ކިތަންމެ ކުޑަކަމެއް ނަމަވެސް ހެޔޮ އަމަލުތައް ކުރުން ގިނަކުރާ މީހަކަށް ސުވަރުގެ ލިބުމުގެ ފުރުޞަތު ވަރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 4ސ
ކިތަންމެ ކުޑަކަމެއް ނަމަވެސް ހެޔޮ އަމަލުތައް ކުރުން ގިނަކުރާ މީހަކަށް ސުވަރުގެ ލިބުމުގެ ފުރުޞަތު ވަރަށް ބޮޑު!

ކުދިކުދި ހެޔޮ ޢަމަލުތައް ކުރިނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ދޭން އޮތް ޖަވާބަކީ ޛައްރެއްގެ މިންވަރުގެ ނަމަވެސް ހެޔޮ ޢަމަލެއްކޮށްފި މީހަކަށް އެކަމުގެ ޖަޒާ ދެއްވަވާނެތެވެ. އަދި ކުޑަކުޑަ ކަމެއް ކަމަށް ހީކުރެވެންވެސް ނެތްކަން ތިޜީގައިވާ ލިޔުމުން އެނގިލއްވާނެއެވެ. އިން ޝާ ﷲ 

ބައެއް މީހުން ޝައުޤުވެރިވަނީ ހަމައެކަނި ބޮޑެތި ހެޔޮ ޢަމަލުތައް ކުރުމަށެވެ. ނަމަވެސް އެވަރުން ފުދޭކަށް ނެތެވެ. ބަޔާންކޮށްދޭން މަސައްކަތްމިކުރަނީ އެކަމެވެ. އިން ޝާ ﷲ. 

ކުދިކުދި ހެޔޮ އަމަލުތައް ކުރުން ގިނަކުރުމަކީ ވެސް ސުވަރުގެ ލިބުމަށް އޮތް އެންމެ ފަސޭހަ މަގެކެވެ! ޞަހާބީން ޢަމަލުކުރެއްވެވި ގޮތަށްބަލައިފިނަމަ ކިތަންމެ ކުޑަ ނަމަވެސް ހެޔޮ ޢަމަލެއް ކުރެއްވެވުމުގެ ފުރުޞަތު ލިބިވަޑައިގެންފިނަމަ ނުކުރައްވަވައި ދޫކޮށްލާފައެއް ނުވެއެވެ. އެއީ ކިތަންމެ ކުޑަ ހެޔޮ ކަމަކުން ނަމަވެސް ކުރައްވައި މީޒާނަށް ބަރުކުރައްވަވަން ބޭނުންފުޅުވާތީއެވެ. އެކަމަށް އޮންނަ ޝައުޤުވެރިކަން ބޮޑުކަމުންނެވެ. ސުވަރުގެ ލިބިވަޑައިގަތުމުގެ ޝައުޤުވެރިކަން ބޮޑުކަމުންނެވެ. 

އާޚިރަތް ކާމިޔާބުކޮށް ސުވަރުގެ އެދިގެން އަހަރެމެންނަށްވެސް އޮތީ ހަމައެގޮތަށް ޢަމަލުކުރުމެވެ. ވީމާ ހެޔޮ އަމަލެއް ކުރުމުގެ ފުރުޞަތެއް ލިބުމުން އެއީ މާ ކުޑަކުޑަ ހެޔޮ ކަމެއް ކަމަށް ބަލައި ފަރުވާކުޑަނުކުރާށެވެ. ނުކޮށް ދޫކޮށް ނުލާށެވެ. އެކަމެއްގެ ފަހަތުން ދުވެގެންވެސް އެކަން ކުރެވޭތޯ ބަލާށެވެ! 

އެހެނީ ބޮޑެތި ކަންކަން ކުރަން މާ އުނދަގޫވާނެއެވެ. އަދި ގިނަ ފަހަރު އޮންނާނީވެސް ނުކުރެވިފައެވެ. އަދި ކީއްހެއްޔެވެ؟ ހަމައެކަނ ބޮޑެތި ކަންކަން ކުރަން ވިސްނައިގެން ހުންނަ މީހާއަށް އޮންނާނީ ގިނަ ފަހަރު އެއްވެސް ކަމެއް ނުކުރެވިފައެވެ. 

ހަމަ އެއާއިއެކު އެކަމަކީ ހެޔޮ އަމަލެއް ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވާ އެއްވެސް ކަމަކީ ކުޑަ ކަމެއް ކަމަށް ނުދެކޭށެވެ. އެއްވެސް ހެޔޮ ޢަމަލަކީ ކުޑަ ކަމެއް ނޫނެވެ. ބޮޑެތި ކަންތައްތައް ކުރަން ސަމާލުކަން ދެވޭނީވެސް ކުދި ކަންތައްތައް ކުރަން ފަށައިގަތުމުންނެވެ. ވީމާ ކުދި ކަންތައްތައް ކުރުމަކީ ބޮޑެތި ބޮޑެތި ކަންކަން ކުރުމަށް ފަށައިގަންނަން އެޅޭ ބިންގަލެކެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ތިބާ ކޮންމެ ދުވަހަކު ފަޤީރަކަށް ކާން ދެނީއެވެ. މިސާލަކަށް އެކަމަށް ދުވާލަކު ކުޑަކުޑަ ޚަރަދެއް ކުރުމަކީ ތިބާ އަށް އެއްވެސް ދަތި ކަމަކަށް ނުވެދާނެއެވެ. އަދި އެވަރު ކުޑަ ޚަރަދެއް ކުރުމުން އެ ޚަރަދު ކުރެވުނުކަންވެސް ތިބާއަށް އިޙްޞާޞް ނުވެދާނެއެވެ. ނަމަވެސް ދުވާލަކު 5 އެންމެ 5 ޑޮލަރު ޚަރަދުކުރާނަމަ އަހަރު ނިމޭއިރު ތިބާއަށް ވާނީ 365 މީހުންނަށް ކާން ދެވިފައެވެ. 10 އަހަރު ނިމޭއިރު އޮންނާނީ 3650 މީހުންނަށް ކާން ދެވިފައެވެ. ނަމަވެސް އެކަން އެވަނީ ކުރެވި ނިމިފައެވެ. 3650 މީހުންނަށް އެއް ފަހަރާ ކާންދޭން ވިސްނައިފިނަމަ އެކަމަށް ހިނގާނެ ޚަރަދު ބޮޑުކަމުން އޮންނާނީ ނުކުރެވިފައެވެ.    

(މި މިސާލު ރާއްޖެއަށް ބަލާނަމަ ހަމަ ވަރަށް ރަނގަޅު ފެންވަރުގައި ހޮޓަލަކުން 30 ރުފިޔާއަށް މީހަކަށް ކެވޭނެއެވެ. އެއީ އެންމެ ކޮފީތަށްޓެއްގެ އަގެވެ. ކޮންމެ ދުވަހަކު 30 ރުފިޔާ ފަޤީރަކަށް ދީގެން ކާން ދޭނަމަ އެކަން ޖީބަށް އިޙްޞާޞް ނުވެސް ކުރެވޭނެ މީހުން ވަރަށް ގިނަވާނެއެވެ. ނަމަވެސް އެމީހަކަށް 10 އަހަރު ތެރޭގައި ވާނީ 3650 މީހުންނަށް ކާން ދެވިފައެވެ.) 

އަހަރެމެންނަށް ކުޑަ އެހީއެއް ކަމަށް ނުވަތަ ކުޑަ ހެޔޮ ކަމެއް ކަމަށް ހީކުރެވޭ ކަންކަން ﷲ ތަޢާލާގެ ޙަޟްރަތުގައި އެއީ ވަރަށް މަތިވެރި ކަމަކަށްވެސް ވެދާނެއެވެ. ވީމާ މިވެނި ކަމަކީ ކުޑަ ހެޔޮ ކަމެއް ކަމަށް ބަލައިގެން އަޅާނުލައި ދޫކޮށް ނުލާށެވެ. މިސާލަކަށް މަގެއްގެ ޓްރެފިކް ބަންދުވެފައިވަނިކޮށް މަގު ހުޅުވައިލަން އެހީތެރިވުމަކީވެސް ހަމަ އެތައް ބައަކަށް ކޮށްދެވޭ ހެޔޮ އަމަލަކަށްވާނެއެވެ. ކޮށްލަން ޖެހޭ ކުޑަކުޑަ ކަމަކުން އެއްފަހަރާ އެތައް ބައަކަށް ފަސޭހަވެގެންދާނެ ކަމަށްޓަކައެވެ. އެއެންމެންނަށް އެހީތެރިވުމުގެ ނިޢްމަތް އެމީހަކަށް ލިބިގެންދާނެއެވެ. 

މިމޭރުމުން ބަލައިފިނަމަ ތިމާގެ ސަބަބުން މަގު ބަންދުވެއްޖެނަމަ އެއީ އެތައް ބައަކަށް ކުރެވޭ ދައްޗެކެވެ. އެކަމުގެ ސަބަބުން ފާފަވެރިވާނެ ވަރާއިމެދުގައިވެސް ވިސްނައިލަން ޖެހޭނެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކަންކަން ހުރީ މިމަގުން ކަމަށްވުމުން އެކަމަކީ ކުޑަކުޑަ ކަމެއް ކަމަށް ބަލައި ހެޔޮ އަމަލެއް ކުރުން ދޫކޮށް ނުލާށެވެ. ބޮޑެތި އިމާރާތްތައް ރާނާފައި ހުންނަނީވެސް އެންމެ ގަލަކުން ނޫނެއް ނޫން ހެއްޔެވެ؟ އެތައް ހާސް ކުދި ގައުތަކަކުން ނޫން ހެއްޔެވެ؟ ވީމާ ކުރާ ކުދިކުދި ހެޔޮ އަމަލުތައް ޤިޔާމަތް ދުވަހުން ބޮޑެތި ފަރުބަދަ ތަކުގެ ފެނިގެން ދިއުމަށް އުންމީދުކޮށް ހެޔޮ އަމަލުތައް ވީހައި ގިނަކުރާށެވެ! އާޚިރަތުގައި ތިބާއަށް ނަރަކައިން ސަލާމަތްވެވޭ ސަބަބަކަށްވެސް އެކަން ވެދާނެއެވެ. 

ފަށަމުން ކުދިކުދި ހެޔޮ އަމަލުތައް ކުރުން ގިނަކުރުމަކީ ވެސް ސުވަރުގެ ލިބުމަށް އޮތް އެންމެ ފަސޭހަ މަގެއްކަމަށް ބުނީ ކިތަންމެ ކުޑަނަމަވެސް ހެޔޮ އަމަލެއް ކުރުމުގެ ފުރުޞަތު ލިބުމުން ފުރުޞަތުގެ ބޭނުން ހިފާނަމަ އުމުރު ނިމގެންދާއިރު ކުރެވިފައި ހުންނަ ހެޔޮ ޢަމަލުތައް ގިނަވަމުން ގޮސް ބޮޑެތި ފަރުތައްހައި ގިނަ އެތައް ފުނިވަރެއް ޖަމާކުރެވި މީޒާނުގައި ހީވެސް ނުކުރެވޭވަރުގެ ބޮޑުތަނުން ބަރުވެގެންދާނެތީއެވެ. ވީމާ ސުވަރުގެ އެދިގެން ކުރާ އެންމެ ބޮޑު އެއް ކަމަކީ ކިތަންމެ ކުޑަ ހެޔޮކަމެއް ކުރުމުގެ ފުރުޞަތު ލިބުނު ނަމަވެސް ނުކޮށް ދޫކޮށްނުލައި އެކަމެއް ކުރުން ކަމުގައި ހަދާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން