އަހުރެމެން ކޮންމެ މީހަކަށްވެސް އޮތް އެންމެ ބޮޑު ބޭނުމަކީ ފުޢާ ޢިޖާބަކުރައްވަވާ މީހަކަށްވެވުމެވެ. އެފަދަ މީހަކަށް ވެވިއްޖެނަމަ ދުނިޔޭގެ އިތުރުން އާކިރަތްވެސް ކާމިޔާބުކުރެވޭނެއެވެ. ނަރަކައިން ސަލާމަތްވެވޭނެއެވެ. ސުވަރުގެވެސް ލިބޭނެއެވެ. އިން ޝާ ﷲ
ތަސްބީޙް ކިޔުން، ޛިކްރުކުރުން ގިނަކުރުމަކީ ގިނަބައަކަށް ކުރަން ވަރަށް އުނދަގޫކަމެކެވެ. 2،3 މިނިޓް ކިޔައިލެވޭއިރަށް އޮންނަނީ ފޫހިވެފައެވެ. ނަމަވެސް އެކަމުގެ މަތިވެރިކަން ޤަބޫލުކުރެވޭނަމަ އެއްވެސް މީހަކު ތަސްބީހް ކިޔުން ހުއްޓައިވެސް ނުލާނެއެވެ. އެހެނީ ގިގިނައިން ތަސްބީޙް ކިޔުމަކީ އެމީހަކުކުރާ ދުޢާ ޢިޖާބަކުރައްވަވާ ކަމެކެވެ.
މިކިޔައިދެނީ ގިނަގިނައިން ތަސްބީޙް ކިޔާ މީހެއްގެވާހަކައެވެ. އެމީހާކުރާ ކޮންމެ ދުޢާއެއް ﷲ ތަޢާލާ ޢިޖާބަކުރެއްވެވި މީހެއްގެ ވާހަކައެވެ. އިމާމް އަޙްމަދު ބަޔާންކުރައްވަވާފައިވާ މިވާހަކައަކީ އެއްވެސް މީހަކު އެއްވެސް ވަރަކަށް ޝައްކުކުރަންޖެހޭ ވާހަކައެއް ނޫނެވެ! ޔަޤީންކުރަންޖެހޭ ވާހަކައެކެވެ. އެހެނީ އިމާމް އަޙްމަދު މިވާހަކަ ބަޔާންކުރައްވަވާފައިވަނީ އަމިއްލަފުޅަށް އެމީހާ އާއި ބައްދަލުވެވަޑައިގަތުމަށްފަހުގައެވެ.
އޭނާއާއި ބައްދަލުވެވަޑައިގަތީ ޝާމްކަރައަށް ކުރެއްވެވި ދަތުރުފުޅެއްގައި ރޭކުރައްވަން މަޑުކޮށްލެއްވެވި މިސްކިތެއްގައި އިންނެވިއަ ނުދީ މިސްކިތުން ބޭރުކޮށްލުމުން މަގުމަތިންނެވެ. މިސްކިތް ބަންދުކުރަންވެގެން އިމާމް އަޙްމަދު މިސްކިތުން ބޭރުކުރީ އެކަންކުރި މީހާއަށް އެއީ ކޮންބޭކަލެއްކަން ނުއެނގޭތީއެވެ.
ކޮންމެއަކަސް އިމާމް އަޙްމަދު މަގުމަތީގައި ހުންނަވަނިކޮށް ބޭކަރީއެއް ހިންގާ މީހަކަށް ފެނިގެން އޭނާގެ ބޭކަރީއަށް އިމާމް އަހްމަދު ގެންދިއައެވެ. އެތަނުގައި އިންނެވިއިރު އިމާމް އަޙްމަދަށް ފާހަގަކުރެއްވެވުނު ކަމަކީ އޭނާ ހުންނަނީ ހުއްޓައިވެސް ނުލައި ތަސްބީޙް ކޔުންމަތީގައި ކަމެވެ. ކޮންމެ ކަމެއް ކުރަމުންވެސް ތަސްބީހްކިޔާކަމެވެ. އެކަމުގައި އޭނާ ފޫހިނުވާކަމެވެ.
އެކަމާއިމެދު އިމާމް އަހްމަދު އޭނާ އާއި ސުވާލުކުރެއްވެވުމުން އޭނާ ދެންނެވީ އެއީ އޭނާގެ ޙަޔާތުގައި އަބަދުވެސް ކުރަމުން ގެންދާ ކަމެއްކަމަށެވެ. އެގޮތަށް ދެންނެވުމުން އޭނާގެ ޙަޔާތަށް އެކަމުން އައި ބަދަލަކީ ކޮބައިތޯ ދެންނެވުމުން އޭނާ ދެންނެވީ އޭނާ ކުރާ ކޮންމެ ދުޢާއެއް ﷲ ތަޢާޅާ ޢިޖާބަކުރައްވަވާ ކަމަށެވެ! ޢިޖާބަ ނުކުރައްވަވާ ދުޢާއެއް ނުކުރެވޭ ކަމަށެވެ.
ނަމަވެސް އެއް ކަމެއް ޙާޞިލު ނުކުރެވި އޮތްކަމަށް ދެންނެވިއެވެ. އެއީ އިމާމް އަޙްމަދާއި ބައްދަލުވުން ކަމަށްވެސް ދެންނެވިއެވެ. އެހިނދު އިމާމް އަހްމަދުގެ ލޯފުޅުން ކަރުނަފޮދު އޮހޮރުނެވެ. އަދި ވިދާޅުވިއެވެ. "މިއީ ބައްދަލުކުރަން ކަލޭ ބޭނުންވެގެން ތިއަ ދުޢާކުރާ އިމާމް އަޙްމަދުއެވެ. ކލޭގެ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރެއްވެވީއެވެ. މިރޭ މިސްކިތުން މަގުމައްޗަށް އަހަރެން ބޭރުކޮށްލެވުނީ ކަލޭގެ ދުޢާ ޢިޖާބަކުރައްވަވައި ކަލެއާއި ބައްދަލުވާން ﷲ ތައާލާ އިރާދަކުރައްވަވާފައިވާތީއެވެ!"
އޭނާ ކުރަމުން ގެންދިއައީ މާބޮޑެތި ޛިކުރުތަކެއްވެސް ނޫނެވެ.
سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ
މިފަދަ އާންމުކޮށް އެންމެންނަށް އެނގޭ ޛިކްރުތަކެވެ. ޛިކުރް ކުރުމަކީ އެމީހަކަށްޓަކައި ބަގީޗާތަކާއި ގަސްތައް އިންދަވައި ދެއްވަވާ ކަމެކެވެ. މުޅި ޢުމުރު ޛިކުރުކުރުން ނުވަތަ ތަސްބީޙްކިޔުންމަތީގައި ހުންނަ މީހަކަށް ސުވަރުގެއިން ދެއްވަވާނެ ނިޢްމަތްތައް ހިތްމައްޗަށް ގެންނާށެވެ. އަދި އެއިގެ އިތުރުން އޭނާ ކުރާ ކޮންމެ ދުޢާއެއް ﷲ ތައާލާ އެ ޢިޖާބަ ކުރައްވަވައި ދެއްވަވަނީއެވެ! އިތުރަށް ބޭނުންވާނީ ކޮންކަމެއް ހެއްޔެވެ؟
ދެން ވިސްނައިލަންވީ އަހަރެމެންގެ ޙާލަތަށެވެ! ގަދަކަމުން ހުސްވަގުތު ހޯދައިގެން މިކުރެވޭ ކަމަކީ ޓީވީބެލުމާއި ފޯނާކުޅުމާއި ސޯޝަލް މީޑިއާގައި ވަގުތު ބޭކާރުކުރުމާއި ގޭމްކުޅުން ފަދަ ކަންކަން ނޫން ހެއްޔެވެ؟ އެކަމަކު ދައްކަނީ ސުަވރުގެދާން ބޭނުންވާ ވާހަކައެވެ. ޝަކުވާކުރަނީ ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިގެންނެވެ. ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެގެންނެވެ!
ސުވަރުގެ އެދޭއިރު، އަދި ކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭއިރު ފުރަތަމަ ފުރިހަމަކުރަންވީ އެމީހާ ފުރިހަމަކުރަންޖެހޭ ކަންކަމެވެ! އެކަންކަން ފުރިހަމަ އެމީހަކަށް ﷲ ތަޢާލާ ހުރިހާ ކަމެއްވެސް ފުރިހަމަކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
- ޢުމަރު ސުލައިމާންގެ ދަރުސަކުން