އަޅުގަނޑުގެ ޢުމުރަކީ 73 އަހަރެވެ. ރަމަޟާން މަހުގެ މިހައިތަނަށް ކޮންމެ ރެއަކުވެސް މަޣްރިބްނަމާދަށް މިސްކިތަށްދާ ގޮތަށް ފައިބަނީ ތަރާވީޙް ނަމާދުކޮށްގެންނެވެ. ދަމުނަމާދުކުރަނީ ދަންވަރު ގޭގައެވެ. ޚަޠިމުން އަމިއްލައަށް ކިޔެވުނުވަރު ބުނާކަށް ނެތީމެވެ. އެއީ ސިއްރެކެވެ.
ޞިއްޙަތު ތަންދޭވަރަކުން ގޭތެރޭގެ ކަންކަންވެސް ކުރަމެވެ. ކައްކަންވެސް އެހީތެރިވަމެވެ.
5 މާމަދަރިން ލިބިފައިވީނަމަވެސް މިވަޤުތު ގާތުގައި ހުރީ އެންމެ ދަރިއެކެވެ. އެއީ 8 އަހަރުގެ އަންހެން ކުއްޖެކެވެ. ރޯދަ މަސް އައުމުގެ މާކުރިންސުރެ ހިތުލައިގެން ހުރީ އެދަރިފުޅަށް ޤުރްއާނުން މިންވަރެއް ހިތުދަސްކޮށްދޭން މަސައްކަތްކުރާށެވެ. އެހެންވެ ފުރަތަމަ ރޯދަ ދުވަހުން ފެށިގެން އެކަމަށް މަސައްކަތް ފެށީމެވެ.
ކޮންމެ ދުވަހަކު 3 ދަންފަޅިއަށް ބަހާލައިގެން 2 ގަޑިއެއްހާއިރު ކުރި މަސައްކަތުން މަސްނިމޭއިރަށް ޙާޞިލުކުރަން ޤަޞްދުކުރި މިންވަރު މިހާރުވެސް ޙާޞިލުކުރެވިއްޖެއެވެ. އެވަރު ބުނާކަށް ނެތީމެވެ. ނަމަވެސް އެއީ ކުޑަމިންވަރެއް ނޫނެވެ. އެޢުމުރުގެ ކުއްޖަކަށް ބަލާއިރު ހަމަ ބޮޑު މިންވަރެކެވެ. އިން ޝާ ﷲ ރޯދަމަސް ނިމުންވެސް އެމަސައްކަތްކުރިއަށް ގެންދާނަމެވެ.
މިއަދުނޫހުގައި މިވާހަކަ ދެއްކީ ކާކުކަމެއް ނުއެނގެއެވެ. ހަމަޤައިމުވެސް ޢާއިލާގެ ވަރަށް ގާތް މީހަކަށް ނޫނީ ނުއެނގޭނެއެވެ. ވީމާ ސުވާލުކުރީތީ ބުނެލީއެވެ. ކޮންމެވެސް ނަމެއް ފޮޓޯއެއް ނޫހުގައި ނުޖަހާށެވެ! އެސްފީނާއަށް ބިރުގަންނަވަރުންނެވެ. ނޫންނަމަ މިހެނެއް ނުބުނީމުހެވެ.
މިއީ ޢުމުރުން 73 އަހަރުގެ މާމައެއްގެ ވާހަކައެވެ. މާމަ އެދުނު ފަދައިން ދެންހުރި ކަންކަން ނުވަތަ އިތުރު ތަފްޞީލް ސިއްރުކުރީއެވެ. މިވާހަކަކޮޅު މިގެނެސްދިނީ އެހެން މަންމައިންނަށާއި މާމައިންނަށް ހިތްވަރުދިނުމަށެވެ.
އިން ޝާ ﷲ އެމާމަ މިރަމަޟާން މަސް ވަރަށް ރަނގަޅަށް ކާމިޔާބުކޮށްފިއެވެ. ކުރި އަޅުކަމުގެ އިތުރުން ދަރިއަކަށް ނަމަވެސް ޤުރްއާން އުނގަންނައިދީ ޚާއްޞަކޮށް ހިތުދަސްކޮށްދިނުމަކީ ކޮންފަދަ މަތިވެރި އަޅުކަމެއް ހެއްޔެވެ؟
ދުޢާއަކީ އެމާމައަށް ފުރިހަމަ ޞިއްހަތުގައި ދިގުޢުމުރެއް ދެއްވެވުމެވެ. ތަޤްވާވެރިކަން އިތުރުކޮށްދެއްވެވުމެވެ. އަދި އެދަރިފުޅަކީ ޤުރްއާން ހިތުދަސް ޙާފިޡަކު ކަމުގައި ލެއްވެވުމެވެ. އާމީން
- ޢިބްރަތްތެރި ވާހަކަ-