ކެޔޮދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ކެޔޮދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ހަވާލުކޮށްފި

ވ. ކެޔޮދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަނީ ނިމި، އޮޕަރޭޓަރާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ރަށުގައި ޒަމާނީ ފެނާއި ނަރުދަމާގެ ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން 45 ޓަނުގެ ދެ އާރްއޯ ޕްލާންޓް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، 345 ޓަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކާއި، 960 ޓަނުގެ ވާރޭފެން ރައްކާކުރާ އެއް ޓޭންކްވެސް ވަނީ ބަހައްޓާފައެވެ.

ނަރުދަމާ ނިޒާމުގެ ދަށުން ތިން ޕަންޕިން ސްޓޭޝަން ވަނީ ޤާއިމުކޮށްފައެވެ. އަދި 4.3 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކާއި 3.9 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ އަޅާފައެވެ. މި މަޝްރޫޢުގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް 27 ކިލޯވޮޓުގެ ސޯލަރ ޕެނަލްތަކެއްވެސް ވަނީ ހަރުކޮށްފައެވެ.

އިމާރާތްކުރުމާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ވަގުތު ނިޒާމު ޓެސްޓްކުރުމުގެ ގޮތުން އަގު ނުނަގައި ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. މި މަޝްރޫޢުގެ ސަބަބުން ކެޔޮދޫގެ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން