ޤުރްއާނާ ސުންނަތުން ފެންނަހުރި އެއްވެސް ކަމެއްގަ ސުވާލު ނުއުފައްދާ މީހަކަށް ޞަޙާބީންގެ ދަރަޖަ ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޤުރްއާނާ ސުންނަތުން ފެންނަހުރި އެއްވެސް ކަމެއްގަ ސުވާލު ނުއުފައްދާ މީހަކަށް ޞަޙާބީންގެ ދަރަޖަ ދެއްވަވާނެ! އިން ޝާ ﷲ

މިއަދު ބައެއް މީހުންގެ ގާތުގައި ދީނުގެ ކަމަކަށް ޢަމަލުކުރަން ބުނެފިނަމަ ފުރަތަމަވެސް ބަލާނީ އެކަމެއް ކުރުމުން ކުރާނެ ފައިދާ ސައިންސުން އެނގެން އެބައޮތްތޯއެވެ. މިދައްކަނީ ފަރުޟްތަކުގެ ވާހަކައެއް ނޫނެވެ. ކެއިން ބުއިމާއި ވިޔަފާރިކުރުމާއި މިނޫންވެސް ދުނިޔަވީ ގޮތުން ކޮށްއުޅޭ ކަންކަމުގެ ވާހަކައެވެ. ދިރިއުޅެވޭ ގޮތުގެ ވާހަކައެވެ. އެހެނީ ދީނުގައި ފަރުޟް ކުރައްވަވާފައިވާ އެއްވެސް ކަމަކަށް އެއްވެސް މުސްލިމަކު ދެކޮޅެއް ނުހަދާނެއެވެ. 

ރަނގަޅަށް ވިސްނާށެވެ! ޞަޙާބީންގެ ހިތްތަކުގައިވެސް ސުވާލު އުފެދުނު އެތައް ކަމެއް ކުރިމަތިވިއެވެ. ނަމަވެސް އެބޭކަލުން އެއްވެސް ސުވާލެއް ނުއުފައްދަވައެވެ. އެކަމަކީ ޤުރްއާނާއި ސުންނަތުގައި އޮތްގޮތްކަން އެނގުމުން ވަޤުތުން ޤަބޫލު ކުރެއްވެވިއެވެ. ތާބިޢީންވެސް ޢަމަލުކުރެއްވެވީ ހަމައެގޮތަށެވެ.

މިޘާލެއްވެސް ބުނެލާނަމެވެ. މަސްތުވުމުގެ ޢަމަލެއް ކުރަން ތިބޭ ބައަކާއިއެކު ނުއިންނަން ބުނެފިނަމަ އެތައް ބަހަނާތަކެއް އެބަ ދައްކައެވެ. ތިމާ އެއެއްޗެއް ބޭނުން ނުކުރާ ކަމަށާއި އެހެންވީމާ ތިމާއަށް މައްސަލައެއް ނެތްކަމަށް އެބަ ބުނެއެވެ. އެކަމަކު އެހެން ބުނެފައި އެމީހުންނާއިއެކުގައި ތިބޭ މީހުންގެ ކަންކަން އެންމެފަހުން ނިމިގެން ގޮސްފައި އޮންނަނީ އެމީހުން ކުރާ ޢަމަލުގައި ބައިވެރިވެވިގެންނެވެ. އެކަމާއި ގުޅުވައިގެން ދެން އެމީހުން ކުރާ ފާފަތަކުގައިވެސް ބައިވެރިވެވިގެންނެވެ.  

މީސްތަކުންނޭވެ! ޤުރްއާނާއި ސުންނަތަށް ޢަމަލުކުރުމުގައި ޞަޙާބީން ފަދައިންވާށެވެ! ސުވާލުތައް ނުއުފައްދާށެވެ! ދީނުގައި އޮތީ ފާފަ ނުކުރަން އެކަންޏެއް ނޫނެވެ. ފާފަތަކާއި ކައިރިވެސް ނުވުމަށެވެ. ކައިރިވިޔަސް އެނުބައިކަމުގެ އަސަރު އެމީހަކަށް ކޮންމެވެސް ގޮތަކަށް ކުރާނެތީއެވެ. އެންމެފަހުން ފާފަކުރެވޭނެތީއެވެ.  

ވީމާ ފާފަކުރުމުން ދުރުހެލިވެ ހުންނަން ބޭނުން މީހާ އެއްވެސް ބާވަތެއްގެ ފާފައެއް ކުރާ ބައަކާއި ގުޅިގެން ނުއުޅޭށެވެ. ގުޅިގެން އުޅޭނަމަ ޝައިޠޯނާގެ ކިބައިން ސަލާމަތެއް ނުވެވޭނެއެވެ! ވީމާ ޤުރްއާނާއި ސުންނަތުން ފެންނަހުރި އެއްވެސް ކަމެއްގައި ސުވާލު ނުއުފައްދާށެވެ! ސުވާލު ނުއުފެއްދުމަކީ ޤަބޫލުކޮށް ޢަމަލުކުރުމެވެ! އެމީހަކަށް ޞަޙާބީންގެ ދަރަޖަ ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން