ދަރިއަކު ލިބޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމުންވެސް ދަރިއަކު ނުލިބުނުނަމަ އިތުރަށް ތަޖުރިބާކޮށްލަން މުހިންމު ކަމެއް އެބައޮތް! ގިނަ ބައަކަށް ވަނީ ރަނގަޅު ނަތީޖާ ފެނިފަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
ދަރިއަކު ލިބޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމުންވެސް ދަރިއަކު ނުލިބުނުނަމަ އިތުރަށް ތަޖުރިބާކޮށްލަން މުހިންމު ކަމެއް އެބައޮތް! ގިނަ ބައަކަށް ވަނީ ރަނގަޅު ނަތީޖާ ފެނިފަ! އިން ޝާ ﷲ

މިދަންނަވަނީ އަޅުގަނޑުގެ ވަރަށް ގާތް 2 އެކުވެރިންގެ ވާހަކައެވެ. އެދެމަފިރިންގެ ކައިވެންޏަށް 10 އަހަރުވެއްޖެއެވެ/ ދަރިއަކު ނުލިބެއެވެ. އެކަމަށް ފަރުވާކުރަން ނުދާ ޤަޢުމެއް ނެތެވެ. އެހައިގިނަ ޤައުމުތަކަށް ހިނގައްޖެއެވެ. ނަމަވެސް އެއްވެސް ނަތީޖާއެއް އަދި ނުފެނެއެވެ.

އެންމެ ބޮޑު މައްސަލައަކީ ހަދާ ޓެސްޓްތަކުން ދެމީހުންކުރެ އެކެއްގެ ކިބައިންވެސް ދަރިން ނުލިބެންވީ ސަބަބެއް ނުފެންނަކަމެވެ. އަލްޙަމްދުލިﷲ! ދެމަފިރިން ވަކިވާކަށް ނުވިސްނައެވެ. މަސައްކަތްކުރަނީ ލޯބިން ދިރިއުޅުމަށެވެ. މިޙާލަތުގައި ދެން އިތުރަށް ކުރެވޭނެ ކަމަކީ ކޮބައިތޯ؟

މިސުވާލަށް މިއަދުނޫހުން ބުނެލަން އޮތީ ފުރަތަމަ ކަމަކަށް ރޭއަޅުކަންކޮށް ދުޢާކުރުންމަތީގައި ޘާބިތުވެ ތިބޭށެވެ! މާޔޫސްނުވާށެވެ! ޔަޤީންކަމާއިއެކު ދުޢާކުރަމުން ގެންދާށެވެ! ދެން ބުނެލަން އޮތީ ގިނަބައެއްގެ ތަޖުރިބާއިން އެނގޭ ކަމެކެވެ. އެކަމަކީ ތިމާމެންނަށް ދަރިން ނުލިބިގެން އެހްން މީހުންގެ ދަރިން ބަލައިދޭން ފެށުމުން ވަރަށް ގިނަ ބައަކަށް ވަނީ ދަރިން ލިބިފައެވެ. ނަމަވެސް މިބާވަތުގެ ކަންކަމަކީ ޔަޤީންކަމާއިއެކު ބުނެވޭނެ ކަންކަމެއް ނޫނެވެ. އެހެނީ ދަރިން ދެއްވެވުމާއި ނުދެއްވެވުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ!

ތިރީގައި ލިޔުމުންވެސް ސުވާލާއި ގުޅުންހުރި ވަރަށް މުހިންމު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ

ތިބާ ދަރިއަކު ބޭނުންވެއެވެ. ހޯދަން މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް ނުލިބުނެވެ. ނިކަން ވިސްނައިލަބަލާށެވެ! އެކަމުގައި އިތުރަށް އަމިއްލައަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެހާލަތުގައި އޮތީ މާޔޫސްވުމެއް ނޫނެވެ. އަވަހަށް އެހެން މީހުންގެ ދަރިންނަށް އެހީތެރިވާ މީހަކަށްވާށެވެ! ތިބާއަށް އެންމެ ހެޔޮކަންބޮޑު ފައިދާހުރި ގޮތަކީ އެއީ ކަމަށް ޤަބޫލުކުރާށެވެ.

