ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ސުވަރުގެ ލިބުމަށް ހުރަހެއް ނެތްކަން އާދަމްގެފާނުގެ ސިޔަރަތުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ސުވަރުގެ ލިބުމަށް ހުރަހެއް ނެތްކަން އާދަމްގެފާނުގެ ސިޔަރަތުން-

ގިނަ ފާފަތަކެއް ނުވަތަ ބޮޑެތި ފާފަތަކެއް ކުރެވުމުން ތިމާއަށް ކުރެވުނު ފާފަތައް ނުފުއްސަވާނެކަމަށް ވިސްނޭ މީހުން ކުރަން އޮތް ފުރަތަމަ ކަމަކީވެސް މަޢުލޫމާތު އިތުރުކުރުމެވެ.  

ފުރަތަމަ ކަމަކީ އެންމެ ބޮޑު ފާފަ ކުރެއްވެވުނު އާދަމްގެފާނަށް ފާފަ ފުއްސަވައިދެއްވެވިކަމެވެ. އާދަމްގެފާނަށް ކުރެއްވެވުނު ފާފައަކީ އެންމެ ބޮޑު ފާފަކަމަށް މިބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.  

އާދަމްގެފާނު ހުންނެވީ ސުވަރުގޭގައި އެކަލޭގެފާނަށް ޚާއްޞަކުރެވުނު ބަގީޗާގައެވެ. ސުވަރުގޭގެ ބައެއްގައެވެ. ހުރިހާ ކަންކަން ހުއްދަކުރައްވަވާފައި އެންމެ ކަމެއް ނުކުރައްވަން އާދަމްގެފާނަށް ވަޙީކުރެއްވެވީ އެއްވެސް މަލާއިކަތު މެދުވެރިކުރައްވަވައެއް ނޫނެވެ. ޚުދު ﷲ ތަޢާލާއެވެ. އެކަމަކުވެސް މަނާކުރެއްވެވި ކަންތައް ކުރެއްވެވުނީތީއެވެ.  

އެދުވަހުވެސް އިބްލީސް ޢާދަމްގެފާނަށް އޮޅުވައިލީއެވެ. އެހެނީ ސުވަރުގޭގައިވާ އެއްވެސް މީހަކު މަރެއް ނުވާނެއެވެ. ނަމަވެސް އިބްލީސް އާދަމްގެފާނަށް ދެންނެވީ ﷲ ތަޢާލާ އެގަހަކުން ފަރިއްކުޅުއްވަވަން މަނާކުރެއްވެވި ގަހުން ފަރިއްކުޅުއްވެވީމާ ދުވަހަކުވެސް އަވަހާރަފުޅު ނުވާނެ ކަމަށެވެ. އެކަން އާދަމްގެފާނަށް ވިސްނިވަޑައިނުގަތީއެވެ. އެކަމުގެ ޢިލްމްފުޅު ނެތުމުންނެވެ.  

އާދަމްގެފާނަށް އެކަން ވިސްނިވަޑައިގަތުމުން ތައުބާވެވަޑައިގެންނެވީއެވެ. ތައުބާވެވަޑައިގަތުމާއިއެކު ފާފަ ފުއްސަވައިދެއްވެވިއެވެ.  

މިކަމުންވެސް އެނގެނީ މީސްތަކުން ލައްވައި ފާފަކުރުވަން ޝައިޠޯނާ ހަދާނީ އެފަދަ ބޮޑުތަކެވެ. ހިތާމައަކީ ޝައިޠޯނާ ހަދާނީ ދޮގުކަން އެނގިތިބެވެސް ޝައިޠޯނާގެ ބަސް ޤަބޫލުކުރެވޭ ކަމެވެ.  

ދެން ވިސްނައިލާށެވެ! ކުރެވިފައިވާ ފާފަތައް ކިތަންމެ ގިނަވެފައި ބޮޑެތި ނަމަވެސް ތައުބާވުމުން ފުއްސަވައި ދެއްވަވާނެކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. އެކަމަކު ފާފަތައް ފުއްސަވައި ނުދެއްވަވާނެކަމަށް ޝައިޠޯނާ ބުނާބަސް ޤަބޫލުކުރެވެނީއެވެ. މިއީ ހަމަ އަހުރެމެންގެ މައްސަލައެކެވެ. ނަރަކައަށް ވަންނަން ޖެހެނީ މިމައްސަލައިގެ ސަބަބުންނެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވެ ޘާބިތުވެވިއްޖެނަމަ ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ. އެކަމުގެ ޔަޤީންކަން ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ.

 

- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން