ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އުންމީދުކުރަންވެސްވާނީ އެކަމަށް މަސައްކަތްކުރަމުން! އެކަމަށް ކުރަން އަންގަވާފައިވާ ކަންކަން ކުރަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އުންމީދުކުރަންވެސްވާނީ އެކަމަށް މަސައްކަތްކުރަމުން! އެކަމަށް ކުރަން އަންގަވާފައިވާ ކަންކަން ކުރަމުން!

ސިހުރާއި އެސްފީނާ އާއި މަގުމަތީގެ އެކްސިޑެންޓްތަކާއި ކުއްލި މަރުތަކާއި އަދި ބޮޑެތި ބަލިތައް ޢާންމުވަމުން އަންނަ މިފަދަ ދުވަސްވަރެއްގައި އެންމެ ބޮޑަށް މަސައްކަތްކުރަންވީ ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގެންވާ މީހަކަށްވުމަށެވެ. 

އެއްވެސް ޝައްކެއްނެތެވެ. ﷲ ތަޢާލާ އެމީހަކަށް ރައްކައުތެރިކަން ދެއްވަވައިފިނަމަ އެމީހަކަށް އެއްވެސް ގެއްލުމެއް ދެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. ނަމަވެސް އެއީ ހަމަ ހުއްޓައި ލިބެން އޮތް ކަމެއް ނޫނެވެ. 2 އިރު ކިޔަންޖެހޭ ޛިކުރުތައް ކިޔުމާއި ފަތިސްނަމާދުން ދުވަސްފެށުމާއި ނިދުމުގެ ކުރިން ކިޔަންހުރި ޛިކުރުތައް ކިޔުމަށް އަންގަވާފައި އޮތީ އެސަބަބަށްޓަކައެވެ.   

ވިސްނައިލާށެވެ! ސިޑިއަކުން އަރައިފައިބާނަމަ އަތްގަނޑުގައި ހިފަހައްޓަމުއެވެ. ސައިކަލްދުއްވާއިރު ހެލްމެޓް އަޅަމުއެވެ. އުޅަނދުތަކުގެ ބްރެކި ރަނގަޅުކަން ޔަޤީންކުރަމުއެވެ. މިފަދަ ކޮންމެ ކަމެއްވެސް ސަލާމަތާއި ރައްކައުތެރިކަމަށެވެ. އެކަންކަން ނުކުރާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމީހަކަށެވެ.  

ހަމަ އެއުޞޫލުން ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދިގެން ކުރަންޖެހޭ ކަންކަން ނުކޮށް ހުންނަ މީހާއަށް އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. ވީމާ މިއީ އެންމެންވެސް ސަމާލުވެ ފަރުވާތެރިވާންޖެހޭ ކަމެކެވެ.  

ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ. ގެއަށް ވަންނަމުންނާ ނުކުންނަމުން ކިޔަންޖެހޭ ޛިކުރުތައް ނުކިޔާނަމަ ކިތަންމެ ވަރުގަދައަށް ދޮރު ތަޅުލިނަމަވެސް ތަޅުލެވޭނީ ޝައިޠޯނުންތަކެއް ގެއަށް އެތެރެވާފަހުންނެވެ. ވަގުންގެ ކިބައިން ލިބޭ ގެއްލުމަށްވުރެ ޝައިޠޯނުންތަކުގެ ކިބައިން ލިބޭ ގެއްލުން މާބޮޑުވާނެއެވެ! ނަމަވެސް އެކަމަށް ސަމާލުކަންދެވޭ މިންވަރަށް ވިސްނައިލެވޭ ހެއްޔެވެ؟ ދޮރުހުޅުވަނީ އަދި ލައްޕަނީ ޛިކުރުތައް ކިޔަމުން ހެއްޔެވެ؟  

ބުއްދިވެރިންނަކީ މިކަންކަމަށް ވިސްނައި ޢަމަލުކުރާ މީހުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން