މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބޭ ހުރިހާ މީހުންނަށް، ޙައްޖުގެ އަޅުކަމަށް ދަޢުވަތު ފޮނުވާ ނިމިފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. އަދި ޙައްޖާ ގުޅޭ އިދާރީ އިންތިޒާމުތަކުގެ 90 ޕަސެންޓް މަސައްކަތް މުޅިން ނިމިފައިވާ ކަމަށް ސައުދީގައި ހުންނަވާ ދައުލަތުގެ މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަންގެ ކިއުގައި މިއަހަރު ޙައްޖަށް ދެވޭނެކަމަށް ކަނޑައަޅާފައިތިބި ހުރިހާ އެންމެންނަށް ޙައްޖަށް ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޔަގީންކަން ދެއްވާފައެވެ. އަދި 2025 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް ކޯޕަރޭޝަންގެ ލިސްޓުގައި ހިމަނާފައިވާ އެންމެނަށްވެސް އެ ފުރުޞަތު ލިބޭނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައިވެއެވެ.
"މި ހަފްތާ ނޫނީ ކުރިއަށް އޮތް ހަފްތާގައި ވިސާއަށް ހުޅުވާލާނެކަމަށް ބެލެވޭ. ހުޅުވާލާއިރަށް ޕޯޓަލް މެދުވެރިކޮށް ދިވެހިންގެ ވިސާގެ މަސައްކަތް ފެށިގެންދާނެ. މިއާއެކު ސައުދީން ވާންޖެހޭ މައިގަނޑު ތައްޔާރީތައް ނިމެނޭ،" ޝަކީލް ވިދާޅުވިއެވެ.
ޙައްޖުގެ އަޅުކަމަށް މީހުން ސައުދީއަށް އަންނަން ފަށާނީ މޭ މަހުގެ ފަހުކޮޅުގައި ކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި މައްކާ، މަދީނާ ހޮޓަލާއި ދަތުރުފަތުރުގެ އިންތިޒާމްތައްވެސް މިހާރު ހަމަޖައްސާ ނިމިފައިވާ ކަމަށާއި، އެގްރިމަންޓްތައް ހަދާ ފައިސާ ދެއްކުމުގެ މަސައްކަތްތައްވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ވޭތުވެދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު، މިއަހަރު ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށްފައިވާ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.