ތިމާ ޙާޞިލުކުރަން ބޭނުންވާ އުފާތަކުގެ ތެރެއިން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިދާނެކަމަށް ބިރުވެތިވެ ޤުރްބާންކުރާ ކޮންމެ ޢަމަލެއްގެ ސަބަބުން އެޢަމަލަކާއި އެއްވަރަށް އެމީހަކަށް ﷲ ތަޢާލާ އެމީހަކަށް ހެޔޮ ޖަޒާ ދެއްވަވަތެވެ. ޖަޒާގެ ގޮތުގައި ތަނަވަސްކަމާއި އުފާވެރިކަމުގެ އިތުރުން ތަޤްވާވެރިކަންވެސް އިތުރުކޮށް ދެއްވަވަތެވެ. އިން ޝާ ﷲ
އަހުރެން ބައިވަރު ހެޔޮ ޢަމަލުތައް ކޮންމެ ދުވަހަކު ކުރާއިރު އަމިއްލަ އުފަލަށްޓަކައި ކުޑަކުޑަ ފާފައެއް ކޮށްލުމަކީ މައްސަލައެއް ކަމަށް ޤަބޫލުނުކުރެވޭ މީހުން ހަމަ ވަރަށް ގިނަ އެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. މިއީ ވަރަށް ނުބައި ވިސްނުމެކެވެ.
ފުރަތަމަ ކަމަކީ ކުރެވޭ ކޮންމެ ހެޔޮކަމަކަށް ޘަވާބުލިބި މީހާގެ ދަރަޖަ މަތިވެރިވެގެންދާ ފަދައިން ކުރެވޭ ކޮންމެ ނުބައި ކަމަކާއިއެކު ފާފަވެރިވެ މީހާގެ ދަރަޖަ ވެއްޓިގެންދާނެ ކަމެވެ.
މީސްތަކުންނޭވެ! އަޅުކަމަށް ކަންނެތްވުމާއި ފަރުވާކުޑަކުރުމާއި ހީވާގިކަމާއި ސަމާލުކަން ކުޑަކުރެވުމަކީވެސް ފާފަވެރިވެ މީހާގެ ދަރަޖަ ވެއްޓިގެންދާނެ ކަމެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުމަށް ހުރަސްތައް އެޅި، ހިތާމަތައް ކުރިމަތިވެ އަދި ދެރަ ގޮތްތައްވެސް މެދުވެރިނުވެ ނުދާނެއެވެ.
ވީމާ މިކަންކަމަށް ވިސްނާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރާށެވެ! ފާފައަކަށްވެދާނެ ކަމެއްވެސް ނުކުރާށެވެ! އަދި އަޅުކަން ކުރުމުގައި ހީވާގިވެ ސަމާލުކަން އިތުރުކުރާށެވެ! އެއިރުން އެމީހެއްގެ ދުނިޔެއާއި އާޚިރަތްވެސް ބާއްޖަވެރިވާނެއެވެ. އުފާވެރިވާނެއެވެ. އިން ޝާ ﷲ
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން