އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، މަދުވެގެން އަހަރަކު 100 މިލިޔަން ރުފިޔާއަށް އަރާވަރަށް އައުޤާފް އިންވެސްޓްމަންޓްތައް ފުޅާކުރުމަކީ އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޙާފިޘުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އައުޤާފް މަޝްރޫޢުތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށެވެ. މިގޮތުން ރަމަޟާންމަހަށްފަހު އެފަދަ ބޮޑު ދެ މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބީއެމްއެލް ފައިނޭންސް ވަނީ ހަމަޖެހިފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުތައް ފުރިހަމަވުމުން 2045 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު 12 މިލިޔަން ރުފިޔާ އިސްލާމީ ވަޤުފު ފަންޑަށް ޖަމާވަމުންދާނެއެވެ. އަދި 2045 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކު 70 ވަރަކަށް މިލިޔަން ރުފިޔާ އިސްލާމީ ފަންޑަށް ވަންނާނެއެވެ.
"އަމާޒަކީ 2045 އަންނައިރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ މަދުވެގެން އަހަރަކު 100 މިލިޔަން ރުފިޔާއަށް އަރާވަރަށް އައުޤާފް އިންވެސްޓްމަންޓްތައް ފުޅާކުރުން. މިދައުރުގެ ތެރޭ އެކަން ހާސިލް ކުރެވޭނެ،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް މާލީގޮތުން އަމިއްލަ ފުދުންތެރިކަން ލިބި، ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.