ބައިވެރިޔާ އެދުނަސް ޙަރާމްކަމެއް ކުރަން ބައިވެރިނުވާށެވެ! އެކަމަށް އެއްބާރުލުން ނުދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 52ސ
ބައިވެރިޔާ އެދުނަސް ޙަރާމްކަމެއް ކުރަން ބައިވެރިނުވާށެވެ! އެކަމަށް އެއްބާރުލުން ނުދޭށެވެ!

އެންމެ ބޮޑަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭނެ ބައަކީ އެމީހެއްގެ މައިންބަފައިންނެވެ. އެހެންކަމާއިއެކުވެސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ކުރަން ބުނެފިނަމަ މައިންބަފައިންނަށްވެސް ކިޔަމަންތެރިވުމެއް ނެތެވެ.  

ކައިވެނިކުރުމަށްފަހު ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރަން ޖެހޭނެއެވެ. އެކަމަކުވެސް އަދި ފިރިމީހާ ނަމަވެސް ﷲ ތައާލާ ނަހީކުރައްވަވާފައިވާ ކަމެއް ކުރަން ބުނެފިނަމަ ކިޔަމަންތެރިވުމެއް ނެތެވެ. އެކަމަކަށް އެއްބާރުލުން ދިނުމެއްވެސް ނެތެވެ.  

ވިސްނާށެވެ! ފިރިމީހާގެ ޙައްޤުތަކާއި މައިންބަފައިންގެ ޙައްޤުތައްވެސް އަންނާނީ ﷲ ތަޢާލާގެ ޙައްޤުތަކުގެ ފަހަތުންނެވެ. ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ކުރަން ބުނުމުން އެބުނި މީހާއަށް ނުބަލާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ ﷲ ތަޢާލާއަށް ކިޔަމަންތެރިވާށެވެ! 

މިޙާލަތުގައި ފާފަވެރިވާނީ އެހެން މީހަކަށް ނުކިޔަމަންތެރިވުމަކުން ނޫނެވެ! ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުންނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!   

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

މާތްﷲ އިންސާނާ އަށް ދެއްވި ގުނަވަންތައް ހެޔޮގޮތުގައި ބަލަހައްޓާ ރައްކާތެރި ކުރުމަކީ މާތް ﷲ ވާޖިބް ކުރައްވާފައި ވާ ކަމެކެވެ. އެގުނަވަންތަކަކީ މާތްﷲ ދެއްވެވި ބޮޑު ނިޢުމަތެއްކަން ދަނެ އެކަމަށް ޝުކުރު ވެރި ވުމަކީ ގުނަވަތައް ރައްކާތެރި ކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

މާތްﷲ އިންސާނާއަށް ދެއްވެވި އެންމެ މުހިންމުކަން ބޮޑު ދެ ގުނަވަނަކީ ފެނުމާއި އަޑުއެހުމުގެ ހިއްސެވެ. މި ދެކަމަކީ އޭނާގެ ހިތް ހަލާކު ކޮށްލާ މުންކަރާތް ތަކަށް އަރައިގަތުމަށް މަގު ފަހިކޮށްދޭ  ދެކަންތަކެވެ. 

އެހެން ކަމުން މި ހިއްސުތަކާ ބެހޭ ގޮތުން ގިޔާމަތް ދުވަހުން ސުވާލު ކުރައްވާނެ ކަން އަންގަވާ ވަހީ ކުރައްވަނީ (إن السمع والبصر والفؤاد كل أولئك كان عنه مسؤولا) މާނައަކީ: "ހަމަ ކަށަވަރުން އަޑުއެހުމާއި ފެނުން އަދި ހިތާބެހޭ ގޮތުން މާތްﷲ ސުވާލު ކުރައްވާނެތެވެ." 

އަލްއިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވި ބަސްފުޅެއްގައި ވެއެވެ. އިންސާނާގެ ލޮލާއި, ކަންފަތާއި, ދުލާއި, ފޮރުވިފައިވާ ގުނަވަންތަކާއި، އަތާއިފައި މި 6 ކަންތަކަކީ އިންސާނަކު ހަލާކު ވުމަށްވެސް އަދި ސަލާމަތް ވުމަށްވެސް ބޭނުންކުރެވިދާނެ ހަތިޔާރު ތަކެކެވެ. މި 6 ގުނަވަނަށް ރައްކާތެރި ނުވެއްޖެ މީހާ ހަލާކު ވެގެން ހިގައި ދާނެ އެވެ. އަދި މި ގުނަވަންތައް ރައްކާތެރި ކޮށް، އޭގެ ރަގަޅު ގޮތުގައި ބޭނުން ކޮށްފި މީހާ އަށް ސަލާމަތް ކަން ލިބިއްޖެ އެވެ.  

މި 6 ގުނަވަނަށް ރައްކާތެރި ވުމަކީ ހުރިހާ ރަގަޅު ކަންތަކެއްގެ އަސާސެވެ. އަދި މި ގުނަވަންތަކަށް ރައްކާތެރި ނުވުމަކީ ހުރިހާ ނުބައި ކަމެއްގެ އަސާސް ވެސް މެ އެވެ.  

މާތްﷲ ވަހީ ކުރައްވަނީ (قل للمؤمنين يغضوا من أبصارهم ويحفظوا فروجهم ذلك أزكى لهم) މާނައަކީ: " އެބައި މީހުންގެ ލޯތައް ތިރިކޮށް, ފަރްޖުތައް ރައްކާތެރި ކުރުމަށް މުއިމިނުންނަށް ކަލޭގެފާނު ވިދާޅު ވާށެވެ. އެގޮތް އެމީހުންނަށް ހެޔޮކަން ބޮޑުވެގެން ވެއެވެ." 

މި އާޔަތު ގައި ލޯތައް ތިރި ކޮށް އަދި ފަރްޖު ރައްކާތެރި ކުރުމުގެ ވާހަކަ އައިސްފައި އޮތުމުން ދޭހަވެގެން ދަނީ ލޯތިރިކުރުމަކީ ނުވަތަ ނަޒަރް ތިރި ކުރުމަކީ ފަރްޖު ރައްކާތެރި ކޮށްދޭ ކަމެއްކަމެވެ. އަދި ބޭނުން ތަނަކަށް ބެލުމަށް ލޯހުޅުވާ ދޫކޮށްލާފައި ބެހެއްޓުމަކީ ނުބައި ކަންތަކަށް އަރައިގަތުމަށް މަގުފަހިވެގެން ދާނޭ ކަމެއްކަމެވެ.  

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. ( فَالْعَيْنَانِ زِنَاهُمَا النَّظَرُ ، وَالأُذُنَانِ زِنَاهُمَا الاسْتِمَاعُ ، وَاللِّسَانُ زِنَاهُ الْكَلامُ ، وَالْيَدُ زِنَاهَا الْبَطْشُ ، وَالرِّجْلُ زِنَاهَا الْخُطَا ، وَالْقَلْبُ يَهْوَى وَيَتَمَنَّى ، وَيُصَدِّقُ ذَلِكَ الْفَرْجُ وَيُكَذِّبُهُ ) رواه البخاري ( 6243 ) ومسلم ( 2657)                           

މާނަ އަކީ: "ދެލޮލުންކުރެވޭ ޒިނޭއަކީ ނުބައިތަންތަނަށް ބެލުމެވެ. ދެކަންފަތުން ކުރެވޭ ޒިނޭއަކީ ނުބައިވާހަކަތައް އަޑުއެހުމެވެ. ދުލުން ކުރެވޭ ޒިނޭއަކީ ނުބައި ފާހިޝް ވާހަކަ ދެއްކުމެވެ.  އަތުން ކުރެވޭ ޒިނޭއަކީ ބީހުމެވެ. ފައިން ކުރެވޭ ޒިނޭއަކީ ނުބައި ކަންތަކަށް އަޅާ ފިޔަވަޅުތަކެވެ. ހިތުން އެކަމަށް އެދި އުއްމީދުކުރެ އެވެ. މިހުރިހާ ކަމެއް ތެދުކޮށް، ދޮގު ކުރަނީ ފަރްޖެވެ. " 

އަޅުގަޑުމެން އެންމެންނަށް ވެސް އެގޭނެ ފަދައިން ބެލުމަކީ ޒިނޭ ކުރުމަށް މަގު ފަހިކޮށްދޭ ކަމެކަމެވެ. އެހެންކަމުން ރިވެތި އަންހެން ކުއްޖަކާ ދިމާލަށް ބަލަހައްޓައިގެން ހުރުމަކީ އޭނާގެ ހިތުގައި އެކުއްޖަކާމެދު ލޯބިއުފެދި ފާހިޝް ކަންތަކަށް މަގުފަހި ކޮށްދޭނޭ ކަމެކެވެ.  

ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި ވެއެވެ. (النظرة سهم من سهام إبليس)  މާނަ އަކީ: " ބެލުމަކީ އިބްލީސް ގެ ތީރު ތަކުގެ ތެރެއިންވާ ތީރެކެވެ."  

ފިލްމު ތަކުގައި އަންހެން ކުދިން ނިވާކަންކުޑަ ޙާލުގައި ތިބެގެން ނަށާ، ލަވަކިޔާ ހަދާތަން ބެލުމަކީ ނުބައި ކަންތަކަށް މަގުފަހިކޮށްދޭނޭ ކަމެއްކަމާ މެދަކު އެއްވެސް ޝައްކެތް ނެތެވެ. އެހެންކަމުން މިފަދަ މަންޒަރުތައް ބެލުން އިސްލާމްދީނުގައި ވަނީ މަނާކުރައްވާފައެވެ. 

ތިޔަކަމުގައި ފިރިމީހާ އާއި ބައިވެރިވުމަކީ ޙަރާމް ކަމެކެވެ. އަދި އޭނާ އަށް އެއްވެސް ގޮތަކުން ތިކަމުގައި ވާގި ވެރިވުމަކީ ވެސް ޙަރާމް ކަމެކެވެ. ތިފަދަ ނުބައި ކަންތަކުން ދުރުހެލިވުމަށް ފިރިމީހާ އަށް  ހިދާޔަތް ދެއްކެވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ގިނަގިނައިން ދުޢާ ކުރާށެވެ. އަދި ނަޞޭޙަތް ދޭށެވެ. ދީނީ ޢިލްމުވެރިޔަކު މެދުވެރިކޮށް ތިކަމުގެ ނުބައިކަން އޭނާ އަށް ވިސްނައިދޭށެވެ. ނަޞޭޙަތް ގަބޫލު ނުކޮށް ތިކަމުގައި ދެމިހިރެއްޖެނަމަ ދެންވެސް ތިކަން ހުއްޓުވުމަށް ކުރެވެން ހުރިކަންތައް ކުރާށެވެ. والله أعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ މީހަކު-

ޢަޅުގަނޑުގެފިރިމީހާ އަކީ އިންޓަރނެޓުން އޮރިޔާންވީޑިއޯ ބެލުމާއި ޗެޓްކުރުމަށްލޯބިކުރާ އެކަން ކުރާމީހެކެވެ. ވަރަށް ގިނަފަހަރު ނަސޭހަތް ދިނުމުންވެސްއެކަމެއް ނުހުއްޓިއެވެ. އަދި އެކަމުގައި އަޅުގަނޑުވެސް ބައިވެރިކުރަން އޭނާބޭނުންވެއެވެ. ދެން އަޅުގަނޑު ހަދާނީ ކިހިނެއް ތޯ؟ ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

 

މިއަދު އޮންލައިން