ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދާ އެއްގޮތަށް ހއ. މާރަންދޫ އާއި އުތީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
މާރަންދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމެވެ. އަދި އުތީމުގައި މި ޚިދުމަތް ފައްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދުއެވެ. މި އޭޓީއެމްތަކަކީ 24 ގަޑިއިރު ޚިދުމަތް ލިބޭނެ އޭޓީއެމްތަކެކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރުގެ ނިޔަލަށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ. މި މަޝްރޫޢުގެ ދަށުން މުޅި ރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިފްތިތާހުކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ވަނީ ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައި، އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. މި ޚިދުމަތުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ.