ސުވާލު:. މަރުވެފައި ތިބޭ މީހުން ހުވަފެނުގައި ފެނުމަކީ ކޮންކަހަލަ ކަމެއްތޯ؟ ހުވަފެނުން ފެނުނީމާ ކަންތައްކުރަން ޖެހޭނެ ގޮތަކީ ކޮބައިތޯ؟
ޖަވާބު:. އާދެ! ހުވަފެނުގައި ހަމަ ކޮންމެ އެއްޗެއް ވެސް ފެނިދާނެ. ކޮންމެ ފަދަ ގޮތަކަށް ކޮންމެ އެއްޗެއް ވެސް ފެނިދާނެ. އެހެން ނަމަވެސް ހުވަފެން އެއީ ޙަޤީޤަތެއް ކަމުގައި ބަލައި، އެޔަށް ބަރޯސާވެގެން އުޅުމަކީ އެއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމަކަށް ނުވާނެ.
އެހެނެއް ނޫން ހުވަފެން ތަޢުބީރުކުރުމަކީ އެއީ ނެތް ކަމެކޭ އަޅުގަނޑު ނުދަންނަވާނަން. އަޅުގަނޑު ނުދަންނަވަން ހުވަފެން ތަޢުބީރުކުރުމަކީ އެއީ އެ ކަމުގެ ފަންނުވެރިންނަށް ހަމަ ކުރެވިދާނެ ކަމެއް. ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ކަމުގެ ކުޅަދާނަކަން އެ ކަމުގެ ފަންނުވެރިކަން ދެއްވައިފައިވާ ބޭފުޅުން އެ ކަން ހަމަ ކުރިއަށް ގެންދެވޭނެ.
ދެން ކޮންމެއަކަސް ހުވަފެނުގައި މަރުވެފައިވާ މައްޔިތަކު ފެނުނީމާ، ވަކި ގޮތަކަށް ކަންތައް ކުރާކަށް އިސްލާމްދީނުގައި އަންގަވައިފައިވާ ކަމަކަށް އަޅުގަނޑަކަށް އެނގިފައެއް ނެތް. އެހެން ނަމަވެސް އަޅުގަނޑަށް އެނގޭ އެއްޗަކީ، އަބަދުވެސް މައްޔިތާއަށް ޓަކައި ދިރިތިބީން ކޮށްދެވޭނެ އެންމެ ހެޔޮކަމަކީ އެ މީހުންނަށްޓަކައި ހެޔޮދުޢާ ކޮށްދިނުން. އަދި އެ މީހުންގެ ނަމުގައި ޞަދަޤާތްކުރުން. މިފަދަ އެ މީހުންނަށް ފައިދާކުރަނިވި ކަންތައްތައް.
އާދެ! އެ މީހުންނަށް ފައިދާކުރަނި ކަމެއްގެ ގޮތުގައި މި އޮންނަނީ އެ މީހުންނަށްޓަކައި ހެޔޮދުޢާ ކޮށްދިނުން. އަދި އެ މީހުންގެ ނަމުގައި ޞަދަޤާތްކުރުން. އެހެންވީމާ އެފަދަ ކަންތައްތައް ވީހާވެސް ގިނައިން ކުރަންވީ. އަދި ޚާއްޞަ ގޮތެއްގައި މީހަކު މަރުވެފައި އޮތް މީހަކު ހުވަފެނުގައި ފެނުނީމައި އެ މީހަކު މަތިން ހަނދާން އާވީމާ، އޭނާއަށް ކައްވަޅު އަލިކޮށްދެއްވައި، ކައްވަޅު ތަނަވަސްކޮށްދެއްވައި، އޭނާގެ މައްޗަށް ފާފަ ފުއްސަވައި، އޭނާއަށް ރަޙުމަތް ލެއްވުމަށް އެދި، އަދި ކައްވަޅުގެ ޢަޛާބުންނާއި އެންމެހައި މުޞީބާތްތަކުންނާއި ޢަޛާބުތަކުން އެ މީހާ ސަލާމަތްކޮށްދެއްވައި، ރައްކާތެރިކޮށްދެއްވުން އެދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ހަމަ ގިނަގިނައިން ދުޢާކޮށްދޭންވީ. އެއީ އަޅުގަނޑަށް ޤަބޫލުކުރެވެނީ އެ ގޮތަށް މީހަކު ފެނުނީމަ ކަންތައް ކުރަން ޖެހޭނީ. ވަﷲ އަޢުލަމް.
ސުވާލު: މަރުވެފައިވާ މީހުންގެ ފޮޓޯ ފޯނުގެ ސްކްރީނަށް ލައިގެން އުޅުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު: މަރުވެފައިވާ މީހުންގެ ފޮޓޯ ފޯނުގެ ސްކްރީނުގައި ބެހެއްޓުމަކީ އޭގެ ޒާތުގައި އެއްވެސް މައްސަލައެއް ނޫން. ޚާއްސަގޮތެއްގައި އެއި ގާތްތިމާގެ މީހެއް ކަމުގައި ވަނީނަމަ ނުވަތަ ގާތް ރަހުމައްތެރިއެއް ކަމުގައި ވަނީނަމަ އެއީ އޭނާގެ ޒިކުރާ އާކުރުމުގެ ގޮތުން އޭނާގެ ހަނދާންތައް އާކުރުމުގެ ގޮތުން ފޯނުގައި އޭނާގެ ފޮޓޯ ބެހެއްޓުން ނުވަތަ އެ މީހެއްގެ ކޮންޕިއުޓަރުގައި އެ މައްޔިތާގެ ފޮޓޯ ބެހެއްޓުން އެއީ އެއްވެސް މައްސަލައެއް އޭގެ ޒާތުގައި އޮތް ކަމެއްނޫން. ވަﷲ އަޢުލަމް.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް