ހުރިހާ ކަމެއް ފުރިހަމަކުރެވި ރީތި ތާރީޚެއްގަ ކައިވެނިކުރަން މަޑުކުރުމަށްވުރެ ދުނިޔެއާ އާޚިރަތުގަވެސް ފައިދާކުރާނީ ރީތި ގޮތުގަ އަވަހަށް ކައިވެނިކުރުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 50ސ
ހުރިހާ ކަމެއް ފުރިހަމަކުރެވި ރީތި ތާރީޚެއްގަ ކައިވެނިކުރަން މަޑުކުރުމަށްވުރެ ދުނިޔެއާ އާޚިރަތުގަވެސް ފައިދާކުރާނީ ރީތި ގޮތުގަ އަވަހަށް ކައިވެނިކުރުމުން!

ރީތި ތާރީޚުތަކުގަ ކައިވެނިކުރަން މަޑުކުރުމާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. ކައިވެނިކުރަން ބޭނުންވުމުން ރީތިކުރަންވީ ކައިވެނިކުރާ ތާރީޚެއް ނޫނެވެ! އެންމެ ރިވެތި ކައިވެންޏަކީ ހަޑިކަމެއް ނެތި ރިވެތި ގޮތުގައި ކުރެވޭ ކައިވެންޏެވެ. އެކަން ޙާޞިލުކުރެވޭނީ ކައިވެނިކުރުން އަވަސްކުރިވަރަކުންނެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޖަވާބު ލިބިލައްވާނެއެވެ! އިން ޝާ ﷲ  

ކައިވެނީގެ މަތިވެރިކަމާ ފާޙިޝް ޢަމަލުކުރެވުމުން ސަލާމަތްކަމަށް އެދޭމީހާ ކައިވެނިކުރަން އަވަސްވެގަންނަންވީ ބައެއް ސަބަބުތައް- 

ޝައްކެއްނެއް ގޮތުގައި ކައިވެންޏަކީ އަމާން އޮމާން ޢިތްފަތްތެރި އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ. ކައިވެންޏަކީ އޭގައި ޖިސްމާނީ އަދި ނަފްސާނީ އަދި ދީނީ ޝަރުޢީ މަސްލަހަތުތަކެއް އެކުލެވިގެންވާ ކަމެކެވެ. ޚާއްސަކޮށް މިފަދަ ފިތުނަ ވެރި ޒަމާނެއްގައި ތިބާގެ ޢިތްފަތް ރައްކާތެރި ކުރުމަށްޓަކައި ކައިވެނީގެ މުހިންމުކަން ބޮޑުވެއެވެ.   

البخاري އާއި مسلم ދެބޭފުޅުން ރިވާކުރައްވާފައިވެއެވެ.

رسول الله صلى الله عليه و سلمހަދީޘްކުރައްވާފައިވެއެވެ ) يَا مَعْشَرَ الشَّبَابِ ،مَنْ اسْتَطَاعَ مِنْكُمْ الْبَاءَةَ فَلْيَتَزَوَّجْ ،وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ ،فَإِنَّهُ لَهُ وِجَاءٌ ( 

އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންކުރެ ކުޅަދާނަކަން ހުރި ކޮންމެ މީހަކު ކައިވެނި ކުރާށެވެ! އަދި ކުޅަދާނަވެގެން ނުވާ ނަމަ ރޯދަ ހިފާށެވެ! ފަހެ ހަމަކަށަވަރުން އެއީ އޭނާއަށްޓަކައި ވާ އައްޑަނައެކެވެ."  

ކައިވެންޏަކީ އިންސާނާގެ ޙަޔާތް ބާއްޖެވެރިވުމަށް މެދުވެރިވާ ކަމެކެވެ. މާތް ﷲ ރުއްސުން ލެއްވި ސަޢީދު ބިން އަބީ ވައްގާޞް ރިވާ ކުރެއްވި ޙަދީޘް އެއްގައިވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.  

(مِنْ سَعَادَةِ ابْنِ آدَمَ ثَلاَثَةٌ ، وَمِنْ شِقْوَةِ ابْنِ آدَمَ ثَلاَثَةٌ ، مِنْ سَعَادَةِ ابْنِ آدَمَ : الْمَرْأَةُ الصَّالِحَةُ ، وَالْمَسْكَنُ الصَّالِحُ ، وَالْمَرْكَبُ الصَّالِحُ ، وَمِنْ شِقْوَةِ ابْنِ آدَمَ : الْمَرْأَةُ السُّوءُ ، وَالْمَسْكَنُ السُّوءُ ، وَالْمَرْكَبُ السُّوءُ). 

މާނައަކީ: "އާދަމުގެ ދަރިޔާ ބާއްޖެވެރިވުމަށް މެދުވެރިވާ ތިންކަމެއް ވެއެވެ. އަދި އަބާއްޖެވެރިވުމަށް މެދުވެރިވާވެސް ތިންކަމެއްވެއެވެ.  

ބާއްޖަވެރިވުމަށް މެދުވެރިވާ ކަންތަކުގެ ތެރޭގައި: ޞާލިޙް އަންބަކު ލިބުމާއި، އުޅޭނެ ރަގަޅު ތަނެއް ލިބުމާއި، ދުއްވާނެ ރަގަޅު ސަވާރީ އެއް ލިބުން ހިމެނެއެވެ. އާދަމުގެ ދަރިޔާ އަބާއްޖެވެރި ކުރުވާ ކަންތައްތަކުގެ ތެރޭގައި: ނުބައި އަންހެނަކާއި ޖެހުން، ދިރިއުޅެން ރަގަޅު ތަނެއް ނުލިބުން، އަދި ދުއްވާނެ ރަގަޅު ސަވާރީ އެއް ނުލިބުން ހިމެނެއެވެ."  

ކައިވެންޏަކީ ދީނުގެ ދެބައިކުޅަ އެއްބައެވެ. މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެންވާ ޙަދީޘް އެއްގައި އައިސްފައިވަނީ ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.  

(مَن رزقه الله امرأة صالحة فقد أعانه الله على شطر دينه ، فليتق الله في الشطر الثاني) 

މާނައަކީ: " މާތް ﷲ މީހަކަށް ޞާލިޙް އަންބަކު ދެއްވައިފިނަމަ އޭނާގެ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކުރުމުގައި އެހީތެރިވެދެއްވައިފިއެވެ. ބާކީ އޮތް ބަޔާމެދު ތިޔަބައިމީހުން މާތް ﷲ އަށް ބިރުވެތިވެ ތަގްވާވެރިވާށެވެ. " އެހެން ރިވާޔަތެއްގައި އާދެއެވެ. (إذا تزوج العبد فقد استكمل نصف الدِّين فليتق الله فيما بقي) މާނައަކީ: "އަޅާ ކައިވެނި ކޮށްފިނަމަ އޭނާގެ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ވެއްޖެއެވެ. ބާކީ އޮތް ބަޔާއިމެދު މާތް ﷲ އަށް ބިރުވެތިވެ ތަގްވާވެރިވާށެވެ".  

މިޙަދީޘްގެ ދޭހަ އަކީ އަޅާ ކައިވެނި ކުރުމުން އޭނާގެ ފޮރުވިފައިވާ ގުނަވަންތައް ރައްކާތެރިކޮށްދީ އޭނާ ޢިއްފަތް ތެރި ކުރުވައެވެ. އެހެންކަމުން ނުބައިކަމުގެ އެންމެ ބޮޑު ދެދޮރު ގެ ތެރެއިން އެއްދޮރު ބަންދުވީއެވެ. ބާކީ އޮތް ދެވަނަ ދޮރާއިމެދު ސަމާލުވާށެވެ. އެއީ އިންސާނާގެ ދުލެވެ. އެހެނީ އިތުރު އެކަލޭގެފާނުގެ އެހެން ބައެއް ޙަދީޘް ތަކުން ދޭހަވާ ގޮތުގައި އިންސާނުން އެންމެ ގިނައިން ނަރަކަ އަށް ވައްދަވަނީ ފޮރުވިފައިވާ ގުނަވަންތައް ޢިއްފަތްތެރި ކަމާއިއެކު ރައްކާތެރި ނުކުރެވުމުގެ ސަބަބުންނާއި ދޫ ރައްކާތެރި ނުކުރެވުމުގެ ސަބަބުންނެވެ. އެހެންކަމުން ޙަދީޘް ކުރައްވާފައިވެއެވެ. 

(من يضمن لي ما بين لحييه وما بين رجليه أضمن له الجنة) 

މާނަ އަކީ: "ތިޔަބައިމީހުން ގެ ދުލާއި ފަރުޖު ރައްކައުތެރި ކުރާނެ ކަމުގެ ޖާމިނުކަން (ޔަޤީންކަން) ދިން މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ޖާމިނުކަން (ޔަގީންކަން) ތިމަންކަލޭގެފާނު ދެއްވަމެވެ". 

އެހެންކަމުން ކައިވެނި ކުރުމުގެ ބޮޑު ނިޢުމަތް މާތް ﷲ ދެއްވުމުން ދީނުގެ ބާކީ އޮތްބައި ކަމުގައިވާ ދުލާއި މެދު ޚާއްޞަ ފަރުވާތެރި ކަމެއް ބަހައްޓަންވާނެ އެވެ. މީހުންގެ ވާހަކަ ދެއްކުމާއި ދެބައޮޑުވުމާއި މިފަދަ ނުބައި ނޭއްގާނީ ކަންތަކުން ދުރުހެލިވެ، މާތް ﷲގެ ޛިކުރުކުރުމާއި ހެޔޮބަސް ބުނުމަށް މެނުވީ ދުލުގެ ބޭނުން ހިފައިގެން ނުވާނެއެވެ. 

ޒަވާޖީ ޙަޔާތް އެންމެ ފުރިހަމަ ގޮތުގައި ބާއްޖެވެރި ކުރުމަށްޓަކައި ކައިވެނީގެ ކުރިންނާއި ފަހުން، އަދި ކައިވެނީގެ ހުރިހާ ކަންތަކެއްވެސް ގެންދަންވާނީ ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ދެއްވި މަތިވެރި އިރްޝާދުތަކުގެ އަލީގައެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން