ރަމަޟާން މަހުގެ ދުވަސްތަކުގައި ރޯދަ ހިފުމަށްފަހު ކުރިއަށް އޮތް މަސްތަކުގައި ސުންނަތް ރޯދަހިފަމުން ގެންދާށެވެ! އެކަމުގެ ފައިދާ އާއި ލުއިފަސޭހަކަން ދެން އަންނަ ރޯދަމހެއްގައި ފެނިގެންދާނެއެވެ. އިން ޝާ ﷲ
ރަމަޟާންމަސް ބައްދަލުވެ ރޯދަ ހިފަންފެށުމުން އެންމެ ގިނަ އުނދަގޫތައް ކުރިމަތިވާ އެއް ބައަކީ ކެއުމުގެ އަދަބުތައް ނުހިފެހެއްޓޭ މީހުންނެވެ. އެއިގެ ތެރޭގައި އިމެއް ނެތި ގިނައިން ކައިބޮއި ހެދޭ މީހުންނާއި ގިނަ ވަޤުތުތަކުގައި ކައިބޮއިހެދޭ މީހުން ހިމެނެއެވެ. މިބުނަނީ ގޮހޮރަށް ބޭނުންވާވަރަށްވުރެވެސް ގިނައިން އަޅައި އަބަދު ގޮހޮރު ފުރައިގެންތިބޭ މީހުންގެ ވާހަކައެވެ.
މިބުނި ފަދަ މީހުންގެ ތެރެއިންވެސް ޚާއްޞަކޮށް ސުންނަތް ރޯދަތައް ނުހިފާމީހުންގެ ވާހަކައެވެ. އެމީހުންގެ ގޮހޮރު ކުރިއާލައި ރޯދަމަހަށް ތައްޔާރުކުރަން މަސައްކަތްކުރަންވާނެއެވެ. އެގޮތުން ކައިބޮއިހަދާ މިންވަރު މަދުކޮށް އަދި ކައިބޮއިހަދާ ވަޤުތުތައް ކުރިއާލައި ރަނގަޅަށް ރާވައިލަންވާނެއެވެ.
އެކަންކަން ކުރިއާލައި ނުކުރާނަމަ ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ބަނޑުގައި ވައިހެދުމުގެ މައްސަލަ ހިމެނެއެވެ. ވަރުބަލިވުން، މޫނުމައްޗަށް އަނދިރިވުން، ރުޅިގަދަވުން، ރުންކުރުވުން، ދުލުން ނުބައި ބަސްތައް ބުނެވުން ފަދަ އެތައް ބައިވަރު މައްސަލަތަކެއް ކުރިމަތިވާނެއެވެ.
ރަނގަޅަށް ބެލުމުން އެނގޭނެއެވެ. މިބުނި ހުރިހާ މައްސަލަތަކެއް ގޮސް ހުއްޓޭނީ ކެއިންބުއިމާއިއެވެ. ވީމާ ރޯދައަށް ތައްޔާރުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނުކުރަންޖެހޭ އެއް ގުނަވަނަކީ ގޮހޮރެވެ. ގޮހޮރަށް ދޭންޖެހޭ ތަމްރީނުތައް ނުދީ ރޯދަހިފަން ފަށައިފިނަމަ ކުރިން މިބުނި ފަދައިން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާނެއެވެ. އެކަން ވިސްނައި ކުރިއާލައި ގޮހޮރު ތައްޔާރުކުރާށެވެ.
-ޑރ. ޢަލީ އަކްބަރު