ކުރިއަށް އޮތް ޢީދު ދުވަހުގެ ހަވީރު މާލޭގައި ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން ބޮޑު ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށްދާނީ ދިފާޢީ ވުޒާރާއާއި، ސަރުކާރުގެ އެކި ކުންފުނިތަކާއި، ކުޅިވަރާ ބެހޭ ވުޒާރާއާއި، ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންނެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހަރަކާތް ކުރިއަށްދާނީ ޢީދު ދުވަހުގެ ހަވީރު 4 އިން 6 އަށެވެ. މި ހަރަކާތުގައި އެމްއެންޑީއެފްގެ ބަރު ހަތިޔާރުތައް ދައްކާލުމާއި، ޑްރިލްތަކުގައި ކުރިއަށްދާ ބައެއް ހަރަކާތްތަކުގައި ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ.
މި ހަރަކާތުގެ ތެރޭގައި ރާއްޖޭގެ އިހުގެ ޘަޤާފަތް ދައްކާލުމާއި، އިހު ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލުން ހިމެނެއެވެ. އަދި ޒަމާނީ ކެރެކްޓަރސްތައް ފިއުޝަން ގޮތަށް ދައްކާލުމާއި، އެމްއެންޑީއެފް އަދި ފުލުހުންގެ އުޅަނދުތަކަށް އެރުމާއި އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ލިބިގެންދާނެއެވެ.
ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ގޭމިންގ ސްޓޯލްތަކާއި ފިއުޝަން ޝޯވއެއް ދައްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ޖުމްހޫރީ މައިދާނުގައި ފެނުގެ އެކި ކުޅިވަރުތައްވެސް ކުރިއަށްދާނެއެވެ.
މި ހަރަކާތްތައް ކުރިއަށްދާނީ މާލޭގެ ތިން ސަރަހައްދެއްގައެވެ. އެއީ ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ކުރިމަތީގައި އަދި ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ.