ހއ. ތަކަންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްއެއްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމް އެވެ.
މި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، އްޔިތުންނަށް 24 ގަޑިއިރު ބޭންކިންގ ޚިދުމަތް ލިބޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އެއް ސިޔާސަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކުރުމެވެ. މި ސިޔާސަތުގެ ދަށުން ގިނަ ރަށްތަކެއްގައި މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ފެށިފައެވެ.
ތަކަންދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ. މީގެ ކުރިން ބޭންކިންގ ޚިދުމަތް ހޯދުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ދަތިކަން މިހާރު ވަނީ ޙައްލުވެފައެވެ.