މި ރަމަޟާން މަހުގައިވެސް ބައެއް މީހުންގެ ކިބައިން ފެންނަ އެއް ކަމަކީ ސުންނަތްކުރާއިއރު ވަރަށް އަވަސްއަރުވާލައިގެން ނަމާދުކުރާތަނެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. ސަބަބުތައް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝަ ﷲ
ނަމާދުކުރުމުގައި އަވަސްއަރުވާލުމާއި ނަމާދުކުރުން ލަސްކުރުމަކީ ވަރަށް ގިނަބައެއްގެ އާދައެކެވެ.
ދުނިޔަވީ ކަމެއްގައި މަސްއޫލުވުމަށް ނަމާދުގެ ހަރަކާތްތައް އަވަސްކަމާއިއެކު އެއްވެސް ބިރެއްނެތި ތިބާ ކުރާހިނދު އެއީ ތިބާއަށް ކުރެވޭނެ އެންމެ ފަހު ނަމާދުކަމުގައިވެއްޖެނަމަ ކޮންފަދަހެއްޔެވެ؟ އަދި ނަމާދަށް ބަންގި ގޮވުމަށްފަހުވެސް ފަހުންކުރާނަމޭހިތާހުއްޓާ މަރު ތިބާއާއި ބައްދަލުކޮށްފިނަމަ ކޮންފަދަހެއްޔެ؟ އެހެންކަމުން ގިނަގިނައިން މަރު ހަނދުމަކުރާށެވެ. އޭރުން، ތިބާ ﷲއަށް ކުށްތަންވުމުގައި ޚުޝޫޢަތްތެރިވުމަށް އެހީތެރިވެދޭނެއެވެ.
ހަމައެއާއެކު، ނަމާދުގައި ލަސްލަހުން ޤުރުޢާން ކިޔަވާށެވެ. އަދި އެކިފަރާތްފަރާތަށް ނުބަލާ ބޭކާރު ގޮތުގައި އިތުރު ހަރަކާތްތައްނުކުރާށެވެ. އަދި ރުކޫޢޫ އާއި ސަޖިދަކުރުމުގައި ހާއްސަ ސަމާލުކަމެއްދޭށެވެ.
ކީރިތ ރަސޫލާ صلى للّه عليه وسلّم ޙަދީޘް ކުރެއްވިއެވެ. " އެއްމެ ނުބައިވެގެންވާ ވަގަކީ އެބައިމީހުންގެ ނަމާދުން ވައްކަންކުރާ މީހާއެވެ." ދެން އެކަލޭގެފާނުގެ އަރިހުގައި ދެންނެވުނެވެ. " އޭ ﷲގެ ރަސޫލާއެވެ! އެމީހެއްގެ އަމިށްލަ ނަމާދުން ވައްކަންކުރެވޭނީ ކިހިނަކުންތޯއެވެ ؟ " ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " ރުކޫޢުއާއި ސަޖިދަ ފުރިހަމަނުކުރުމުންނެވެ. " ( އައްތަބަރާނީ )
ހަމައެއާއެކު ނަމާދު ކުރުމުގެކުރިން ނުބައިވަސްދުވާ ކާތަކެތި ކެއުމުން ދުރުހެލިވާށެވެ. އެއީ ލޮނުމިދާއި ފިޔާފަދަ ތަކެއްޗެވެ. އެޢީ އޭގެ ސަބަބުން ތިބާ ކައިރިހުންނަ މަލާއިކަތްބޭކަލުންނަށް އެ ވަހުގެ ސަބަބުން އުނދަގޫ ވާނެތީއެވެ. އަދި ތިބާއާއި އެކު ނަމާދުކުރަންތިބޭ މީޙުންނަށްވެސް އުނދަގޫވާނެތީއެވެ. އަދި މީހުންނަށް ދެއްކުމަށާއި ބޮޑާކަމާއި އެކު، ނަމާދަކީތިބާއަށް ބުރަކަމެއްގެ ގޮތުގައި ދެކިގެން ނަމާދުނުކުރާށެވެ.
" ފަހެ އެއުރެންގެ ނަމާދާއިމެދު ޣާފިލުވެތިބެ ނަމާދުކުރާމީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެއުރެންނީ ހަމަ ކަންދެއްކުމަށް ނަމާދުކުރާމީހުންނެވެ. " سورة الماعون : 5،6
އެހެންކަމުން ނަމާދަށް ތިބާ ފަރުވާތެރިވާށެވެ. އަދި މަގުފުރެދިގެންވާ ބަޔަކުކަމުގައިނުވާށެވެ. " ތިޔަބައިމީހުން ނަރަކަޔަށްވެއްދީ ކޮންކަމެއްހެއްޔެވެ؟ އެއުރެން ބުނާނެތެވެ. ނަމާދުކުރާމީހުންގެ ތެރެޔަކު ތިމަންމެންނުވަމެވެ. " سورة المدّثّر : 42، 43
سورة النّساء ގެ 103 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
" އަދި ތިޔަބައިމީހުން ނަމާދުކޮށް އަވަދިވެއްޖެއްޔާ،ތިޔަބައިމީހުން ﷲ ހަނދުމަކޮށް އުޅޭށެވެ! ކޮޅަށްތިބޭ ޙާލުގައްޔާއި، އިށީނދެތިބޭ ޙާލުގައްޔާއި އޮށޯވެތިބޭ ޙާލުގައެވެ. އަދި ތިޔަބައިމީހުންނަށް އީމާންކަން ލިބިއްޖެހިނދަކު، ނަމާދު ފުރިހަމަކޮށް ޤާއިމުކުރާށެވެ! ހަމަކަށަވަރުން، ނަމާދަކީ މުއުމިންތަކުންގެ މައްޗައް ވަޤުތު ކަނޑައެޅިގެންއޮތް ފަރުޟެއްކަމުގައިވެއެވެ. "
މިއާޔަތުންވެސް އަޅުގަނޑުމެންނަށް ނަމާދުގެ މުހިއްމުކަން ހާމަވެގެން އެބަދެއެވެ. ނަމާދަކީ އަޅުގަނޑުމެންނާއި މާތްﷲ ޞުބުޙާނަހޫ ވަޠާޢާލާއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށްދީ، އީމާންތެރިކަން ފުރިހަމަކުރުމަށް އޮތް މަގެވެ.
އެހެންކަމުން، ނަމާދުގެ ޚުޝޫޢަތްތެރިކަން ނުގެއްލޭނެހެން، ފަރުވާތެރިކަމާއިއެކު ނަމާދުކުރުމުގެ މުހިއްމުކަން އިތުރުވެގެންދެއެވެ. އަދި ޤިޔާމަތް ދުވަހު ތިބާއާއި އެންމެ ފުރަތަމަ ސުވާލުކުރެވޭނީވެސް ނަމާދާއިމެދުކަން ހަނދާންކުރަންވާނެއެވެ.