ރަށެއްގެ އިޤްތިޞާދު ކުރިއަރައިދާނީ ވިޔަފާރީގެ ކަންކަމަށް ފަސޭހަވާނެހެން ބޭންކިންގެ ޚިދުމަތްވެސް އެރަށަކުން ލިބިގެން: ވަޒީރު ޠާރިޤް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރަށެއްގެ އިޤްތިޞާދު ކުރިއަރައިދާނީ ވިޔަފާރީގެ ކަންކަމަށް ފަސޭހަވާނެހެން ބޭންކިންގެ ޚިދުމަތްވެސް އެރަށަކުން ލިބިގެން: ވަޒީރު ޠާރިޤް

ރަށެއްގެ އިޤްތިޞާދު ކުރިއަރައިދާނީ ވިޔަފާރީގެ ކަންކަމަށް ފަސޭހަވާނެހެން ބޭންކިންގެ ޚިދުމަތްވެސް އެރަށަކުން ލިބިގެން ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހއ. މާރަންދޫގައި އައު އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވިދާޅުވީ މިފަދަ ޚިދުމަތްތައް ރަށްރަށުން ލިބެން ފެށުމުން އެ ސަރަޙައްދުގެ ވިޔަފާރިތައް ކުރިއަރައިގެންދާނެ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއްކަމަށްވާ، މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

"މާރަންދޫގެ ރައްޔިތުންވެސް ވަރަށް ބޮޑަށް ބޭނުންވޭ ރަށުގައި ތިބެގެން ބޭންކިންގެ ޚިދުމަތް ހޯދުމަށް. ކިތަންމެ ކުޑަ ފައިސާއެއް ނެގުމަށްވެސް ނުވަތަ ޖަމާކުރުމަށްވެސް މާރަންދޫގެ ރައްޔިތުން ދާން މިޖެހެނީ ދިއްދޫއަށް. އެއީ 100 ރުފިޔާ ނަގަން ޖެހޭ މީހާއަށްވެސް އެތައް ފައިސާއެއް ޚަރަދުކުރަންޖެހޭ ކަމެއް،" ވަޒީރު ޠާރިޤް ވިދާޅުވިއެވެ.

މީގެ ކުރިން މާރަންދޫގެ ރައްޔިތުން ކިތަންމެ ކުޑަ އަދަދެއްގެ ފައިސާއެއް ޖަމާކުރުމަށް ނުވަތަ ނެގުމަށް ދާންޖެހެނީ ބޮޑު ޚަރަދުކޮށްގެން އެހެން ރަށަކަށެވެ. ނަމަވެސް މިހާރު މާރަންދޫގައި އޭޓީއެމް ބެހެއްޓުމާއެކު، ދިއްދޫއަށް ދާންޖެހޭ ދިއުން ނިމުމަކަށް އަންނާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އަތޮޅުގެ އެކި ސަރަޙައްދުތަކަށް ފަތުރުވެރިކަން ފުޅާވެގެންދާއިރު، އަމިއްލަ ރަށުން ބޭންކިންގ ޚިދުމަތް ލިބެން ފެށުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން