ސުވާލު: ދީނުގެ ޙުކުމްތަކާމެދު ޖަދަލުކުރާ މީހުންނަށް ލިބޭނެ އަޒާބަކީ ކޮބައިތޯ؟
ޖަވާބު: ބިސްމިﷲ. އާދެ! ﷲ ޞުބުޙާނަހޫ ވަތަޢާލާ ދީނުގަ ކަންކަން ކަނޑައަޅުއްވައިފައިވަނީ ވަރަށް ބޮޑު ޙިކްމަތްތަކަކަށް ޓަކައި. އޭގެ ތެރެއިން ބައެއް ޙިކްމަތްތަކަކީ އެއީ އަޅުގަނޑުމެންނަށް އޭގެ ޙިކުމަތް އެނގޭނެ ކަންތައްތައް. އަނެއްބައި ކަންތައްތަކަކީ އެއީ އޭގެ ޙިކުމަތަކީ ކޮބައިކަން އަޅުގަނޑުމެންނަށް ނޭނގޭ ކަންތައް. އެހެން ނަމަވެސް އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެން ވަނީ ﷲ ޞުބުޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއްވެސް ކަނޑަ އަޅުއްވާފައި ވާނީ އެ ކަމުގައި ކޮންމެވެސް ޙިކުމަތެއް އޮވެގެން ކަން ޤަބޫލުކުރުން!،
އެހެންވީމާ އެ ގޮތަކަށް ﷲ ޞުބުޙާނަހޫ ވަތަޢާލާ ކަމެއް އަމުރު ކުރެއްވީމަ ނުވަތަ ކަމެއް ނަހީކުރެއްވީމަ އެ ގޮތަކަށް ބޯލަނބައި ކިޔަމަންގަތުން އެއީ މުސްލިމުންގެ ގޮތެއް ކަމުގައި ވާން ޖެހޭނީ. އެހެންވެގެން ކީރިތި ޤުރްއާނުގައި ވެސް ﷲ ޞުބުޙާނަހޫ ވަތަޢާލާ މުއުމިނުންގެ ސިފަތަށް ބަޔާންކުރައްވައި ވަޙީކުރައްވަނީ (އާޔަތް) އާޔަތުގެ މާނައިގައި މި ހިމެނެނީ ﷲ ޞުބުޙާނަހޫ ވަތަޢާލާގެ މަގަށް ގޮވާލެވިއްޖެ ކަމަށް ވަނީނަމަ މުއުމިނުންގެ ގޮތެއް ކަމުގައި ވާނީ އެ މީހުން ބުނާނެއޭ ތިމަންމެން އަޑު އަހާ ކިޔަމަންގަންފީމެވެ.
އެހެންވީމާ ކޮންމެ ޙުކުމެއްގައި ވެސް، އެއީ އަދި އަޅުގަނޑުމެންގެ ސިކުނޑިއަށް ވިސްނަން ނޭނގުނު ހުކުމެއް ކަމުގައިވީ ނަމަވެސް، އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތަކީ އެ ކަމުގައި ކޮންމެވެސް މަތިވެރި ޙިކުމަތްތަކެއް ވާތީކަން އެކަން އައިސްފަ އެ ވަނީ. އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ޢިލްމުގެ ތެރެއިން ﷲ ޞުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އިންސާނުންނަށް ދެއްވައިފައިވަނީ ވަރަށް މަދު މިންވަރެއްކަން. ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވަނީ (އާޔަތް) މާނައީ: ޢިލްމުގެ ތެރެއިން މަދު މިންވަރެއް ނޫނީ ތިޔަބައިމީހުންނަކަށް ﷲ ނުދެއްވަމޭ. އެހެންވީމަ ވަރަށް މަދު ޢިލްމުގެ މިންވަރެއްގެ ތެރެއިން ﷲ ޞުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވައިފައިވާ ޢިލްމުގެ ވަރަށް މަދު މިންވަރެއްގެ ތެރެއިން އަޅުގަނޑުމެންނަށް ދުނިޔޭގައި އެކިއެކި ޓެކްނޮލޮޖީތަކާއި ވަރަށް ބޮޑަށް ކުރިއެރުންތައް ހޯދިފައި މި ވަނީ، އެއީ އަދި އަޅުގަނޑުމެންނަށް ބޮޑު އެއްޗެއް ކަމުގައި ހީކުރެވުނު ކަމުގައިވީ ނަމަވެސް ޙަޤީޤަތުގައި މުޅި ޢިލްމަށް ބަލާއިރު އެއީ ވަރަށް ކުޑަކުޑަ މިންވަރެއް. އެހެންވީމަ ﷲ އާއި ﷲ ގެ ރަސޫލާ ކަމެއް ވަކި ގޮތަކަށް ނިޔާ ކަނޑައެޅުއްވީމައި އެ ކަމުގައި ތިމަންނާގެ ސިކުނޑިއަށް ތި ކަން ޤަބޫލުނުކުރެވޭ ނުވަތަ ތިމަންނާއަށް ތި ކަން ބަލައިނުގަނެވެއޭ ބުނެ އެ ކަން އެ ގޮތަށް ކަން ކުރުމަކީ އެއީ އެއްވެސް ހާލެއްގައި މުއުމިމިނެއްގެ ހައިސިއްޔަތުން ކޮށްގެންވާނޭ ކަމެއްނޫން. މުއުމިނުންގެ ގޮތަކަށް ވާންޖެހޭނީ ކުރިން ވެސް ދެންނެވި ފަދައިން ﷲ އާއި ﷲ ގެ ރަސޫލާ ކަމަކަށް ވަކި ގޮތަކަށް ކަނޑައެޅުއްވީމާ ތިމަންމެން އަޑުއަހާ ކިޔަމަންގަންފީމޭ ބުނުން. އެހެންވީމާ، ދީނުގައި ހުންނަ ޙުކުމްތަކާ މެދުގައި އެ ކަންތައްތަކަށް އިންކާރުކޮށް ޖަދަލުކޮށް ހަދާކޮށް ވަނީނަމަ އެއީ އެ މީހެއްގެ އީމާންކަމާ މެދުގައި ސުވާލު އުފެދިގެންދާނެ ކަމެއް. އެފަދަ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމަކީ އެއީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ކުރަންޖެހޭނެ ކަމެއް. ޝުކުރިއްޔާ.
ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް