަށް (އައްތަޙިއްޔާތުކިޔާއިއރު ބައިންދާ ގޮތަށް) މެޅިފައެވެ. ހުޅުވަން އުޅުމުންވެސް ނުހުޅުވުނެވެ. އެކަމާއި ގުޅިގެން އިމާމުންނާއި މަޝްވަރާކުރުމަށްފަހު ޑޮކްޓަރުންނާއި ވާހަކަ ދެއްކުމުން ބުނީ އޭނާގެ ފަހުނޭވާދުކުރި ވަޤުތު އެކަން އެގޮތަށް ވެއްޖެކަމަށެވެ.
ދެން ފާހަގަކުރެވުނު ކަމަކީ ކަފުން ކުރަމުން ހުވަނދުލައްވަންވެގެން ޝައިޚް ގެންދިއަ ހުވަނދު ހުރި ދަބަސް ގެނެސްދޭން ދަރިންގެ ކިބައިން އެދުނު ވަޤުތު ވަރަށް ޢާދަޢާއި ޚިލާފް، ކުރިން ދުވަހަކުވެސް ނުދުވާފަދަ މީރުވަހެއް ދުވިކަމެވެ. އެވަސް ދިއައީ ގަދަވަމުންނެވެ. ޝައިޚް ގެންގޮސްފައި ހުރި ވަރަށް މޮޅު، މީރުވަސްދުވާ ހުވަނދު ލެއްވުމުންވެސް ގަދަވެފައިހުރީ އެވަހެވެ.
ކޮންމެއަކަސް ކަފުންކޮށްގެން ކަށުނަމާދުކުރުމަށް މިސްކިތަށް ގެންދިއުމުން އިމާމް ބުންޏެވެ. "މިސްކިތުގެ ނޫރެއް ގެއްލިގެން ދިއައީއެވެ. އޭނާއަށްޓަކައި ހެޔޮދުޢާކޮށްދޭށެވެ." އޭނާގެ ހަށިގަނޑު މިސްކިތަށް ގެންދިއުމުން ހަމައެމީރުވަސް މުޅި މިސްކިތުންވެސް ދުވިއެވެ. (މީރުވަސް އެންމެންނަށް ދުވިއެވެ.) މިސްކިތުގައި ތިބި އެންމެންވެސް އެ އަތަރު ބޭނުންވިއެވެ.
ޢާންމު ގޮތެއްގައި ޤަބުރެއް ވަޅަށް ތިރިކުރަން ފިނިމީސުމުގައި ވަޅަށް ފޭބިނަމަވެސް އިޙްޞާޞް ކުރެވޭނީ ހޫނުކަމެވެ. ނަމަވެސް އެއީ ހޫނު މޫސުމެވެ. މެންދުރު ނަމާދު ވަޤުތެވެ. އެންމެ ހޫނު ގަދަ ވަޤުތެވެ. އެކަމަކުވެސް ޝައިޚް ވިދާޅުވީ ވަޅަށް ފޭބުމުން ފިނިގަދަވެ ފަސްގަނޑުގައި އަތްޖައްސާލަން ވެސް ނުކެރޭވަރަށް ފިނިވި ކަމަށެވެ. އެފިނިވައި އަންނަ ގޮތެއް ނުއެނގުނު ކަމެވެ.
(ޙަދީޘްފުޅުގައި ވަނީ ކައްވަޅު ވާނީ ސުވަރުގޭގެ ބަގީޗާއަކަށް ކަމަށެވެ. ނުވަތަ ނަރަކައިގެ ވަޅުގަނޑަކަށް ކަމަށެވެ.)
އަދި އެއްކަމެއް ކުރިމަތިވިއެވެ. އެއީ ހިނަވައި ކަފުންކުރަމުން ގެންދިއައިރު މޫނުން އާދައާއި ޚިލާފް އަލިކަމެއް ފެނުނު ކަމަށެވެ. އެއީ ރިފްލެކްޝަނެއް ކަމަށް ބަލައި އެއަލި އަންނަ ދިމާއެއް ބަލަން އުޅެ ނުފެނުނެވެ.
އޭނާ ވަޅުލިތާ ދެދުވަސްފަހުން ޝައިޚް އޭނާގެ ގެއަށް ގޮސް އޭނާގެ ޢަމަލުތަކާއި ބެހޭ ގޮތުން ސުވާލުކުރުމުން އަނބިމީހާގެ ކިބައިން އެނގުނު އެއްކަމަކީ ކައިވެނިކުރީންސުރެ އޭނާއަކީ ދުވަހަކުވެސް ސުންނަތް ރޯދައެއްވިޔަސް އެއްވެސް ރޯދައެއް ދޫކޮށް ނުލައި ރޯދަހިފުން ސުންނަތްވެގެންވާ ހުރިހާ ދުވަސްތަކެއްގައި ރޯދަ ހިފި މީހެއްކަމެވެ.
އޭނާގެ މަރުބަލީގެ ޢަލާމާތްތައް ފެނުނީވެސް ސުންނަތް ރޯދައެއް ހިފަން ހާރުކާން އުޅުނު ވަޤުތެއްގައެވެ. ކާނެ އެއްޗެއް ގެނެސްދޭން އަނބިމީހާ އުޅުމުން ބުނީ ބަނޑު ފުރިފައި ހުރިކަމަށާއި ފެންފޮދެއް ދިނުމަށެވެ. ފެންފޮދު ބޯން އުޅުނު ވަޤުތު މެއިން އާދަޢާއި ޚިލާފަށް އަޑެއްކިޔާކަން ފާހަގަކުރެވިގެން ދަރިންނަށް އަންގައިގެން އަވަހަށް ހޮސްޕިޓަކަށް ގެންދިއައީއެވެ. މިކަމުން އެނގެނީ އޭނާ އާއި މަރު ބައްދަލުކުރީ ރޯދައަށް ހުންނަން މަސައްކަތްކުރަނިކޮށް ކަމެވެ.
ހޮސްޕިޓަލަށް ގެންދިއުމުން ޙާލު ސީރިއަސްކަން ފާހަގަކުރެވިގެން އެޑިމިޓްކުރީ އައިސީޔޫގައެވެ. އައިސީޔޫގައި އޭނާގެ ހިތުގެ ވިންދު މިނިޓަރުން ބަލަން ހޮސްޕިޓަލުން ބޭންދިމީހާ އިނީ ބަލަމުން ޤުރްއާން ކިޔަވާށެވެ. މޮނިޓަރުގެ ސިގްނަލްތައް (ހިތުގެ ވިންދު) ނިމުމަކަށް އައިސް ސީދާ ރޮނގަކަށް ދެމިގެންދިއަ ވަގުތު އޭނާގެ މުށްކެވި އައްތަޙިއްޔާތަށް އިންނަގޮތަށް މުށްކެވުނުތަން އޭނާއަށް ފެނުނެވެ.
އެހިސާބުން ޝައިޚް ދިއައީ މިސްކިތަށެވެ. އެއީ އޭނާގެ ހަށިގަނޑު މިސްކިތަށް ގެންދެވުމުން "މިސްކިތުގެ ނޫރެއް ނިވުނީ" ކަމަށް ބުނި ސަބަބު އޮޅުންފިލުވުމަށެވެ. އިމާމް ކިޔައިދިނެވެ.
"އޭނާގެ ޢަމަލުތައް ހުންނަ ގޮތުން (ތަޤްވާވެރިކަން ބޮޑުކަމުން) ހިތުގައި ވާދަވެރިކަން އުފެދެއެވެ. އަހަރެން މިމިސްކިތުގެ އިމާމްކަންކުރާތާ މިހާރު 15 އަހަރުވީއެވެ. ކޮންމެ ނަމާދަކަށް އަންނައިރު އަހުރެންނަށްވުރެ ކުރިން އޭނާ ގޮސް ކުރީ ސަފުގައި ހުރެއެވެ. ފަތިސް ނަމާދަށް މިސްކިތް ހުޅުވަން އަންނައިރު ބޭރުގައި ޤުރްއާން ކިޔަވަން އިންދެއެވެ. ޢަޞްރާއި ޢިޝާ ނަމާދުގައި މިސްކިތުން ނުކުންނަނީ އެންމެފަހު މީހާގެ ގޮތުގައެވެ."
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީހެއްގެ މަރުމަތީގައި ރަނގަޅު އެންމެ ޢަލާމާތެއް ފެނުނަސް އަހަރެމެން އުފާކޮށް އެކަމުގެ ވާހަކަތައް ދައްކަމުއެވެ. މިކިޔައިދިނީ އާދަޢާއި ޚިލާފަށް ރަނގަޅު އެތައް ޢަލާމާތްތަކެއް އެމީހެއްގެ މަރުމަތީގައި ފެނުނު މީހެއްގެ ވާހަކައެވެ.
އިން ޝާ ﷲ މިފަދަ ހެޔޮލަފާ މަރަކުން މަރުވުމަށް އުންމީދުކުރާ މީހާ އޭނާ އެކުރިފަދައިން ހެޔޮ ޢަމަލުތައް ކުރަމުންގެންދާށެވެ. މާތް ﷲ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން