ސިޙުރުވެރިންގެ ދަންތުރައިގަ ގިނަބައަކަށް ޖެހެވެނީ މިކަންކަމަށް ސަމާލުކަން ނުދެވޭތީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ސިޙުރުވެރިންގެ ދަންތުރައިގަ ގިނަބައަކަށް ޖެހެވެނީ މިކަންކަމަށް ސަމާލުކަން ނުދެވޭތީ!: މުފްތީ މެންކް

ސިޙުރުގެ އުނދަގޫތައް ހުންނަ ގިނަ ބައަކަށްވެސް ރަމަޟާން މަހު ލުއިތައް ލިބެއެވެ. ސަބަބަކީ ހެޔޮ ޢަމަލުތައް ކުރުން ގިނަކޮށް ޤުރްއާން ކިޔެވުން ގިނަކުރެވޭތީއެވެ. އެކަންކަމުގެ ސަބަބުން ޖިންނި ޝައިޠޯނުންނަށް އެމީހަކާއި ކައިރިނުވެވޭތީއެވެ.

ރަމަޟާންމަސް ނިމުމާއިއެކު ގިނަ ބައަކު އެކަންކަމަށް ފަރުވާކުޑަކުރަން ފަށައެވެ. ނަތީޖާއެއްގެ ގޮތުން އެއެއްޗެތީގެ އުނދަގޫތައް ބޮޑުވެގެންދެއެވެ. ބޮޑުވެގެންދާއިރަށް ސިޙުރުވެރިންގެ ފަހަތުން ދުވަން ފަށައެވެ. ޝިރުކުގެ ތެރެއަށް ވެއްޓިގަނެއެވެ.

އެހެންކަމުން މިގެނެސްދޭ ލިޔުމަށް ވިސްނަވައިލައްވާށެވެ! ރަމަޟާން މަހާއި އެއްފަދައިން ހެޔޮ ޢަމަލުތައް ކުރުމުގައި ޘާބިތުވާށެވެ! ސިޙުރުވެރިން ހަދާ ދޮގުތައް ޤަބޫލުކޮށް ޝިރުކުގެ ތެރެއަށް ވެއްޓިނުގަންނާށެވެ!

ސިޙުރުވެރިން ހަދާ ބައެއް ބޮޑެތި ދޮގުތަކުގެ ޙަޤީޤަތް:

މުސްތަޤްބަލުގައި ﷲ ތަޢާލާ ކަންކަން މެދުވެރިކުރައްވަވާނެ ގޮތެއް އެއްވެސް ޖިންނިއަކަށްވެސް ނުއެނގޭނެއެވެ. މުސްތަޤްބަލްގައި ވާންހުރި ކަންކަން ނުވަތަ ކަންކަން ވާނެ ގޮތް އެނގޭކަމަށްބުނެ ޖިންނިން ހަދަނީ ވަރަށް ބޮޑު ދޮގެކެވެ. ނަމަވެސް މާޒީގައި ހިނގާފައިހުރި ކަންކަން އެނގިދާނެއެވެ!

އެކަން ހިނގަނީވެސް މިފަދައިންނެވެ. އެއީއަކީވެސް ހުރިހާ މީހުންގެ ހުރިހާ ޙަޤީޤަތެއް ހުރިހާ ޖިންނިތަކަށް އެނގުމެއް ނޫނެވެ!

ހުރިހާ ޖންނިންނަށް ހުރިހާ އެންމެންގެ ހުރިހާ ކަމެއް ނުއެނގޭނެއެވެ. ނަމަވެސް ކޮންމެ މީހަކު އުފަންވީންސުރެ އެމީހަކާއިއެކު "އަލްޤަރީން" އަކު ވެއެވެ. އެއީ އެމީހާއަށް ވަސްވާސްދީ އެމީހާ މަގުފުރައްދާ ކުޑަ އިބިލީހެވެ.

ސިހުރުވެރިންގެ ގާތަށް ދިއުމުން ސިހުރުވެރިންނަށް ހުރިހާ ކަންކަން އެނގޭކަން ދައްކައި މީހުން ހައްދައިލަން ވަރަށް ފަސޭހައިން މާޒީގައި ވެފައި ހުންނަ ކަންކަން ކިޔައިދޭނެއެވެ. އެކަން އެކުރަނީ ވެސް އޭނާއާއި ގުޅިފައިވާ ޖިންނިއަށް ހުރިހާ ކަންކަން އެނގޭތީއެއް ނޫނެވެ.

މިސާލަކަށް ސިހުރުވެރޔާ ގާތަށް ގޮސްހުރީ ކޮންމެވެސް މުޙައްމަދު ބިން އިބްރާހީމް އެކެވެ. ސިހުރުވެރިޔާއާ އަވަލާލާފައިވާ ޖިންނި ދުވެފައި ބާރަށް ދާނީ މުޙައްމަދު ބިން އިބްރާހީމް އުފަންވީންސުރެ އޭނާގެ ގާތުގައި ވިއްދައިގެންހުންނަ "އަލްޤަރީނާ"، ކުޑަ ޝައިޠޯނާ ގާތަށެވެ.

އަހަރެމެންނަށްވުރެ ޖިންނި ޝައިޠޯނުންގެ ހަނދާން މާގަދަވާނެއެވެ. ވީމާ ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން އެ މުޙައްމަދު ބިން އިބްރާހީމް ގެ ހަނދާނުގައި ނުވެސް ނެތް އެތައް ކަމެއްގެ ވާހަކަ އޭނާއާ އަވަލާފައި ހުންނަ "އަލްޤަރީނާ" ކުޑަ އިބިލީސް، ސިހުރުވެރިޔާއާ އަވަލައިގެން އުޅޭ ޖންނިއަށް ކިޔައިދިނުމުން އެވާހަކަތައް ސިހުރުވެރިޔާއަށް އެނގެނީއެވެ.

ދެން ގިނަ މީހުންނަށް މި ޤަބޫލުކުރެވެނީ މާޒީ އެނގުމުން މުސްތަޤްބަލުވެސް އެނގޭނެ ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް ގުޅުންހުރި ކަމެއް ނޫނެވެ. މާޒީގައި ވެފައި ހުންނަ ކަންކަން އެ އެނގެނީ މިބުނިފަދައިންނެވެ. ވީމާ މާޒީގައިވެފައި އޮތްކަމެއް ޖިންނިންނަށް އެނގުމަކީ އޭތިންނަށް މުސްތަޤްބަލުގައި ހިނގާނެ ކަންކަން އެއްވެސް މިންވަރަކަސް އެނގޭނެކަމުގެ ދަލީލަކަށް ބެލައިގެންނުވާނީ ކުރިން މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން