ބައެއް މީހުން އެމީހުންގެ ނަފްސް ކޮންޓްރޯލްކުރުމުގެ ބޭނުމުގައި ނަފްސް ތިމާގެ ކިބައިން އެދޭ ވަރަށް ގިނަ ކަންތައްތަކަކަށް ނޫނެކެވެ ބުނެއެވެ. އެކަމުގައި ވިސްނާލަންޖެހޭނެ ކަމެއް ބުނެލާނަމެވެ.
ނަފްސް އެމީހެއްގެ ކިބައިން ކަމަކަށް އެދިއްޖެނަމަ ފުރަތަމަވެސް ބަލައިލަންވީ އެކަމަކީ ﷲ ތަޢާލާ ތިމާއަށް ކުރަން ހުއްދަކުރައްވަވާފައިވާ ކަމެއްތޯއެވެ؟ ނުވަތަ ނޫންތޯއެވެ. އެކަމަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެއް ނަމަ ފުރުޞަތު ދެވެން އޮތްވަރަކުން އެކަމަށް ފުރުޞަތުދޭށެވެ! ނަމަވެސް އެއީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމަކަށް ނުވާނަމަ އެންމެ ފުރުޞަތެއްވެސް ނުދޭށެވެ!
ތިމާގެ ނަފްސް ކޮންޓްރޯލްކުރަން އެދޭމީހާ ސަމާލުކަންދޭންޖެހޭނެ 4 ކަމެއް:
ފުރަތަމަ ކަމަކީ މާގިނައިން ވާހަކަ ނުދެއްކުމެވެ. ސަބަބަކީ މާގިނައިން ވާހަކަދައްކާނަމަ ބޭކާރު ވާހަކަތައް ދެކެވި ދައްކާ ވާހަކައިގެ ފެންވަރު ވެއްޓިގެންދެއެވެ. އަދި އެވާހަކަތަކުގައި އެމީހާ ބަނދެވި ކަސްތޮޅު އެޅެއެވެ.
ދެވަނަ ކަމަކަށް އެހައި ގިނައިން ނުހޭނށެވެ! ހުނަސް ބާރަށް ނުހޭށެވެ! އެހައި ގިނައިން ހޭނަމަ ހޭން ނުޖެހޭ ކަންކަމުގައިވެސް ހެވި އެހެން މީހުން ރުޅިއަންނަ ގޮތްވެސް މެދުވެރިވެއެވެ.
ތިންވަނަ ކަމަކަށް ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ ގިނައިން ނުކާށެވެ! ގިނައިން ކެއުމަކީ ވަރުބަލިކަން ތިބާގެ މައްޗަށް ވެރިވެގަނެ ތިބާގެ ނަފުސުގެ ބާރު ކެނޑިގެންދާ ކަމެކެވެ.
ހަތަރުވަނަ ކަމަކަށް ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ނުނިދާށެވެ. ގިނައިން ނިދާނަމަ ނިދި އެމީހާގެ ނަފްސްގެ މައްޗަށް ބާރު ހިންގަން ފަށާނެއެވެ. ނިދަންޖެހޭ މިންވަރު އިތުރުކުރުވާނެއެވެ. އެކަމުގެ ސަބަބުން ތިމާ ކުރަންޖެހޭ ކަންކަން ނުކުރެވި އެކަމުގެ ގެއްލުން ލިބެންފަށާނެއެވެ.