ބޭނުންވާ ހުރިހާ ކަމެއް ޙާޞިލުކުރެވި އަބަދު އުފަލުގަވުމަށް އެދޭމީހާއަށް އޮތީ ދުނިޔޭގެ ޙަޔާތުގަ ހޭދަކުރަންލިބޭ މަދު ދުވަސްކޮޅު ﷲ ގެ އިމުގަ ފުރިހަމައަށް ޘާބިތުވުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
ބޭނުންވާ ހުރިހާ ކަމެއް ޙާޞިލުކުރެވި އަބަދު އުފަލުގަވުމަށް އެދޭމީހާއަށް އޮތީ ދުނިޔޭގެ ޙަޔާތުގަ ހޭދަކުރަންލިބޭ މަދު ދުވަސްކޮޅު ﷲ ގެ އިމުގަ ފުރިހަމައަށް ޘާބިތުވުން!: މުފްތީ މެންކް

މިއަދު ގިނަ ބައަކަށް ވިސްނެނީ ހަމައެކަނި ދުނިޔޭގައި އުފަލުގައި އުޅުމަށެވެ. އެހެންވެ ކުރަން ބޭނުންވާހައި ކަންކަން ކުރަނީއެވެ. ދުނިޔޭގައި ހުރެވޭނީ ދާދި މަދު ދުވަސްކޮޅަކު ކަމާއި ދެން އޮތީ ނިމުމެއް ނެތް ބައި ކަމާއި އެބައިގައި ގަދަފަދަ ޢަޛާބު ޙައްޤުވާ ގޮތަށް އުޅުމުން ކުރަންޖެހޭނެ ހިތާމައިގެ ބޮޑުކަމާއިމެދު ވިސްނަނީ މަދުބައެކެވެ.

އެހެންވެ ފުރަތަމަވެސް ބުނެލަން ބޭނުންވަނީ "އަހަރެންނަކީ އިސްލާމެކެވެ. ނަމަވެސް އަހަރެން އުޅޭނީ އަހަރެން ބޭނުންވާ ގޮތަކަށް" ކަމަށް ހަމައެކަކަށްވެސް ނުބުނެވޭނެއެވެ. އެހެނީ އިސްލާމް ކަމަކީ ދުލުން ބުނާ ބަހަކަށް ކިޔާ ނަމެއް ނޫނެވެ. އިސްލާމް ކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރުމަށް ކިޔާ ނަމަކަށްވާތީއެވެ.

އެއްވެސް އިމެއްނެތި ދުނިޔޭގައި އުފާކުރަނީ އާޚިރަތްދުވަހު ލިބެންހުރި ނިޢްމަތްތައް ބޭނުންނުވާ މީހުންނެވެ. އިމެއް ނެތި ނިޢްމަތް ލިބުން އޮތީ ޤިޔާމަތް ދުވަހުންނެވެ. ސުވަރުގެ ވަދެވުމުންނެވެ. އެމަތިވެރި ނިޢްމަތް އެދޭ މީހާއަށް އޮތީ ދުނިޔޭގައި ހޭދަކުރާ ކުރު މުއްދަތުގައި ﷲ ތަޢާލާ ބާވައިލެއްވެވި އިންތަކުގައި ހިފަހައްޓައިގެން އުޅުމެވެ.

ބައެއް މީހުން ދުނިޔޭގައި އުޅެނީ އެއްވެސް އިމެއްނެތި އެމީހަކު ބޭނުންހައި ގޮތަކަށް ކަންކަން ކުރަމުންނެވެ. އެފަހަރަކު ކުރަން ބޭނުންވި ކަމެއް ކުރަމުންނެވެ. ހަރާމް ޙަލާލަށް ބަލައިލުމެއްނެތިއެވެ. އަނެއް ބައަކު ދުނިޔޭގައި އުޅެނީ ދުނިޔެ އާއި މުޅިން "ވަރިވެގެން"ނެވެ. އެމީހުން އެންމެ ކުޑަމިނުން އަންހެނަކާއި ކައިވެނިކުރާކަށްވެސް ބޭނުމެއް ނުވެއެވެ. އަންހެނަކު ނަމަ ފިރިހެނަކާއި ކައިވެނިކުރާކަށް ބޭނުމެއް ނުވެއެވެ.

އިސްލާމް ދީނަކީ މި ދެ ގޮތުން ކުރެ އެއްވެސް ގޮތަކަށް އުޅެން ޖެހޭ ދީނެއް ނޫނެވެ. އިސްލާމް ދީނަކީ މެދުމިނުގެ ދީން ކަމަށް ބުނެވެނީ މިސަބަބަށްޓަކައެވެ. އިސްލާމް ދީނުގައި އޮތީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި މިންވަރަށް ދުނިޔޭގެ އުފާތައް ވެސް ލިބިގަތުމާއިއެކު އާޚިރަތް ހޯދަން ގަދައަޅައި މަސައްކަތް ކުރުމެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުގައި ހިފަހައްޓައިގެން ދިރިއުޅުމެވެ.

ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައިވާ ޤާރޫނުގެ ވާހަކައަށް ވިސްނާށެވެ! އޭނާގެ ކުރިމަތީގައި އޮތް ހަމައެކަނި ކަމަކީ މުއްސަނދިކަން އިތުރުކުރުމެވެ. އޭނާ އެދެމުން ދިއަ ގޮތަށް އޭނާއަށް ﷲ ތަޢާލާ ތަނަވަސްކަން މިންވަރު ކުރެއްވެވިއެވެ. އޭނާގެ ޚަޒާނާތައް ގިނަވެ އެތަންތަނުގެ ތަޅުދަނޑިތައް އިންސާނުންނަށް ނުއުފެލޭވަރަށް ގިނަވެ ބަރުވިއެވެ. ނަމަވެސް އޭނާ ޢާޚިރަތަށް އެއްވެސް އެއްޗެއް ޖަމާއެއް ނުކުރެއެވެ. އެހެންކަމުން އޭނާގެ އުމުރުވެސް ކުރުވެގެންދިއައެވެ.ޤި ޔާމަތާއި ހަމައަށްވެސް ދެމިގެންވާ ގަދަ އަޒާބެއް ވަނީ ލިބިގެންފައެވެ.

މީސްތަކުންނޭވެ! ދުނިޔޭގެ އެދުންތައް ޙާޞިލުކުރަން މަސައްކަތްކުރަންވާނީ އާޚިރަތަށްޓަކައެވެ. މަސައްކަތް ކުރަން ޖެހޭނީ ޢާޚިރަތް ލިބިގަތުމަށެވެ. އެހެނީ މަރުވެދާނެ ނުވަތަ މުޞީބާތެއް ކުރިމަތިވެދާނެ ވަގުތު ހަމައެކަކަށްވެސް ނުއެނގޭތީއެވެ. ތިބާ އާއިއެކު ދެމިހުންނާނީ އާޚިރަތަށް ޖަމާކުރި އެއްޗެއް އެކަނި ކަމަށްވާތީއެވެ.

ރަނގަޅަށް ވިސްނާށެވެ! މިދުނިޔޭގައި މީހާގެ އުމުރުވެސް މިވަނީ ވަކި މުއްދަތަކަށް ކަނޑައަޅުއްވަވައިފައެވެ. އަދި ދުނިޔޭގައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ ވަކި މުއްދަތަކަށެވެ. އުމުރެއް ކަނޑައެޅިގެންނެވެ. ނަމަވެސް ސުވަރުގޭގައި އެކަމެއް ނެތެވެ. އެއީ ދުވަހަކުވެސް ނިމުމެއް ނެތް ދާއިމަށް ދެމިގެންވާ ތަނެކެވެ. މިސާލަކަށް ތިބާ ސުވަރުގޭގައި ލެއްވެވިތާ 2 ބިލިއަން އަހަރު ފަހުން ބާކީ އޮތީ ކިހައި ދުވަހެއްތޯ މީހަކު ސުވާލުކޮށްފާނެއެވެ. ޖަވާބަކަށްވާނީ މިތަނުގައި ތިއަ ޒާތުގެ ވާހަކަތައް ނުދައްކާށެވެ. މިއީ ނިމުމެއް ނެތް ދާއިމީ ތަނެކެވެ. އެއީ ހަމަ އެކަން އޮތް ގޮތެވެ!

ތިބާއަކީ މުސްލިމަކަށްވުމަކަށް އެއްވެސް ފަރާތަކުން މަޖުބޫރެއް ނުކުރެއެވެ. މަޖުބޫރެއް އޮތްނަމަ އެމަޖުބޫރަކީ ތިބާ ސުވަރުގެއަށް ބޭނުންވުމެވެ. ސުވަރުގެ ބޭނުން ނުވާ މީހާ އެމީހަކު އުޅެން ބޭޏުންވާ ދީނަކަށް އުޅުމަށް ﷲ ތަޢާލާ ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. ނަމަވެސް އެ އިޚްތިޔާރު ލިބެނީ މުސްލިމުން ނޫން މީހުންނަށެވެ. މުސްލިމަކު ދީނުން ބޭރުވެއްޖެނަމަ އެމީހަކާއިމެދު ޢަމަލުކުރަން އޮތް ގޮތް ﷲ ތަޢާލާވަނީ އަންގަވައިފައެވެ.

ނަމަވެސް ތިބާއަކީ މުސްލިމަކަށް ވެއްޖެނަމަ ތިބާއަމަލުކުރަން ޖެހޭ ގޮތްތަކެއް އެބަހުއްޓެވެ. ކުރަން ޖެހޭ އަމަލުތަކެއްވެސް އެބަހުއްޓެވެ. އެންމެ ކުޑަމިނުން ހެދުން އަޅަންޖެހޭ ވަކި ގޮތްތަކެއްވެސް އެބަހުއްޓެވެ. އެއީ ތިބާއަކީ މުސްލިމަކަށްވީތީއެވެ. ވީމާ ކޮންމެ މުސްލިމަކީވެސް ﷲ ތަޢާލާ ބަޔާންކޮށް ދެއްވަވައިފައިވާ އެ އިންތަކުގައި ވަރުގަދައަށް ހިފަހައްޓަން ޖެހޭނެ މީހެކެވެ. އެކަން ނުކޮށްފިނަމަ އެމީހަކަށް އޮތީ ހަލާކާއި ގެއްލުމެވެ. ނަރަކައިގެ ގަދަފަދަ އަޒާބެވެ. ސުވަރުގެ އާއިމެދުވެސް ބުނި ފަދައިން ކިތަންމެ ގިނަ ބިލިއަން އަހަރުތަކެއް ވީނަމަވެސް ނިމުމެއް ނެތް ގަދަފަދަ އަޒާބެވެ!

 

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން