މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރެވޭނެ: ބީއެމްއެލްގެ ސީއީއޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރެވޭނެ: ބީއެމްއެލްގެ ސީއީއޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރެވޭނެ ކަމަށެވެ.

ހއ. އުތީމުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްގޮތަށް، ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއްގައި ނަމަވެސް، އެރަށެއްގައި ތިބެގެން ބޭންކުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިއަހަރު ނިމޭއިރު 250 އަށްވުރެ ގިނަ އޭޓީއެމް ރާއްޖޭގައި ޤާއިމްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއާއެކު ކޮންމެ ރަށެއްގައި ހުރެގެންވެސް މާލީ ވަސީލަތްތަކަށް ވާސިލްވުމަށް މިހާރު ދިމާވާ ހުރަސްތަކަށް ހައްލު ލިބިގެންދާނެ. މިހާރުވެސް އަޅުގަނޑުމެން މި އަތޮޅުގައި 3 ބްރާންޗަކުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުން މިދަނީ. ބޭންކިން ޚިދުމަތް ހޯދުމަށް ބްރާންޗް ހުންނަ ރަށަށް ދަތުރުކުރުމަކީ ޚަރަދުބޮޑު އަދި ވަގުތު ނަގާ ކަމެއް. ނަމަވެސް ރަށުގައި އޭޓީއެމް ހުރުމުން ރަށުގައި ތިބެގެން ޚިދުމަތް ލިބުމުގެ ބާރުވެރިކަން ލިބިގެންދާނެ،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ރަށްތަކުގައި ގާއިމުކުރާ އޭޓީއެމްތަކުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ޓްރާންސްފަރ ކުރުމާއި، ލޯނަށް ފައިސާ ދެއްކުމާއި، ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ނަމުގައި މަޝްރޫއެއް ފައްޓަވައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވުމެވެ.

މިއަދު އޮންލައިން