އަނބިމީހާއަށް ރުޤްޔާކުރަންޖެހޭ ޙާލަތުގައި ރުޤްޔާ މީހެއްގެ ގާތަށް އެކަނި ފޮނުވުމަކީ ކޮންކަހަލަ ކަމެއްތޯ؟
ކިޔުންތެރިއަކު ކުރައްވާފައިވާ މިސުވާލުގެ ޖަވާބުގައި މިގެނެސްދެނީ ޢިލްމްވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ރުޤްޔާކުރަނީ ފިރިހެނަކު ކަމަށްވާނަމަ އެކަނި ނުފޮނުވާށެވެ! ގޮވައިގެންދާށެވެ! ގޮވައިގެން ފިރިމީހާއަށް ނުދެވޭނެނަމަ މަޙްރަމަކާއިއެކު ފޮނުވާށެވެ! އެހެނީ ޝައިޠޯނާ ނުވާނެ ތަނެއް ނެތެވެ. ޝައިޠޯނުންގެ ބަހަށް ނުހެއްލޭނެ މީހަކު ހުންނާނެ ކަމަށް ބަލައިގެން ނުވާނެއެވެ. ވީމާ ހިނގާނީ ކޮންކަމެއްކަމެއް ނުއެނގޭނެއެވެ.
ހަމައެކަނި އަނބިމީހާއެއް ނޫނެވެ. އެއްވެސް އަންހެނަކު އެކަނި ނުދާށެވެ! ޢާއިލާގެ މީހަކު ގޮވައިގެންދާށެވެ. ސަބަބަކީ އެއްވެސް ކަމެއްގައި ހިލޭ އަންހެނަކާއި ފިރިހެނަކު އެކަހެރިވުން ހުއްދައެއް ނޫނެވެ.
ރުޤްޔާކުރާ ރަނގަޅު މީހުން ބުނާނީވެސް މަޙްރަމަކާއިއެކުގައި އައުމަށެވެ. އެއީ ދީނުގައި ދެމީހުން އެކަނިވުމަށް ހުއްދަނުކުރާތީ އެކަމަށް ޢަމަލުކުރުމަށެވެ.
ތިޜީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އަންހެނުންނަށް ރުޤްޔާކުރާނަމަ ސަމާލުކަންދޭންޖެހޭ ބައެއް ކަންތައްތައް-
ޢަބްދުއްލަޠީފް
އެއްވެސް ކަމެއްކުރާ އެންމެންނަކީ އެއްގޮތަށް ކަންކަންކުރާނެ މީހުންނެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ތެދުވެރި އިޚްލާޞްތެރިން ތިބޭފަދައިން އެނޫން ބައަކުވެސް ތިބޭނެކަން ޤަބޫލުކުރަންވާނެއެވެ. އެހެންކަމުން އެއްވެސް ކަމެއްގައި އެއްވެސް މީހަކަށް މާބޮޑަށް އިތުބާރުކުރުމެއް ނެތެވެ.
ކަމެއް ގޯސްވުމުން ޝަކުވާ ކުރުމުގެ ބަދަލުގައި ކޮންމެ ކަމެއްގައިވެސް އޮތީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް ކުރިއާލައި އަޅައިގެން ކަންކަން ކުރުމެވެ. ވީމާ މިކިޔައިދޭ ކަންކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
މިގޮތުން އަންހެނުންނަށް ރުޤްޔާކުރާނަމަ ސަމާލުކަންދޭންޖެހެނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
1 ރުޤްޔާކުރާ މީހާ، ރުޤްޔާ ކުރެވޭ އަންހެނާގެ ގައިގައި އަތްލައިގެން ނުވާނެއެވެ!
2 ރުޤްޔާކުރަންވާނީ ޙިޖާބްއަޅުވައިގެންނެވެ.
3 އަންހެނާ ހުންނަވާނީ މަޙްރަމަކާއިއެކުގައެވެ.
4 ކައިވެނިކޮށްގެން ހުރި އަންހެނަކު ނަމަ ބޮޑަށް އެދެވިގެންވަނީ ފިރިމީހާ އާއިއެކުގައިވުމެވެ.
5 ރުޤްޔާކުރާއިއރު އަންހެނުންވެސް އަދި ފިރިހެނުންވެސް އެންމެ ބޮޑަށް ވިސްނަންޖެހޭ އެއްކަމަކީ ރުޤްޔާކުރުމަކުން އެއްވެސް ކަމެއް ޙައްލުނުކުރެވޭނެކަމެވެ. ރުޤްޔާއަކީވެސް އެއިގެ އަމިއްލަ ޒާތުގައި އެއްވެސް ބާރެއް ލިބިގެންވާ ކަމެއް ނޫންކަމެވެ. ޑޮކްޓަރުން ބޭސްކުރިނަމަވެސް ޝިފާދެއްވަވަނީ ﷲ ތަޢާލާ ފަދައިން ރުޤްޔާކުރުމުންވެސް ޝިފާ ދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ.
އިންސާނުންނަކީ އަބަދުވެސް ކަންކަން ފަހުން ވިސްނޭ ބައެކެވެ. ޢަމަލުކުރުމުގައި ފަހަތުގައި ތިބޭ ބައެކެވެ. ވީމާ މާޒީގައި ތިބާއަށް މާގިނަ ހެޔޮ ޢަމަލުތައް ނުކުރެވޭކަމަށްވެސް ވެދާނއެވެ. އަދި ފާފަތައް ކުރެވިފައިވެސް ހުރެދާނެއެވެ. މުހިންމު ކަމަކީ ރުޤްޔާފަދަ ކީރިތި ޤުރްއާނުން ބޭނުންކޮށްގެން ކުރާ ކަންކަން ކުރަމުންގެންދާއިރު އެކަމުގެ ފައިދާ ލިބެންހުންނަ މީހާ ﷲ ގެ މަގުގައި ސާބިތުވެހުރުމެވެ. ފުރިހަމަ ގޮތުގައި ތައުބާވެ ހެޔޮ ޢަމަލުކުރުން ގިނަކޮށް އަދި ދުޢާކުރުންވެސް ގިނަކުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން