ތައުބާވުމަށް ހުރިހާ ކަމެއް އެންމެ ފަސޭހަކޮށް އޮތް މިދުވަސްތަކުގަ ތައުބާ ނުވެވުނު މީހަކަށް އޮތް އެންމެ ބޮޑު ބިރަކީ ފުރުޞަތު ގެއްލި ފަހުން ނުވެވިދާނެ ކަމުގެ ބިރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ތައުބާވުމަށް ހުރިހާ ކަމެއް އެންމެ ފަސޭހަކޮށް އޮތް މިދުވަސްތަކުގަ ތައުބާ ނުވެވުނު މީހަކަށް އޮތް އެންމެ ބޮޑު ބިރަކީ ފުރުޞަތު ގެއްލި ފަހުން ނުވެވިދާނެ ކަމުގެ ބިރު!

އިންސާނުންނަކީ ބަލިކަށިބައެކެވެ! ޞަޢީފް ނިކަމެތި ބައެކެވެ. އެހެންކަމުން ފާފަކުރެވުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އަދި ބައެއް ފާފަތައް ކުރެވެން ފެށުމުން އެކަންކަން ކުރަން ދެވި ވެސް ހިފައެވެ.  

އެހެން އެވަނީ ޝައިޠޯނާ އޭނާގެ މުޅި ވިސްނުން ހިޞޯރުކޮށް އަޅުވެތިކޮށްފައިވާތީއެވެ! ފާފަކުރަން އާދަވެވިފައި ތިބޭ ބައެއް މީހުންގެ ލޮލަށް އެމީހުން ފާފަ ނުކުރަނީސް ނިދިއަޔަނުދީ އެބަހިފަހައްޓައެވެ. މިހައި މިންވަރަށް ޝައިޠޯނާ އެމީހުން އަޅުވެތިކުރުވައެވެ.  

އެންމެ ގިނަ ބައަކު ދެވިހިފާފައިވަނީ މަސްތުވުމަށާއި ޒިނޭ ކުރުމަށެވެ. ހިތާމަ އާއިއެކު ބުންނަ ޖެހެނީ މުސްލިމުންގެ މެދުގައި ވެސް މި ނުބައި ޢަމަލުތައް ޢާންމުވެފައިވާ ކަމަށެވެ. ކޮންމެއަކަސް މިއަދު ވިސްނަންވީ ތައުބާ ވުމަށެވެ! އިޞްލާޙްވުމަށެވެ! ކުރިއަށް އޮތްތަނުގައި ފާފައެއް ނުކުރަން މަސައްކަތްކުރުމަށެވެ.  

ބަރަކާތްތެރި ރަމަޟާން މަސް މިވަނީ އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެވެ. ނިމެން އޮތީ ދާދި މަދު ދުވަސްކޮޅެކެވެ. ވީމާ ﷲ ތައާލާއަށް ބިރުވެތިވެ ތައުބާވުމަށް އެދޭ މީހާއަށް މިހައި ރަނގަޅު ފުރުޞަތެއް ލިބޭނެ ކަމަށް ޤަބޫލުކުރެވޭކަށް ނެތެވެ. ހަމަ ހަޤީޤތުގައިވެސް ނެތީއެވެ. 

މިހެން ބުނަންވެގެން ވަރަށް ބޮޑަށް ވިސްނީމެވެ. ވަރަށް ގިނަ ކަންކަމަށް ވިސްނީމެވެ. ނަތީޖާގައި ވަރަށް ސާފުކޮށް ފެންނަން އޮތީ ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވާން ބޭނުންވާ މީހާއަށް އެކަން ކުރަން މިއަށްވުރެ ފަސޭހަ ދުވަސްތަކެއް ނުފެނިދާނެ ކަމަށެވެ! އެންމެ ބޮޑު ސަބަބަކީ ބޮޑެތި ޝައިޠޯނުިންތައް ކަސްތޮޅު އަޅުއްވަވާފައިވާ ކަމެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރައްވަވައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވާލައްވަވައިފައިވާ ކަމެވެ.  

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއް ކުރުން ހުއްޓާލައިފ ތައުބާވެއްޖެނަމަ އެމީހަކަށް ﷲ ތާޢާލާގެ ރަޙްމަތްފުޅު އޮހެންފަށާނެއެވެ. އެމީހަކަށް ނުވެސް އެނގޭހައި ގޮތްގޮތަށް އެމީހަކަށް ނިޢްމަތްތައް ލިބެންފަށާނެއެވެ. ވީމާ ތައުބާވުމަށް އަވަސްވެގަންނާށެވެ!  

އެންމެންނަށްވެސް ފާފަކުރެވެއެވެ. ވީމާ އަންހެނުންވެސް އަދި ފިރިހެނުންވެސް މިފަދަ ކަންކަމަށް ވިސްނާށެވެ!  ތައުބާ ވުމުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން