ބޭރުގަ މަޖާކުރަން އުޅެފަ އަނބިމީހާ ނިދާފަހުން ގެއަށް އައިސް އެއްއެނދުގަ ނިދުމަކުން ދެމަފިރިން އެކުގަ ނިދިކަމަކަށް ނުވާނެ! ރަނގަޅު ފަނޑިޔާރުން އެކަން ބަލައިވެސް ނުގަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބޭރުގަ މަޖާކުރަން އުޅެފަ އަނބިމީހާ ނިދާފަހުން ގެއަށް އައިސް އެއްއެނދުގަ ނިދުމަކުން ދެމަފިރިން އެކުގަ ނިދިކަމަކަށް ނުވާނެ! ރަނގަޅު ފަނޑިޔާރުން އެކަން ބަލައިވެސް ނުގަންނާނެ!

އިސްލާމް ދީނުގައި ދެމަފިރިކަމުގެ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެކެވެ. ދެމަފިރިންގެ ހުރިހާ ކަންކަންވެސް ގުޅިފައިވަނީ އުފާވެރި ދިރިއުޅުމަކާއިއެވެ. އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑު އެއްބައަކީ ދެމަފިރިކަމުގެ ގުޅުމެވެ.  

އެކަން އެގޮތަށް ބަޔާންކޮށް ޑޮކްޓަރުންނާއި ތަފާތު ޢިލްމުވެރިން ވަނީ ވަރަށް ގިނަ ފޮތްތައް ލިޔެފައެވެ. އެލިޔުންތަކުން އެނގޭ ގޮތުގައި ދެމަފިރިން އެކުގައި އެއްވަޤުތަކު ނިދަން އޮށޯތުމާއި ދެމަފިރިންކުރެ ކޮންމެ މީހަކު ބޭނުންވި ނަމަވެސް ދެމަފިރިކަމުގެ ގުޅުން ހިންގުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެއްގެ އިތުރުން ބާއްޖަވެރި ޒަވާޖީ ހަޔާތަކަށްޓަކައިވެސް ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ.  

ޢިލްމުވެރިން ބަޔާންކުރާގޮތުގައި އެއްކޮޓަރިއެއްގައި އެއް އެނދުގައި ނިދުމަކުން އަދިއެއީ އެކުގައި ނިދުންކަމަކަށް ނުވާނެއެވެ. އެކުގައި ނިދާކަމަށްވާނީ އެކުގައި ނިދަން އޮށޯވެ ދެމަފިރިންގެ މެދުގައި ވާހަކަ ދެކެވި، މަޝްވަރާކުރެވި އެކަކު އަނެކަކަށް އަޅާލައި ލޯބިދީގެން ނިދުމުންނެވެ.  

މިތަނުގައި ފާހަގަކުރަން މިޖެހެނީ ބޭނުމެއް ނެތި ގެއިން ބޭރުގައި އުޅެފައި ދަންވަރު ގެއަށް އައުމުގެ މައްސަލައެވެ. އަނބިމީހާ ފޫހިކަންމަތީގައި އެކަނި އޮވެ ނިދާފަހުން ބޭރުން އައިސް އެނދަށް އަރައި ނިދުމަކުން ދެމީހުން އެކުގައި ނިދުންކަމަށް ނުވާކަމެވެ.  

އިސްލާމް ދީނަށްބަލާއިރު ކަމެއްކުރިކަމަށްވާނީ ކަމެއް ކުރިކަމުގެ ނަމަކުން ނޫނެވެ. އެކަމެއް ކުރުމުންނެވެ. އެކަމެއް ކުރަން ފުރިހަމަކުރަންޖެހޭ ޝަރުޠުތައް ފުރިހަމަކޮށް އެކަމެއް ކުރުމުންނެވެ. ވީމާ ކުރިން މިބުނި ގޮތަށް މަޤްބޫލު ޢުޒުރެއް ނެތި އަނބިމީހާ އެކަނިއޮވެ ނިދާފަހުން ގެއަށް އައިސް އެނދުގެ އެއްފަޅީގައި ނިދުމަކީ އަނބިމީހާ އާއިއެކުގައި ނިދުންކަމަކަށް ރަނގަޅު ފަނޑިޔާރުން ޤަބޫލެއް ނުކުރާނެއެވެ. އެއީ އެކަމުގެ ޝަރުޠުތައް ފުރިހަމަނުވާނެތީއެވެ.

ވަރަށް ކުރު ގޮތަކަށް މި ބަޔާންކުރީ ވަރަށް މުހިންމު ކަމެކެވެ. އެކަމެއްގެ މައްޗަށް ވަރަށް ގިނައިން ވާހަކަދެކެވިފައިވާ އަދި ދެކެވެމުން އަންނަ ކަމެއްގެ ވާހަކައެވެ. ވީމާ އިތުރު ތަފްޞީލު ތަކަކަށް މިރެއަކު ނުދާނަމެވެ. ވިސްނައިފި މީހަކަށް މިވަރުންވެސް ފުދޭނެތީއެވެ.  

ހަނދާނުގައި ބަހައްޓަންވީ ކައިވެނިކުރުމުން ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަވީކަމަށް އޮންނަ ޙަދީޘްފުޅެވެ. މަޖިލީހެއްގައި ކައިވެނިކޮށް އިޤްރާރެއްގައި ސޮއިކުރިނަމަވެސް އެކަމުގެ ފައިދާ ކުރާނީ ދީނުގައި އޮތް މަގުން ދެމަފަރިންވެސް ޢަމަލުކުރުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން