ހުކުރު ދުވަހުގެ މާތްކަމާ މަތިވެރިކަން ތިމާމެންނަށާ ދަރިންނަށް އިޞްޞާޞްކުރެވެން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ހުކުރު ދުވަހުގެ މާތްކަމާ މަތިވެރިކަން ތިމާމެންނަށާ ދަރިންނަށް އިޞްޞާޞްކުރެވެން އެބަޖެހޭ!

ހުކުރު ދުވަހާއި ބައްދަލުވެއްޖެނަމަ ގިނައިން ދެކެވެނީ ކޮންމެވެސް އުފަލެއް ކުރުމުގެ ވާހަކައެވެ. ހުކުރު ދުވަހަކީ ޗުއްޓީ ދުވަހަކަށްވުމުން ޢާއިލާ އެކުގައި އުފާނުކުރަން ބުނަނީއެއް ނޫނެވެ. އެކަންކުރާށެވެ! ނަމަވެސް ހުކުރު ދުވަހުގެ ޙަޤީޤީ ބޭނުން ޙާޞިލްކޮށް އެކަމުގެ ފައިދާ ލިބިގަންނަން މަސައްކަތްކުރަންވާނެއެވެ.

ފުރަތަމަ ކަމަކީ މީހުންނަށް އުނދަގޫނުކޮށް މިސކިތުން ފަސޭހައިން ޖާގަލިބޭނެހައި ވަޤުތު އޮއްވައި ދަރިން ގޮވައިގެން މިސްކިތަށް ދިއުމެވެ. ދަރިން ގޮވައިގެން ގޮސް މިސްކިތުން ޖާގަ ނުލިބިގެން އެހެން މީހުންނަށް އުދަގޫކުރަން ޖެހޭނަމަ ދަރިފުޅު ލައްވައިގެން ދިއަ ރީތިފޭރާމުގެ ފައިދާއަކީ ކޮބައިހެއްޔެވެ؟ ވީހާ ކުރިން ހުކުރަށްދާންޖެހޭއިރު ހުކުރަށް ބަންގިގޮވައި ޚުޠުބާކިޔަން ފަށައި ހުކުރަށްދާ މީހުންގެ ނަންތައް މަލާއިކަތުން ލިޔުއްވެވުން ހުއްޓަވައިލެއްވެވުމުން (ހުކުރަށް ދިއަ މީހުންގެ ދަފްތަރު (ފަތް) ލިޔުއްވެވުން ހުއްޓަވާލައްވަވައި ފަތް ބަންދުކުރެއްވެވުމުން) ހުކުރަށް ދާމީހަކަށް ލިބޭނީ ކޮން ޘަވާބެއް ހެއްޔެވެ؟ 

ދެވަނަކަމަކަށް ކަހްފިސޫރަތް ކިޔަވަންޖެހެއެވެ. ވީހާ ގިނައިން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔަވަން ޖެހެއެވެ. އެދުވަހުގައިވާ ދުޢާ ޢިޖާބަ ކުރެއްވެވުމުގެ ވަޤުތުކޮޅު ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. މިކަންކަން ނުކުރެވި ހަމައެކަނި އުފާކުރާ ދުވަހަކަށް ހަދާނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ހަފްތާގެ އެންމެ މާތް ދުވަސް. 

އަޅުގަނޑުމެންނަށް ބައެއްފަހަރު މި ހީވަނީ ކުރީޒަމާނުއްސުރެ މީހުން އަހައްމިއްޔަތުކަން ދީފަ ހުންނަ ބައެއް ކަންތައް މިޒަމާނުގަ އެއީ ހުސް ބޯދާ ކަންތައްތަކޭ. އެހެންވީމަ މިޒަމާނަކާ ނުވެއް ގުޅޭނެ އެހެން ވަކި ކަމެއް ޚާއްސަ ކުރުމެއް. އެކަހަލަ ގޮތެއް މިއަދު ހީވާތީވެ، މިހާރު ކުރީޒަމާނުގެ ތިބުނީ ޕޭރެންޓުން ވަރަށް އަހައްމިއްޔަތުކަމެއް ދޭ ކަމެއް ވީމަ ކުދިންނަށް އިނގޭ އެދުވަސް. އެކަމު މިހާރަކު އެ އިޙްސާސް އެހާބޮޑަކަށް ނޯވެ ހުކުރުދުވަސްވީމަ ވަކި ވަރަށް ޚާއްސަ ދުވަހެކޭ. އެދުވަހުގަ ކުރަން ހުންނަ ޚާއްސަ ކަންތަކަށް ވަރަށް އަހައްމިއްޔަތުކަން ދޭން ޖެހޭނެއޭ. މި އިޙްސާސް ތަންކޮޅެއް ކުޑަ ކަންނޭންގެ މިޒަމާނުގަ. އެހެންވީމަ ވަރަށް މުހިއްމު ތިވާހަކަ ދައްކާލަން.

އެގޮތުން، ބަރަކާތްތެރި ހުކުރު ދުވަހަކީ ހަމަ ހަޤީގަތުގައިވެސް ދީނުގަ ސާބިތުވާ ބަރަކާތްތެރި ދުވަހެއް. ވަރަށް މުހިއްމު ދުވަހެއް. ވަރަށް ބޮޑު ދުވަހެއް އަސްލު. އެއީ ހުކުރުގެ ވާހަކަ ކީރިތި ޤުރުއާނުގަ އެބައޮތް އައިސްފަ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފަ -- " އޭ ޢީމާންވި މީސްތަކުންނޭވެ. ހުކުރު ދުވަހުގަ ބަންގި ގޮވުނީމަ، ހުކުރު ނަމާދަށް ގޮވުނީމަ މުޢާމަލާތްތަކާއި ވިޔަފާރިއާއި، ގަނެވިއްކުމާއި މަސެއްކަތްތައް ދޫކޮށްލާށޭ. ދޫކޮށްލާފަ އަވަސްވެގަންނާށޭ ﷲ ގެ ޒިކުރަށް، ހުކުރަށް. އެއީ ތިޔަބައި މީހުންނަށް އެނގޭނަމަ އެއީ ތިޔަބައިމީހުންނަށް ހުރި ހެޔޮކަން ބޮޑުވެގެންވާގޮތެވެ." މާނައަކީ ވަރަށް ހެޔޮވެގެންވާ ވަރަށް މުހިއްމު ބޮޑު ކަމެކޭ، ވަރަށް މުހިއްމު ދުވަހެކޭ އެއީ. 

ކީރިތި ރަސޫލާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަޢާލި ވަސައްލަމްގެ އަރިހުން ސާބިތުވެ އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވޭ --- " ހުކުރު ދުވަހަކީ އިރު އެދުވަހަކަށް އަރާ އެންމެ މާތް ދުވަހެވެ." މާނައަކީ ކޮންމެ ހަފްތާއަކު އެއްފަހަރު އެއްދުވަސް އެއީ ހުކުރު ދުވަސް. އެދުވަހަކީ އެއީ އިރުއަރާ އެންމެ މާތް ދުވަހެވެ. އެދުވަހު އާދަމް ޢަލައިހިއް ސަލާމް އުފެއްދެވުނީ. އެދުވަހު އާދަމް ޢަލައިހިއް ސަލާމް ޖަންނަތަށް ވެއްދެވުނީ. އެދުވަހު އާދަމް ޢަލައިހިއް ސަލާމް ބިމަށް ފޮނުއްވުނީ. ބޮޑު ދުވަހެކޭ، ޚައްސަ ދުވަހެކޭ." 

އެހެންވީމަ ހުކުރު ދުވަސް އެބަޖެހޭ މުޢުމިނު މުސްލިމުންގެ ހިތްތަކުގަ އެއީ ބޮޑު ދުވަހެއްކަމާއި، މުހިއްމު ދުވަހެއް ކަމާއި، މާތް ދުވަހެއްކަން އިހްސާސް އޮންނަން.

މިއަދު އޮންލައިން