އެހެން މީހުންގެ ދަރިންނަށް އެހީތެރިވުމަށް ވިސްނާނަމަ ފުރަތަމަ އިސްކަން ދޭންވާނީ އަމިއްލަ ޢާއިލާޢަށެވެ. ދަތިހާލުގައި ބައަކު އުޅޭނަމަ އެމީހުންގެ ދަރިންނަށް އެހީތެރިވުމަށެވެ. އަމިއްލައަށް ގެންގުޅެ ބޮޑުކުރަން ނަމަވެސްމެއެވެ. ބޭރުން ކުއްޖަކު ހޯދަންވާނީ ޢާއިލާގެ ތެރެއިން ނުލިބުނު ނަމައެވެ.

ހަމައެޢާއިއެކު ޔަތީމްކުދިން ބަލަހައްޓާ ތަންތަނަށް ގޮސްގެން ވެސް އެހީތެރިވެވިދާނެއެވެ. ކުދިން ބަލައިވެސް ދެވިދާނެއެވެ. ޚަރަދުވެސް ކުރެވިދާނެއެވެ. ކެރިފޯރުންތެރިކަން ހުރިނަމަ ދެކަންތައްވެސް ކުރެވިދާނެއެވެ.

މިވާހަކަތައް ދައްކަން މިޖެހެނީ ދަރިން ނުލިބުމުގެ މައްސަލައިގައި ބައެއް މީހުން މާޔޫސްވަމުން ގޮސް ދުނިޔެމަތިންވެސް އެބަ ފޫހިވެއެވެ. ކައިވެނި މަތިންވެސް އެބަފޫހިވެއެވެ. މިގޮތަށް ދަމުން ގޮސް ބައެއް ފަހަރު ނަފްސާނީ ބައްޔަކަށްވެސް ވެގެން އެބަދެއެވެ. އެހާލަތުތައް މެދުވެރި އެވަނީ ހަމަ އީމާންތެރިކަން ކުޑަވުމުންނެވެ. ﷲ ތަޢާލާއަށް ކުރެވޭ އިތުބާރު ކުޑަވުމުންނެވެ.

މިގޮތަށްވެސް ވިސްނައިލަބަލާށެވެ! ﷲ ތަޢާލާ ތިބާއަށް ދަރިއަކު ނުދެއްވެވީ ދެއްވަވައިފިނަމަ ތިބާގެ ބޮލުގައި އަޅަންޖެހޭ ޒިންމާ ބޮޑުވެ އެކަމުން ތިބާ ފާފަވެރިވެދާނެ ކަމަށްޓަކައި ކަމަށްވެސް ވެދާނެ ނޫން ހެއްޔެވެ؟ ޣައިބު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ނޫން ހެއްޔެވެ؟

ކޮންމެ މީހަކީވެސް އަމިއްލަ ދަރިން ބޭނުންވާނެ މީހެކެވެ. ދަރިން ލިބުން ލަސްވާނަމަ ހޯދަން މަސައްކަތްވެސް ކުރެވޭނެއެވެ. ކުރަންވެސް ޖެހޭނެއެވެ. އެގޮތުންވެސް ދަރިއަކު ނުލިބިއްޖެނަމަ ހަޔާތާއިމެދު މާޔޫސް ނުވާށެވެ! އެހެނީ އެއިގެ މާނައަކީ ތިބާއަށް ދަރިން ލިބުމަށްވުރެ ނުލިބުން ރަނގަޅުވުމެވެ. އެއީ އަހަރެމެން އަމިއްލައަށް ކަނޑައަޅާ ކަމެއް ނޫނެވެ. އެކަން ކަނޑައަޅުއްވަވަނީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ.

ވިސްނައިލާށެވެ! އެތައް ބައިވަރުން ތިބެމެ މައިން ބަފައިންނަށް އެއްވެސް އެހީތެރިކަމެއް ފޯރުވައި ނުދީވެސް އެބައުޅޭ ނޫން ހެއްޔެވެ؟ އަދި މުސްކުޅިވާ ދުވަހު އަޅައިވެސް ނުލައި މަގުމަތިވެސް ކޮށްލަނީ ނޫންހެއްޔެވެ؟ ވީމާ އަމިއްލައަށް ދަރިއަކު ނުލިބުމަކީ ތިމާއަށް ކުރިމަތިވި އެންމެ ބޮޑު މުޞީބާތް ކަމުގައި ހީނުކުރާށެވެ! އަދި އެއީ ތިބާއަށް އެންމެ ރަނގަޅު ގޮތް ކަމުގައި ޤަބޫލުކުރާށެވެ! އެއިރުން ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން