ހީވާގިވެލައިފިނަމަ އަދިވެސް ފުރުޞަތު އެބައޮތް! ހަމައެކަނި ހަތާވީސްވިލޭރެއަށް ބަލާ މީހަކަށް ގާތީ ލައިލަތުލްޤަދްރި ނުލިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ހީވާގިވެލައިފިނަމަ އަދިވެސް ފުރުޞަތު އެބައޮތް! ހަމައެކަނި ހަތާވީސްވިލޭރެއަށް ބަލާ މީހަކަށް ގާތީ ލައިލަތުލްޤަދްރި ނުލިބުން!

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް ފާއިތުވަމުން ގޮސް މިރެއަކީ 25 ވިލޭރެއެވެ. ދެން ބާކީ އިތީ އެންމެ 5 ރެއެވެ. އެއިގެ ތެރޭގައި 3 އޮން ހިރިރެއެވެ. އެއީ މިރެއާއި 27 ވިލޭރެއާއޮި 29 ވިލޭރެއެވެ.  

އަޅުކަންކުރުމުގައި މިހައިތަނަށް ހީވާގިވި މީހުންނަށް އޮތީ އިތުރަށް ހީވާގިވެލުމެވެ. އެހައި ބޮޑަށް ކުރިން ހީވާގި ނުވެވުނު މީހުންނަށް އޮތީ އުންމީދު ކަނޑާނުލައި އަދިވެސް އިތުރަށް ހީވާގިވާން މަސައްކަތްކުރުމެވެ.  

ކޮންމެހެން ކުރަން ނުޖެހޭ މަސައްކަތްތައް ފަސްކޮށްލާށެވެ. ބާޒާރުކުރުންވެސް މަދުކޮށްލާށެވެ! ރޭގަނޑު ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނީ ކުރިއަށް މިއޮތް ރޭތަކުގައި ނުކުރާށެވެ! ތަރާވީޙް ނިންމައި އަރާމުކޮށްލާށެވެ! ދަމުނަމާދުކުރާށެވެ! ވީހައި ގިނައިން ޤުރްޢާން ކިޔަވަން ގަދައަޅައި މަސައްކަތްކުރާށެވެ! ޛިކުރުކޮށް ދުޢާކުރުން ގިނަކުރާށެވެ!  

އަރާމުކުރުމަށާއި އުފާކުރަން ކުރަންހުރި ކަންކަން ޢީދުވިލޭރެއިން ފެށިގެން ކުރިއަށް ގެންދާށެވެ! އެކަމަށް އެއް އަހަރުދުވަސް އެބައޮތެވެ. ނަމަވެސް ކުރިއަށް މިއޮތް ރޭތަކުން އެންމެ ރެއެއް ގެއްލުނަސް އަނބުރާ ހޯދޭނެ އެއްވެސް ގޮތެއް ނެތެވެ.  

ކުރަން އެންމެ ފައިދާހުރި ދުޢާތަކާއި ޛިކުރުތައް ވަރަށް ގިނައިން ކިޔައިދީ ހަނދާންކޮށްދެވިއްޖެއެވެ. ދުޢާކުރަމުން ގެންދާށެވެ! ތިމާއަށް ބޭނުންވެގެން ހުރި ހުރިހާ ކަންކަމަށް އެދިގެންވެސް ދުޢާކުރަމުން ގެންދާށެވެ!  

ހަނދުމަކޮށްދިނުމުގެ ގޮތުން އަދިވެސް ބުނެލާނަމެވެ. މިމަރަމަމާންމަހު ފާފަފުއްސަވައި ދެއްވަވައި ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވާ އަޅުންގެތެރޭގައި ހިމެނުމަށް ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ! އެންމެ ގިނައިން ދުޢާކުރަންވީ އެކަމަށް އެދިގެންނެވެ.  

ލައިލަތުލްޤަދްރިވިލޭރެއަކީ ކޮންރެއެއްކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. އެރެއަކީ 27 ވިލޭރޭކަމަށް ބަލައި ހަމައެކަނި އެރޭ އަޅުކަންކޮށްލުމުން ފުދޭނެ ކަމަށް ހީކުރާ މީހަކަށް ގާތީ އެރޭގެ މަތިވެރިކަމާއި އެރޭގެ ސަބަބުން ޙާޞިލުކުރެވެން އޮތް މަތިވެރި ދަރުމަ ޙާޞިލުނުކުރެވުމެވެ. އެންމެ ބޮޑު އެއް ސަބަބަކީ އެއިރުން އެމީހާގެ ކިބައިގައި އެރޭގެ މތިވެރިކަން ޙާޞިލުކުރުމަށް ޝައުޤުވެރިކަން ނެތުމެވެ. ޝައުޤުވެރިކަން ހުރިނަމަ ރަމަޟާން މަހު، ޚާއްޞަކޮށް ފަހު ދިހައިގެ ހުރިހައި ރޭތަކެއްގައިވެސް އެކަމަށް އެދިގެން ގަދައަޅައި މަސައްކަތްކުރާނެތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން