އެހެން މީހުން ދީނަށް ލޯބިކުރާވަރަށް ނުބަލައި ތިމާ ދީނަށް ލޯބިކޮށް ޢަމަލުކުރާނަމަ ތިބާއަށް އޮތީ ސަލާމަތްކަމާ އުފާވެރިކަން! އިން ޝާ ﷲ-: އިމާމް ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އެހެން މީހުން ދީނަށް ލޯބިކުރާވަރަށް ނުބަލައި ތިމާ ދީނަށް ލޯބިކޮށް ޢަމަލުކުރާނަމަ ތިބާއަށް އޮތީ ސަލާމަތްކަމާ އުފާވެރިކަން! އިން ޝާ ﷲ-: އިމާމް ޢުމަރު ސުލައިމާން

ގިނަ ބައަކަށް ޖެހިގެން އުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ މިވެނި އެވެނި މީހުން އުޅޭ ގޮތް ބަލާކަމެވެ. އަދި ދީނަށް ފަރުވާކުޑަކުރާ މީހުންގެ ޢަމަލުތަކަށް ބަލާކަމެވެ. ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ ފުރަތަމަ ކަމަކަށް ހެޔޮލަފާ ތަޤްވާވެރިން ޢަމަލުކުރާ ގޮތް ބަލައި އެގޮތަށް ނުވަތަ އެއަށްވުރެ ރަނގަޅަށް ދީނަށް ޢަމަލުކުރަން މަސައްކަތްކުރުމަށެވެ.  

ބައެއް މީހުންނަށް ހީވެގެން އުޅެނީ މުސްލިމުން ބަލިކަށިވަނީ ކާފިރުންގެ ޢަދަދު ގިނަވެފައި ކާފިރުން ﷲ ތަޢާލާ ދެކެ ރުޅިއަންނަ މިންވަރު ބޮޑުވުމުގެ ސަބަބުންކަމަށެވެ. ނަމަވެސް އެއީ އެގޮތަށް އޮތްކަމެއް ނޫނެވެ. އެއީ ހަމަ އަހުރެމެން މުސްލިމުންގެ މައްސަލައެކެވެ.  

އެހެން ބުނަން ޖެހޭ ސަބަބުވެސް ބުނާނަމެވެ. މުސްލިމުން ކާފިރުންގެ މައްޗަށް ގަދަވެގަންނަމުން އައީ ކާދިރުންގެ ޢަދަދު މާގިނަ ދުވަސްވަރެއްގައެވެ. ކާފިރުންގެ ބާރު މާވަރުގަދަ ދުވަސްވަރެއްގައެވެ. އެއީ ކީއްވެގެންހެއްޔެވެ؟ ސަބަބަކީ އެއިރު ތިބި މުސްލިމުންގެ ޢަދަދު ކިތަންމެ މަދުނަމަވެސް އެމީހުންގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯބި ބޮޑުކަމުންނެވެ.  

އެއިރު އުޅުނު މުސްލިމުން ﷲ ތަޢާލާ ދެކެ ލޯބިވާކަން ހާމަކުރަމުން އައީ ދުލުން އެކަންޏެއް ނޫނެވެ. އެމީހުންގެ ޢަމަލުތަކުންވެސް އައީ ދައްކަމުންނެވެ. ތަޤްވާވެރިކަމާއި ކިޔަމަންތެރިކަމުންވެސް އައީ ދައްކަމުންނެވެ. އެހެންވީމާ ﷲ ތަޢާލާ މުސްލިމުންނަށް ނަޞްރު ދެއްވެވީއެވެ.  

މިއަދުވެސް މުސްލިމުންނަކީ ހަމައެކަނި ދުލުން ﷲ ތަޢާލާ ދެކެ ލޯބިވާ ބައަކުކަން ބަޔާންކުރުމުގެ ބަދަލުގައި އެއިރު ތިބި މުސްލިމުންފަދައިން ޢަމަލުކުރާ ބައަކު ކަމުގައި ނިކަންވެބަލާށެވެ! އަޅުކަންކުރުމުގައި ފަރުވާތެރިވެބަލާށެވެ! ޤުރްއާނާއި ސުންނަތަށް ޢަމަލުކުރާ ބައަކު ކަމުގައި ނިކަންވެބަލާށެވެ! އެކަންކަން ތިމާމެންގެ ކިބައި ބަހައްޓައިގެން ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިބަލާށެވެ. ނަޞްރު ދެއްވަވާނެތެވެ.  

ޤައުމުތަކުގެ ވެރިނަ ޢަމަލުކުރާ ގޮތާއި މުޖުތަމަޢުތަކުގެ ގިނަ ބައަކު ޢަމަލުކުރާ ގޮތަށް ނުބަލައި ތިމާއަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވާ އަޅެއްކަމުގައިވެބަލާށެވެ! އެމީހަކަށް ހިދާޔަތާއި ނަޞްރު ދެއްވަވާނެތެވެ. ކުރިއެރުމާއި ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. އުފާވެރި ދިރިއުޅުމެއް ދެއްވަވާނެތެވެ. އަދި އާޚިރަތުގައިވެސް އެމީހަކަށް ބާއްޖަވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން