އަޅުގަނޑުމެންގެ ޞިއްޙީ ފަރުވާގެ ކަންކަން އަދި މިވަޤުތު ހުރިގޮތުން ކިރިޔާވެސް ބޮޑުކަމެއް ޖެހިގެން ރަށުގެ ޞިއްޙީ ަމރުކަޒަށް ހިނގައްޖެނަމަ ބުނަނީ އަވަހަށް އަތޮޅު ހޮސްޕިޓަލަށް ދިއުމަށެވެ. އަތޮޅު ހޮސްޕިޓަލުން ބުނަނީ އަވަހަށް މާލެ ދިއުމަށެވެ. އެހިސާބުން ފަޤީރުންނަށް ގޮތް ހުސްވެއެވެ.
ފަރުވާއަށް މާލެ ފޮނުވުމުން އާސަންދައިން ބޭސްފަރުވާ ކުރެވުނަސް މާލޭގައި ހުރުމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުކަމުންނެވެ. ހުރުމާއި ކެއުމުގެ ޚަރަދުތައް ބޮޑުކަމުންނެވެ.
އަތޮޅުތަކަށް ބެލިނަމަވެސް މިކަން އޮތީ ހަމަ މިފަދަ ގޮތަކަށެވެ. އަތޮޅު ހޮސްޕިޓަލް ހުންނަ ރަށުގައި މަޑުކުރަން ޖެހިއްޖެނަމަ ތިބޭނެ ތަނެއްގެ މައްސަލަ ކުރިމަތިވެއެވެ. އެހީތެރިވެދޭނެ ރަޙްމަތްތެރިއަކު ނެތްނަމަ ޖެހެނީ ތަނެއް ކުއްޔަށް ހިފައިގެން ހުންނާށެވެ! ފަޤީރުންނަށް އެކަންވަނީ ވަރަށް ބޮޑު ކަމަކަށެވެ.
ހުރިހާ ރަށެއްގެ ހުރިހާ ޞިއްޙީމަރުކަޒުތައް ޓާޝަރީ ފެންވަރަށް ތަރައްޤިކުރުމަކީ ސަރުކާރަށް އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ އަތޮޅު ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ގެންނަން ސަރުކާރުން މިހާރުވެސް ގެންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
މިމައްސަލަ ސަމާލުކަމަށް ގެނެވޭތޯ އެކިފަހަރު މަތިން މިއަދުނޫހުގައިވާނީ މަސައްކަތް ކުރެވިފައެވެ. އަނެއްކާވެސް މިއީ ހަމަހަނދުމަކޮށްލައިދިނުމެކެވެ. ތަނަވަސްކަން ހުރި މީހުންގެ އެހީތެރިކަން ލިބިގެން ނަމަވެސް މިކަމަކީ ކޮންމެވެސް ގޮތަކުން ކުރަންޖެހިފައިވާ ކަމެކެވެ. އެކަމަށް ކުރާ ހޭދައަކީ ޝައްކެއްވެސް ނެތް ގޮތުގައި ދެމެހެއްޓެނިވި ޞަދަޤާތެކެވެ.
ދަލީލަކަށް މި ޙަދީޘްފުޅު ބައްލަވާށެވެ!
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
"--إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ: عِلْمًا عَلَّمَهُ وَنَشَرَهُ، وَوَلَدًا صَالِحًا تَرَكَهُ، وَمُصْحَفًا وَرَّثَهُ، أَوْ مَسْجِدًا بَنَاهُ، أَوْ بَيْتًا لِابْنِ السَّبِيلِ بَنَاهُ، أَوْ نَهْرًا أَجْرَاهُ، أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ، يَلْحَقُهُ مِنْ بَعْدِ مَوْتِهِ—"
[رواه ابن ماجه وحسنه الألباني]
މާނައީ: "ހެޔޮކަންތައްތަކާއި ޢަމަލުތަކުގެ ތެރެއިން މުއުމިނަކު މަރުވުމަށްފަހު އޭނާއަށް އޭގެ ފައިދާ ޙާޞިލުވާނެ ކަންތައްތަކަކީ، އޭނާ އުނގަންނައިދިން އަދި ފަތުރައިދިން ޢިލްމަކާއި، އޭނާ ދޫކޮށްފައިދާ ޞާލިޙް ދަރިއަކާއި، އޭނާ ވާރުތައިގެ ގޮތުގައި ދޫކޮށްފައިވާ ޤުރުއާން މުޞްހަފެއް ނުވަތަ އޭނާ ބިނާކުރި މިސްކިތެއް ނުވަތަ ދަތުރުވެރިންނަށް އޭނާ ބިނާކޮށްދިން ގެއެއް ނުވަތަ އޭނާ ހަދައިދިން ކޯރެއް ނުވަތަ އޭނާ ދުޅަހެޔޮކަމާއެކީ ދިރިހުރެ އޭނާގެ މުދަލުން ނެރުނު ޞަދަޤާތެކެވެ. (މިހުރިހާ ކަމެއްގެ ދަރުމަ) އޭނާ މަރުވުމުން އޭނާއާއި ހަމައަށް ފޯރާނެއެވެ."
ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައިވާ މީހުން ރާއްޖޭގައި މިހައި ގިނައިރު އަތޮޅު ހޮސްޕިޓަލް ހުންނަ ރަށްތަކުގައި ކިތަންމެ ކުޑަ ނަމަވެސް ގެއެއް އަޅައިލަދިނުން ކީއްހެއްޔެވެ؟ އެކަމުން ތިމާއަށް ކުރާނެ ފައިދާއަށް ވިސްނައިލުން ކީއްހެއްޔެވެ؟