ހަނދުމަކޮށްދިނުމެއް!: ފިލާވަޅު ދަސްކުރަން އުނދަގޫވެ، ދަސްކުރާ ފިލާވަޅުތައް ހަނދާން ނެތުން ގިނަވެ، ހިތުދަސްކުރަން އުނދަގޫވާނަމަ ކުރަންވީ ބައެއް ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 24ސ
ހަނދުމަކޮށްދިނުމެއް!: ފިލާވަޅު ދަސްކުރަން އުނދަގޫވެ، ދަސްކުރާ ފިލާވަޅުތައް ހަނދާން ނެތުން ގިނަވެ، ހިތުދަސްކުރަން އުނދަގޫވާނަމަ ކުރަންވީ ބައެއް ދުޢާ!

ކޮންމެ ކަމެއް ކުރަން ފަށަންވެސް އޮތީ ބިސްމިﷲ ކިޔަމުންނެވެ. ހަމަ އެއާއިއެކު އެކަމެއް ހިންމަވައި ދެއްވެވުން އެދިގެން ދުޢާކުރަންވާނެއެވެ.  

ކުޑަކުދިންނާއި ބޮޑެތި މީހުންގެ ތެރެއިން ގިނަ ބައަކު އަބަދުވެސް ގެންދަނީ ކިޔަވަމުންނެވެ. ސްކޫލްތަކުގައާއި ކޮލެޖް، ޔުނިވަރސިޓީތަކުގައެވެ. ތަފާތު ކޯސްތަކުގައި ބައިވެރިވެގެންނެވެ. ދަރިވަރުންނަށް އަބަދުވެސް އެންމެ މުހިންމުކަމަކީ ފަސޭހައިން ފިލާވަޅުތައް ދަސްވުމެވެ. ދަސްކުރާ ފިލާވަޅުތައް ހިތުގައި ހަރުލުމެވެ.  

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ހިތުދަސްކުރަން އުނދަގޫވާ ބައެކެވެ. އަދި ދަސްކުރާ ތަކެތި ފަސޭހައިން ހަނދާން ވެސް ނެތޭ ބައެކެވެ. ހަމަ އެފަދައިން ބައެއް ދަރިވަރުންނަށް ފިލާވަޅު ދަސްކުރަން އުނދަގޫވެއެވެ. އަދި ދަސްކުރާ ތަކެތިވެސް ހަނދާން ނެތުމުގެ މައްސަލަތައް ގިނަވެއެވެ. 

މިފަދަ ހާލަތުގައި ކުރަންހުރި ބައެއް ދޢާ: 

سُبْحَٰنَكَ لَا عِلْمَ لَنَآ إِلَّا مَا عَلَّمْتَنَآ ۖ إِنَّكَ أَنتَ ٱلْعَلِيمُ ٱلْحَكِيمُ 

"--އިނބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ. އިނބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައި ދެއްވެވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން، އިނބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ."

(ބަޤަރާ ސޫރަތް: 32)

"‏ اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي وَعَلِّمْنِي مَا يَنْفَعُنِي وَزِدْنِي عِلْمًا وَالْحَمْدُ لِلَّهِ عَلَى كُلِّ حَالٍ وَأَعُوذُ بِاللَّهِ مِنْ عَذَابِ النَّارِ ‏ 

"ހައްދަވާ ގެންގުޅުއްވަވާ އިލާހްއެވެ. މިއަޅާއަށް ދެއްވެވި ޢިލްމުން މަންފާ ކުރުމުގެ ތައުފީޤް ދެއްވަވާނދޭވެ! މިއަޅާއަށް މަންފާ ކުރުވަނިވި ޢިލްމް އުނގަންނަވައި ދެއްވަވާނދޭވެ. މިއަޅާޢަށް ޢިލްމް އިތުރުކޮށްދެއްވަވައިފާނދޭވެ. ކޮންމެ ޙާލެއްގައިވެސް ﷲ އަށް ޙަމްދު ހުއްޓެވެ. ނަރަކައިގެ ޢަޛާބުން ރައްކައުތެރިކަމަށް އެދި ދަންނަވަމުއެވެ." 

އަބޫ ހުރައިރަތުގެފާނުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެކެވެ. މިދުޢާ އަކީ ރަސޫލް () ގިނަގިނައިން ކުރެއްވެވި ދުޢާއެކެވެ. (އިބްން މާޖާ 3833)

(ޙަދީޘް މާނަކޮށް ދެއްވެވީ ޑރ. މުހައްމަދު އިޔާޟް ޢަބްދުއްލަޠީފް) 

حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا عَبْدُ اللَّهِ بْنُ نُمَيْرٍ، عَنْ مُوسَى بْنِ عُبَيْدَةَ، عَنْ مُحَمَّدِ بْنِ ثَابِتٍ، عَنْ أَبِي هُرَيْرَةَ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَقُولُ ‏ 

"‏اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي وَعَلِّمْنِي مَا يَنْفَعُنِي وَزِدْنِي عِلْمًا وَالْحَمْدُ لِلَّهِ عَلَى كُلِّ حَالٍ وَأَعُوذُ بِاللَّهِ مِنْ عَذَابِ النَّارِ‏"‏ ‏. 

ދަރިންނަށް މިފަދަ ދުޢާތައް ދަސްކޮށްދެއްވާށެވެ. ދުޢާކުރުން އާދަކުރުވާށެވެ. ދުޢާ ކުރުމާއިއެކު ކުރާ މަސައްކަތުގައި ބަރަކާތް ގަދަވާނެއެވެ! އަދި އެކަމުގެ ސަބަބުން ކުދިންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުވާނެއެވެ!  

އަދި ފިލާވަޅު ދަސްކޮށް ނިމުމުން ދަސްކުރި ފިލާވަޅު ހިތުގައި ހަރުލައި އެއިން ފައިދާ ލިބުން މިންވަރުކޮށްދެއްވެވުން އެދިގެންވެސް ދުޢާކުރަންވާނެއެވެ. ގިނަގިނައިން ދުޢާކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.  

މީގެ އިތުރުން ކުދިން ލައްވައި ގިނަގިނައިން ދުޢާކުރުވުމުން ކޮންމެ ކަމެއްވެސް ހިންމަވައިދެއްވަވަނީ ﷲ ތަޢާލާކަން އެކުދިންގެ ހިތުގައި ބިންވަޅު ނެގެމުންދާނެއެވެ.

މިއަދު އޮންލައިން