ޢީދާ ދިމާކޮށް ބާއްވާ "ޢީދު އަލި" ހަރަކާތް މިއަހަރު ފަރުމާކުރަނީ ޢާއިލާތަކަށް އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ މާޙައުލެއްގެ ގޮތުގައި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް ވިދާޅުވި ގޮތުގައި، މިއަހަރުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އަދި މިހާރު ވަނީ އެ ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތް ފެށިފައެވެ.
"ޢާންމު ރައްޔިތުންނަށް ހުޅުވާލެވިފައިވަނީ. އަޅުގަނޑުމެން އެދެނީ ޢާއިލީ ކަމެއްގެ ގޮތުގައި ހުރިހާ ބޭފުޅުންވެސް ވަޑައިގަތުން. މިކަން ވާނީ އުފާވެރި ޢާއިލީ ވަގުތުކޮޅަކަށް ލިބޭ ފުރުޞަތަކަށް. 6 ރޯދަ ނިމެންދެން ދިއްލާފައި ހުންނާނެ،" ސްޓޭޓް މިނިސްޓަރ ފަތުޙީ ވިދާޅުވިއެވެ.
ސެންޓްރަލް ޕާކަށް ޢާންމުންނަށް ވަދެވޭނެ ތިން ގޭޓު ހުންނާނެ ކަމަށާއި، ޢާންމުންނަށް އެހީތެރިވުމަށް ޚާއްޞަ މުވައްޒަފުން ތިބޭނެ ކަމަށް ފަތުޙީ ވިދާޅުވިއެވެ. އަދި މިއަހަރުގެ ހަރަކާތުގެ ތެރެއިން ސެންޓްރަލް ޕާކުން ތަފާތު ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށާއި، ކުރީ އަހަރެކޭ އެއްގޮތަށް ޖުމްހޫރީ މައިދާންވެސް ތަފާތު ދިއްލުންތަކުން ޒީނަތްތެރިކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ "ޢީދު އަލި" ހަރަކާތުގެ ރަސްމީ އިޙްތިފާލު އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.