އަހުރެން ފުރަތަމަ މިބުނަނީ ދުނިޔަވީ މިޘާލެކެވެ. މީހަކު ބިރެއްނެތި ޒިނޭކުރަމުން އަންނަނީއެވެ. ދިމާ ކުއްލި ކަމަކާއި ގުޅިގެން މީހާގެ ވާގިއެބަދެއެވެ. އަދި ގަދަވެ ސަލާމަތުން ހުއްޓައިވެސް ގުނަވަނުގެ ބާރުކެނޑިގެން އެބަދެއެވެ.
ހަމައެފަދައިން ބިރެއް ޖެހިލުމެއް ނެތި އަނިޔާވެރިވަމުންދަނިކޮށް ދިމާވާ ކަމެއްގެ ސަބަބުން އަތްފައި ހިރުވައި ނުލެވިގެން އުޅެން އެބަޖެހެއެވެ. ދިމާވާ ކަމެއްގެ ސަބަބުން އެމިހާ އެހެން މީހުންނަށް އަނިޔާވެރިވާން ބޭނުންކުރަމުން އައި ގުނަވަންތައް ހިރުވައިނުލެވިގެން އުޅެން އެބަޖެހެއެވެ.
މިފަދަ ކިތަންމެ ގިނަ މިޘާލުތަކެއްވެސް ދެއްކިދާނެއެވެ. ރަނގަޅަށް އަޑުއަހާށެވެ!
ހިތަށް އެރިހައިކަމެއްކޮށް ބޭނުންހައި ފާފަތަކެއް ކުރަމުންގެންދާ މީހުން ނިކަން ވިސްނައިލަބަލާށެވެ! ފާހިޝް އަމަލުތައްކުރަން ބޭނުންވުމުންނާއި ވައްކަންކުރަން ބޭނުންވުމުންނާއި އަނިޔާވެރިވުން ފަދަ ނުބައި ޢަމަލުތައް ކުރަން ބޭނުންވުމުން މިއަދު ތިބާ އެއްވެސް މިންވަރަކަށް ޖެހިލުމެއް ނުވަމުއެވެ. ތިބާގެ ގުނަވަންތަކުން ތިއަ ގެންދަނީ ފާފަތައް ކުރަމުންނެވެ. ދުލާއި އަތާއި ފައާއި ޖިންސީ ގުނަވަނާއި ލޮލާއި މިހެންގޮސް ހުރިހާ ގުނަވަންތަކެއް އެބަ ބޭނުންކުރަމުއެވެ.
އެގުނަވަންތަކަކީ ތިބާގެ އަމިއްލަ މިލްކެއް ކަމަށް ދެކިގެން އެއްވެސް ބިރެއްނެތިއެވެ. ތިބާ އެންމެ ބޮޑަށް މާޔޫސްކޮށްލާނީ އެގުނަވަންތައްކަމާއިމެދު ތިބާ އެއްވެސް މިންވަރަކަށް ވިސްނައިވެސް ނުލަމުއެވެ.
ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ނިކަން އަޑުއަހައިބަލާށެވެ!
﴿يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُمْ بِمَا كَانُوا يَعْمَلُونَ﴾ [النور: 24]
މާނައީ: "އެބައިމީހުންގެ މައްޗަށް އެބައިމިހުންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެބައިމީހުން ކޮށްއުޅުނު ކަންތައްތަކާމެދު ހެކިވާ ދުވަހުންނެވެ".
﴿وَقَالُوا لِجُلُودِهِمْ لِمَ شَهِدْتُمْ عَلَيْنَا قَالُوا أَنْطَقَنَا اللَّهُ الَّذِي أَنْطَقَ كُلَّ شَيْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ [21] وَمَا كُنْتُمْ تَسْتَتِرُونَ أَنْ يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَا أَبْصَارُكُمْ وَلَا جُلُودُكُمْ وَلَكِنْ ظَنَنْتُمْ أَنَّ اللَّهَ لَا يَعْلَمُ كَثِيرًا مِمَّا تَعْمَلُونَ [22]﴾ [فصلت: 21، 22]
މާނައީ: "އަދި އެބައިމީހުންގެ ހަންތަކަށް އެބައިމީހުން ބުނާނެއެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟ އެތަކެތި ބުނާނެތެވެ. ކޮންމެ އެއްޗަކަށްވެސް ބަސްމޮށުންދެއްވި ﷲ، ތިމަންމެންނަށް ބަސްމޮށުންދެއްވީއެވެ. އަދި އެއިލާހީ ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި ތިޔަބައިމީހުން އެނބުރި ރުޖޫޢަކުރައްވާހުށީ އެއިލާހުގެ ޙަޟްރަތަށެވެ. [21] ތިޔަބައިމީހުންގެ ކަންފަތާއި، ތިޔަބައިމީހުންގެ ލޯތަކާއި، ތިޔަބައިމީހުންގެ ހަންތައް، ތިޔަބައިމީހުންގެ މައްޗަށް ހެކިދީފާނެކަމަށް ތިޔަބައިމީހުން (އެއްވެސްކަމެއް) ވަންހަނާކޮށެއް ނޫޅެމުއެވެ. އެހެނެއްކަމަކު ތިޔަބައިމީހުން ހީކުރީ، ތިޔަބައިމީހުން ކޮށްއުޅޭ ޢަމަލުތަކުން ގިނަކަންތައް ﷲ ދެނެވޮޑިގެންނުވާނޭ ކަމަށެވެ. [22]"
ފާހިޝް އަމަލުތައް ކުރަން ބޭނުން ތިއަކުރާ ލޮލާއި ޖިންސީ ގުނަވަނާއި ދޮގުހަދަން ބޭނުންކުރާ ދުލާއި ވައްކަންކޮށް އަނިޔާވެރިވާން ބޭނުންކުރާ އަތާއި އެކަންކަންކުރަން ހިނގާފައި ދިއަ ފަޔާއި މިހެންގޮސް ފާފަކުރަން ތިބާ ބޭނުންކުރި ހުރިހާ ގުނަވަންތައް ތިބާ އާއި ދެކޮޅަށް ހެކިދީ މާޔޫސްކޮށްލާނެ ވަގުތަށް ބިރުވެތިވާށެވެ! އެއީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު މާޔޫސްކަމެވެ. އެހެނީ ގުނަވަންތަކުން ތިބާއާއި ދެކޮޅަށް ދޭ ހެކި ވެގެންދާނީ ތިބާއަށް ނަރަކައަށް ވަންނަންޖެހޭ ސަބަބުކަމުގައެވެ. ނަރަކައަށް ވަންނަން ޖެހުމަށްވުރެ ބޮޑު މާޔޫސްކަމަކީ ކޮބައިހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން