ފިރިމީހާގެ ގެއިން އަނބިމީހާއަށް ހިތްދަތިކަމާ އަނިޔާ ލިބޭނަމަ "ކެތްތެރިވާން" ބުނުމުގެ ޙައްޤު ފިރިންނަކަށްވެސް ނެތް! އޮތީ އިންޞާފުން ކަންކަން ކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ފިރިމީހާގެ ގެއިން އަނބިމީހާއަށް ހިތްދަތިކަމާ އަނިޔާ ލިބޭނަމަ "ކެތްތެރިވާން" ބުނުމުގެ ޙައްޤު ފިރިންނަކަށްވެސް ނެތް! އޮތީ އިންޞާފުން ކަންކަން ކުރުން!

ކައިވެނިކުރުމުން އުފުލަންޖެހޭ އެންމެ ބޮޑު ޒިންމާއަކީ އަނބިމިހާގެ ޚަރަދުތައް ބެލެހެއްޓުން އެކަންޏެއް ނޫނެވެ. އަނބިމީހާއަށް ބޭނުންވާ ޙިމާޔަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަކީ މާބޮޑު ޒިންމާއެކެވެ. އެހެނީ ދަތިޙާލުގައިވެސް ކެތްތެރިވެވިދާނެއެވެ. ނަމަވެސް އަނިޔާއަށް ކެތްކުރުމަކީ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.   

އަނބިމީހާއަށް ފިރިމީހާގެ މަންމަ، ބައްޕަ، ކޮއްކޮ، ދައްތަ މިހެންގޮސް އޭނާގެ ޢާއިލާގެ މީހުން ނުބައިބަސްތައް ބުނެ އަޅުވެތިކުރާނަމަ އެއީ އަހުރެންގެ ޢާއިލާގެ މީހުންނޭ، މަންމައާއި ބައްޕައޭ ކަލޭ ކެތްތެރިވެގެން ހުންނާށެކޭ ނުބުނެވޭނެއެވެ. އަދި ކީއްހެޔެވެ؟ އަނބިމީހާގެ ހިތުގައި ޖައްސުވަމުން ގެންދާނަމަ ވަޤުތުން ފިޔަވަޅުއެޅެން ޖެހޭނެއެވެ.  

ރަނގަޅަށް ވިސްނައިލާށެވެ! އޭނާ، އޭނާގެ މައިންބަފައިންގެ ބެލެނިވެރިކަމުގައި ގޭގައި އިންދައި ކައިވެނިކޮށްގެން ތިއަގެނައީ އޭނާގެ މައިންބަފައިން އޭނާއަށްދިން ލޯތްބަށްވުރެ މާވަރުގަދައަށް ލޯބިދީ އަޅާލައި ބަލަހައްޓާނެ ކަމުގެ ވަޢުދުތައް ވެފައި ނޫންހެއްޔެވެ؟  

ގެއަށް ގެނެސް އަނބިމީހާގެ ކިބައިން ބޭނުންވާ ކަންކަން ފުދުނީމާ އަނބިމީހާގެ ހިތާއި ސިކުނޑި ކާޅުކާން ދޫކޮށްލާފައި ކަލޭ "ކެތްތެރިވާށޭ!" ބުނުން ވާނީ މީހެއްގެ ގައިގައި އަލިފާންޖައްސުވާފައި ކެތްތެރިވާން ބުނުން ފަދަ ކަމަކަށް ނޫންހެއްޔެވެ؟ އެޙާލަތުގައި ކެތްކުރެވޭނެ އެއްވެސް އިންސާނަކު ދުނިޔޭގައި ހުންނާނެ ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ.  

މިޙާލަތުގައި ދެން މިޖެހޭ މައްސަލައަކީ ލޯބިވާ އަނބިމީހާގެ އިތުރުން ދަރިންގެ މަންމަ ވީމާ އޭނާއަށް އިޙްތިރާމްކުރަމުން "އުފް"ވެސް ބުނެވެން ނެތް މައިންބަފައިންނަށް ހެޔޮކޮށް ހިތާނެ ގޮތެވެ. 

އަހުރެންގެ ވިސްނުމުން ފުރަތަމަވެސް ކުރަންޖެހޭނެ ކަމަކީ އަނބިމީހާ އާއި މައިމީހާގެ ދެމެދުގައި ރޮނގެއް ދަމައިލުމެވެ. ބުނާށެވެ! "ލޯބިވާ މަންމާއެވެ! ބައްޕާއެވެ! ކަލޭމެންނަށްޓަކައި މިވެނި އެވެނި ކަންކަންކޮދޭނަމެވެ. އެކަމަކު ކަލޭމެން އަހުރެންގެ އަނބިމީހާ އާއި އެއްވެސް ވަރަކަށް ކައިރިވެސް ވެގެން ނުވާނެއެވެ. އޭނާގެ ހިތުގައި ޖެހޭނެ އެއްޗެއްވެސް ބުނެގެން ނުވާނެއެވެ."  

ދެން އެހިސާބުން ފިރިމީހާގެ މައިންބަފައިން އެއީ އެމީހުންގެ ގެ ކަމަށްވެގެން މައްސަލައަކަށް ހަދައިފިނަމަ އެމީހުންނާއި ދެބަސްނުވެ އަވަހަށް ގެއިން ނުކުންނާށެވެ. އަނބިން ގޮވައިގެން ގޮސް މަގުމަތީގައި ދިރިއުޅެން ޖެހުނަސް ފައިދާ ބޮޑުވާނީ އަނބިދަރިން އެގެއަކުން ނެރެގެން ގެމންދިއުމެވެ.  

މިހާރަކަށް އައިސް ފިރިހެނުން ދައްކާނީ އަނބިމީހާގެ ލޯބި ނުލިބޭކަމުގެ ވާހަކައެވެ. ވީމާ މިފަދަ ޙާލުގައި ދިރިއުޅެންޖެހިފައިވާ އަނބިން ކޮށްލަންވީ ކަމަކީ ތިބާއަށް ތިގޭތެރެއިން ތިއަ އަންނަ ފަދަ ޙަމަލާތައް ހަމަ އެންމެ ދުވަހަކަށް ނަމަވެސް ފިރިމީހާއަށް ފޮނުވުމެވެ. ތިއަ ގެއަށް ގެންގޮސް ތިބާގެ މައިންބަފައިން ލައްވާ ފިރިމީހާއަށް ހަމަ އެންމެ ދުވަހު އެއްޗެތި ގޮއްވަބަލާށެވެ! ކެތްކުރެވޭވަރު ފެންނާނެއެވެ.   

އެއްވެސް ޙާލެއްގައި މިބުނަނީ ފިރިމީހާ އާއި ހަނގުރާމަކުރާކަށް ނޫނެވެ. ތިބާއަށް އުޅެން ޖެހިފައިވާ ޙާލު ފިރިމީހާޢަށް ވިސްނައިދިނުމުގެ ވާހަކައެވެ. އެކަން ފިރިމީހާއަށް އިހްޞާޞްކުރުވުމުގެ ވާހަކައެވެ.  

ކޮންމެވެސް މަގެއް ހޯދައިގެން އެގޮތަށް ހިތާއި ސިކުނޑިއަށް ކޮންމެ ދުވަހަކު އަނިޔާ ލިބުނީމާ އުޅެންޖެހޭނެ ޙާލަތު ފިރިމީހާއަށް ވިސްނުވައިދޭށެވެ. ނިދަން އޮށޯވެފަ ފިރިމީހާ އެދޭކަންކަން އެންމެ ފުރިހމަ ގޮތުގައި ކޮށްނުދެވޭ ސަބަބު އެންމެ ދުވަހަކުންވެސް ވިސްނޭނެއެވެ. ހުރިހާ ދުވަހަކު އެ ގޮށްރާޅުތަކުގެ ތެރޭގައި އުޅެންޖެހޭ މީހަކަށް ދިރިއުޅެންޖެހޭނެ ޙާލަތުވެސް ވިސްނޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން