މީސްތަކުންގެ ތެރެއިން އެބައެއްގެ ކުރިމަތީގައި އަންހެނާއަށް އޭނާގެ ޙިޖާބު ނެގޭނޭ މީހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 13މ 17ސ
މީސްތަކުންގެ ތެރެއިން އެބައެއްގެ ކުރިމަތީގައި އަންހެނާއަށް އޭނާގެ ޙިޖާބު ނެގޭނޭ މީހުން

އަޅުގަނޑުމެންގެ ގޭގައި މަސައްކަތްކުރަން ބިދޭސީ ފިރިހެނަކު ގެންގުޅެމެވެ. އޭނާ އަބަދުހެން ގޭގައި އުޅޭއިރު އަޅުގަނޑަށް ހުންނަން ޖެހޭނީ ބުރުގާއަޅައި ނިވާވެގެންތޯ؟ އެހްނެވެއްޖިއްޔާ އަބަދުވެސް ހުންނަންޖެހޭނީ ބުރުގާއަޅައިގެންވީމަ!  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ޙަމްދުހުރީ ﷲ އަށެވެ.

އަންހެނާއަށް އޭނާގެ މަޙްރަމުންގެ ކުރިމަތީގައި ޙިޖާބު ނެގުން ހުއްދަވެގެންވެއެވެ. 

އަންހެނާގެ މަޙުރަމުންނަކީ ނަސަބުގެ ގާތްކަމުން (އޭނާގެ ބައްޕަ، ކާފަ، މުނިކާފަ، ކިތަންމެ މައްޗަށް ދިޔަކަމުގައިވިޔަސް، އަދި އޭނާގެ ފިރިހެންދަރި، މާމަދަރި، މުނިމާމަދަރި، ކިތަންމެ ތިރިއަށް ދިޔަކަމުގައިވިޔަސް، އޭނާގެ ބައްޕަ ފަރާތު އަދި މަންމަ ފަރާތު ބޮޑުބޭބެއިން، އަޚުން، އަޚުންގެ ފިރިހެންދަރިން އަދި އުޚްތުންގެ ފިރިހެންދަރިން) ނުވަތަ ކިރުގެ ގެގޮތުން (މިޘާލަކަށް އޭނާއަށް ކިރުދިން އަންހެނާގެ ގާތުން ކިރުބުއި އަޚުން އަދި ކިރުމައިމީހާގެ ފިރިމީހާ)، ނުވަތަ ކައިވެނީގެ ސަބަބުން (މިޘާލަކަށް މަންމަގެ ފިރިމީހާ، ފިރިމީހާގެ ބައްފަ، ކާފަ، ކިތަންމެ މައްޗަށް ދިޔަކަމުގައިވިޔަސް، އަދި ފިރިމީހާގެ ފިރިހެންދަރި، ކާފަދަރި، ކިތަންމެ ތިރިއަށް ދިޔަކަމުގައިވިޔަސް) އެ އަންހެނާއާއި އަބަދުގެ އަބަދަށް ކައިވެނި ހުއްދަނުވާ މީހުންނެވެ. 

ނަސަބުގެ ގޮތުން މަޙުރަމުން: 

އެއީ ނޫރު ސޫރަތުގައި ޛިކުރުކުރެވިފައިވާ މީހުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ: 

﴿ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ (سورة النور ٣١) 

މާނައީ:

" އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ. އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ. އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚްތުންގެ ފިރިހެން ދަރިންނަށް މެނުވީ ފާޅުނުކުރާ ހުށިކަމެވެ"

މުފައްސިރުން ވިދާޅުވެފައިވަނީ: ހަމަކަށަވަރުން މި އާޔަތުގައި ސާފުކޮށް ބަޔާންކޮށްފައިވާފަދައިން ނުވަތަ މިއާޔަތުން ދޭހަވާފަދައިން، ނަސަބުގެ ގޮތުން އަންހެނާގެ ފިރިހެން މަޙްރަމުންނަކީ:

1.    ބަފައިންނާއި ކާފައިން: އެބަހީ އަންހެނާގެ ބަފައިންނާއި ކާފައިން ކިތަންމެ މައްޗަށް ދިޔަކަމުގައިވިޔަސްވެހެވެ. އެއީ މިޘާލަކަށް އޭނާގެ މަންމަގެ ކާފައިންނާއި ބައްޕަގެ ކާފައިންނެވެ. ތިރީގައި ޛިކުރުކުރެވޭނޭފަދައިން، އޭނާގެ ފިރިމީހާގެ ބަފައިންނާއި ކާފައިންނަކީ ކައިވެނީގެ ސަބަބުން އެ އަންހެނާގެ މަޙުރަމުންނެވެ. 

2.    ފިރިހެން ދަރިން: އެބަހީ އަންހެނާގެ ދަރިންގެ ދަރީން ކިތަންމެ ތިރިއަށް ދިޔަކަމުގައިވިޔަސްވެހެވެ. އަދި އެއީ ފިރިހެނެއްގެ ފަރާތުން ނުވަތަ އަންހެނެއްގެ ފަރާތުން ވިޔަސްވެހެވެ. މިޘާލަކަށް އޭނާގެ ފިރިހެން ދަރީންގެ ފިރިހެން ދަރިން ނުވަތަ އޭނާގެ އަންހެން ދަރީންގެ ފިރިހެން ދަރިންނެވެ. މަތީގައިވާ އާޔަތުގައި ޛިކުރުކުރެވިފައިވާ “ފިރިންގެ ފިރިހެން ދަރިން” އެއީ އޭނާގެ ފިރިމީހާއަށް އެހެން އަބިންގެ ފަރާތުން ލިބިފައިވާ ފިރިހެން ދަރިންނެވެ. އެއީ ތިރީގައި ޛިކުރުކުރެވޭނޭފަދައިން ކައިވެނީގެ ސަބަބުން އޭނާގެ މަޙްރަމުންނެވެ. ލޭގެ ގޮތަކުންނޫނެވެ.  

3.    އަންހެނާގެ އަޚުން: އެއީ އޭނާގެ މަންމަ އަދި ބައްޕަގެ ފަރާތުން ނުވަތަ ހަމައެކަނި ބައްޕަ ފަރާތު ނުވަތަ ހަމައެކަނި މަންމަ ފަރާތު އަޚުން ކަމުގައިވިޔަސްވެހެއެވެ. 

4.    އޭނާގެ އަޚުންނާއި އުޚްތުންގެ ފިރިހެން ދަރިން ކިތަންމެ ދަށަށް ދިޔަކަމުގައިވިޔަސްވެހެވެ. އެއީ މިޘާލަކަށް އޭނާގެ އުޚްތުންގެ އަންހެން ދަރީންގެ ފިރިހެން ދަރިންނެވެ.  

5.    އޭނާގެ ބައްޕަ ފަރާތު އަދި މަންމަ ފަރާތު ބޮޑުބޭބެއިން: އެއީ އިސްވެދިޔަ އާޔަތުގައި ޛިކުރުކުރެވިފައި ނުވިކަމުގައިވިޔަސް ލޭގެގޮތުން އޭނާގެ މަޙްރަމުންނެވެ. ސަބަބަކީ އެމީހުންނަކީ މައިންބަފައިންނާއި އެއްފަދަބަޔަކަށް ވާތީއެވެ. އަދި މީސްތަކުންގެ ގާތުގައި އެމީހުންނަކީ މައިންބަފައިންގެ ދަރަޖަ ދެވިފައިވާ ބަޔަކަށް ވާތީއެވެ. އަދި ބައްޕަ ފަރާތު ބޮޑުބޭބެއަށް ބައްޕަގެ ގޮތުގައި މުޚާތަބުކުރެވެއެވެ.  

ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ: 

﴿ أَمْ كُنتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِن بَعْدِي قَالُوا نَعْبُدُ إِلَـٰهَكَ وَإِلَـٰهَ آبَائِكَ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ (سورة البقرة ١٣٣) 

މާނައީ:

"ނުވަތަ ޔަޢުޤޫބުގެފާނުގެ އަރިހަށް މަރު އައިސް ޙާޟިރުވިހިނދު ތިޔަބައިމީހުން ޙާޟިރުވެ ދެކެންތިބީމުހެއްޔެވެ؟ އެހިނދު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މަރުވެދިޔުމަށްފަހު ތިޔަބައިމީހުން އަޅުކަންކުރާނީ ކޮންފަރާތަކަށް ހެއްޔެވެ؟ އެބައިމީހުން ބުންޏެވެ. ތިމަންމެން އަޅުކަންކުރާނީ، ކަލޭގެފާނުގެ އިލާހަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިންކަމުގައިވާ އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނުގެ އިލާހަށެވެ. " 

އިސްމާޢީލު عليه السلام އަކީ ޔަޢުޤޫބު عليه السلام ގެ ބައްޕަ ފަރާތު ބޮޑުބޭބޭފުޅެވެ.

[تفسير الرازي ٢٣/٢٠٦ ، وتفسير القرطبي ١٢/٢٣٢ و ٢٣٣ ، وتفسير الألوسي ١٨/١٤٣، وفتح البيان في مقاصد القرآن لصديق حين خان ٦/٣٥٢]

________________________________________________

ރަޟާޢުގެ (ކިރުގެ) ގޮތުން މަޙްރަމުން 

ކިރުގެ ގޮތުންވެސް އަންހެނެއްގެ މަޙްރަމުން ތިބެދާނެއެވެ. تفسير الألوسي ގައިވެއެވެ.

"ދެން އެއަށްފަހު ހަމަކަށަވަރުން އަންހެނާގެ ޒީނަތްތެރިކަން ފާޅުކުރުން ހުއްދަވާ މަޙްރަމުންގެ ތެރޭގައި ނަސަބުގެގޮތުން މަޙްރަމުންވާފަދައިން ކިރުގެ ގޮތުންވެސް މަޙްރަމުންވެއެވެ. އެހެންކަމުން ކިރުގެ ގޮތުން ބައްޕައިންނަށް ނުވަތަ ދަރިންނަށްވާ މީހުންގެ ކުރިމަތީގައި ޒީނަތްތެރިކަން ފާޅުކުރުން އަންހެނާއަށް ހުއްދަވެގެންވެއެވެ." 

[تفسير الألوسي ١٨/١٤٣] 

އެހެނީ ކިރުގެ ގޮތުން މަޙްރަމުންނަށްވާ މީހުން ނަސަބުގެގޮތުން މަޙްރަމުންނަށްވާ މީހުން ފަދައެވެ. އޭގެ މާނައަކީ މަޙްރަމިއްޔަތުގެ ގުޅުމުގެ ސަބަބުން ކައިވެނި އަބަދަށްޓަކައި ޙަރާމްވެގެންވެއެވެ. މިއާޔަތާމެދު ވާހަކަ ދައްކަވަމުން الإمام الجصاص رحمه الله ގެ ރައުޔަކީވެސް މިއެވެ. الإمام الجصاص رحمه الله ވިދާޅުވެފައިވެއެވެ. 

"ތަޢާލާ ބައްޕައިން ޛިކުރުކުރައްވާ އަދި އެމީހުންނާއި އެއަންހެނުން އަބަދައްޓަކާ ކައިވެނި ޙަރާމްކަން އެންގެވި ހިނދު، އެއިން ދޭހަކޮށްދެނީ (ނަސަބުގެ ގޮތުން މަޙްރަމުންނަށްވީ މީހުންގެ މައްޗަށް ކައިވެނި ޙަރާމްވީފަދައިން) އެންމެހާ މަޙްރަމުންވެސް ޙުކުމުގެ ގޮތުން އެއްގޮތްވެގެންވާކަމެވެ. އެއީ މިޘާލަކަށް އަންހެނާގެ މަންމަ އަދި ކިރުގެ ގޮތުން މަޙުރަމުންނަށްވީ މީހުންފަދަ މީހުންނެވެ." 

[أحكام القرآن للجصاص ٣/٣١٧]

ނަސަބުގެ ގޮތުން ޙަރާމްވީ ކަންތައްތައް ކިރުގެ ގޮތުންވެސް ޙަރާމްވެގެންވެއެވެ. 

ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައިވެސް އެގޮތަށް އައިސްފައިވެއެވެ. 

((يَحْرُمُ مِنَ الرَّضَاعِ ، مَا يَحْرُمُ مِنَ النَّسَبِ)). 

"ނަސަބުގެ ގޮތުން ޙަރާމްވީ ކަންތައްތައް ކިރުގެ ގޮތުންވެސް ޙަރާމްވެއެވެ.| 

މީގެ މާނައަކީ ނަސަބުގެ ގޮތުން އަންހެނުންނަށް މަޙްރަމުން ވާފަދައިން ކިރުގެ ގޮތުންވެސް އަންހެނުންނަށް މަޙްރަމުންވެއެވެ. ޞަޙީޙް ބުޚާރީގައި أم المؤمنين عائشة رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. 

ހަމަކަށަވަރުން އަބޫ ޤުޢައިސްގެ އަޚް އަފްލަޙް އެކަމަނާގެ އަރިހަށް ވެދެވަޑައިގަތުމުގެ އިޛުނައަށް އެދިވަޑައިގެން އައެވެ. އެއީ ކިރުގެގޮތުން އެކަމަނާގެ ބޮޑުބޭބެއެވެ. އެއީ ޙިޖާބުގެ އާޔަތް ބާއްވާލެއްވުނު ފަހުންނެވެ. 

އެކަމަނާ ވިދާޅުވިއެވެ: 

"ފަހެ ތިމަން އިޛުނަދިނުމަށް އިންކާރުކުރީމެވެ. ފަހެ ތިމަން ކުރިކަމުގެ ޚަބަރު އެކަލޭގެފާނަށް ދެއްވީމެވެ. އޭނާއަށް އިޛުނަދިނުމަށް، ފަހެ އެކަލޭގެފާނު އަމުރުކުރެއްވިއެވެ." 

[صحيح البخاري بشرح العسقلاني ٩/١٥٠] 

މިޙަދީޘް އިމާމް މުސްލިމް رحمه الله އެހެން ޢިބާރާތަކުން ރިވާކުރައްވާފައިވެއެވެ.  

ޢާއިޝާ رضي الله عنها ގެ އަރިހުން ޢުރުވާ ރިވާކުރެއްވިއެވެ. އެކަމަނާގެ ކިރުގެ ގޮތުން ބޮޑުބޭބެ، އަފްލަޙް، އެކަމަނާގެ އަރިހަށް ވަދެވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުން އެކަމަނާ އެކަމަށް އިންކާރުކުރެއްވިކަމަށް ވިދާޅުވިއެވެ. އަދި ރަސޫލާ صلى الله عليه وسلم އަށް އެކަމުގެ ޚަބަރު ދެއްވުމުން އެކަމަނާއަށް ވިދާޅުވިއެވެ. 

"އޭނާގެ ކުރިމަތީގައި ޙިޖާބު ނާޅާށެވެ. ފަހެ ކިރުގެ ގޮތުން ޙަރާމްވީ ކަންތައްތައް ނަސަބުގެ ގޮތުންވެސް ޙަރާމްވެއެވެ." 

[صحيح مسلم بشرح النووي ١٠/٢٢] 

ކިރުގެ ގޮތުން އަންހެނެއްގެ މަޙްރަމެއް ނަސަބުގެ ގޮތުން އޭނާގެ މަޙްރަމަކާއި އެއްފަދައެވެ. 

ޤުރުއާނާއި ސުންނަތުގެ އަލީގައި ފިޤުހުވެރިން ވިދާޅުވަނީ ކިރުގެ ގޮތުން އަންހެނެއްގެ މަޙްރަމެއް ނަސަބުގެ ގޮތުން އޭނާގެ މަޙްރަމަކާއި އެއްފަދަކަމަށެވެ. ނަސަބުގެ ގޮތުން އަންހެނާގެ މަޙްރަމުންގެ ކުރިމަތީގައި ޒީނަތްތެރިކަން ފާޅުކުރުން ހުއްދަވާފަދައިން، ކިރުގެގޮތުން މަޙްރަމުންގެ ކުރިމަތީގައި އޭނާގެ ޒީނަތްތެރިކަން ފާޅުކުރުންވެސް ހުއްދަވެގެންވެއެވެ. އަދި އޭނާގެ ހަށިގަނޑުން ކިރުގެގޮތުން މަޙްރަމުންނަށް ބެލުން ހުއްދަވެގެންވާތަން، ނަސަބުގެ ގޮތުން އޭނާގެ މަޙްރަމުންނަށްވެސް ބެލުން ހުއްދަވެގެންވެއެވެ. 

ކައިވެނީގެ ސަބަބުން މަޙްރަމުން" 

ކައިވެނީގެ ގޮތުން އަންހެނާގެ މަޙްރަމުންނަކީ އަބަދުގެ އަބަދަށް އެއަންހެނާއާއި ކައިވެނި ޙަރާމްވެފައިވާ މީހުންނެވެ. އެއީ މިޘާލަކަށް ބައްޕަގެ އަންހެނުން، ފިރިހެން ދަރީގެ އަންހެނުން، ނުވަތަ އަންހެނުންގެ މަންމައެވެ.

[شرح المنتهى ٣/٧] 

ފަހެ ބައްޕަގެ އަންހެނުންނަށްޓަކައި ކައިވެނީގެ ސަބަބުން މަޙްރަމަކަށްވާނީ ބައްޕައަށް އެހެން އަންބެއްގެ ފަރާތުން ލިބިފަހުރި ފިރިހެން ދަރިއެވެ. ފިރިހެން ދަރީގެ އަނބިމީހާއަށްޓަކައި އެއީ ފިރިހެންދަރީގެ ބައްޕައެވެ. އަދި އަނބިމީހާގެ މަންމައަށްޓަކައި އެއީ ފިރިމީހާއެވެ. 

ނޫރު ސޫރަތުގެ އާޔަތުގައި ﷲ ތަޢާލާ ޛިކުރު ކުރައްވާފައިވަނީ:

﴿ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ… (سورة النور ٣١) 

މާނައީ:

" އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް މެނުވީ ފާޅުނުކުރާ ހުށިކަމެވެ" 

ފިރިމީހާގެ ބަފައިންނާއި އަދި ފިރިމީހާގެ ފިރިހެން ދަރިން އެއީ އެ އަންހެނާގެ ކައިވެނީގެ ސަބަބުން މަޙްރަމުންނެވެ. ﷲ ތަޢާލާ އެއަންހެނާގެ އަމިއްލަ ބަފައިންނާއި ފިރިހެން ދަރިންނާއެކު އެބައިމީހުން ޛިކުރު ކުރައްވާފައިވަނީ އެއެންމެންގެ ކުރިމަތީގައިވެސް އަންހެނާގެ ޒީނަތްތެރިކަން ފާޅުކުރެވޭނެތީއެވެ.

[المغني ٦/٥٥٥]

 

- އުންމު ޢަބްދިﷲ 

- ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/5538/who-are-the-mahrams-in-front-of-whom-a-woman-can-uncover

 

 

މިއަދު އޮންލައިން