ދައްކަން މިއުޅެނީ އައުވާހަކައެއް ނޫނެވެ. ނަމަވެސް މިބުނެދެނީ ތަންކޮޅެއް ފަސޭހައިން ވިސްނިދާނެ މިޘާލެކެވެ!
ފުރަތަމަ މިޘާލަކީ އަހުރެން ކިޔަވައިދޭ ކްލާހެއްގައި ކުއްޖަކު ބަސްނާހައި ކަންކަން ކުރާނަމަ ސުވާލުކުރަމެވެ! "ކްލާހުގެ ފަހަތުގައި ހަރުކޮށްފައި އެއިން ކެމެރާއިން ކަލޭގެ މައިންބަފައިންނަށް ކަލޭ ތިއުޅޭ ގޮތް ފެންނަމަ ތިއަ އުޅޭ ގޮތަށް އުޅޭނަން ހެއްޔެވެ؟" ޖަވާބަކަށްވަނީ މައިންބަފައިން ދެކެ ބިރުގަންނަ ކަމަށާއި އެގޮތަށް ކަންތައް ނުކުރާނެ ކަމަށެވެ.
މިހާރު އަހުރެން ކަލޭމެންނާއި މިކުރަނީ ސުވާލެކެވެ. "ކޮޓަރި ތަޅުލައިގެން ފާފަތައް ތިއަކުރާ ކޮޓަރީގައި ސިއްރު ކެމެރާއެއް އެބަހުއްޓެވެ. އެއިން ކަލޭމެންގެ ކައިވެނީގެ ބައިވެރިންނަށާއި މަސައްކަތްކުރާތަނުގެ މީހުންނަށާއި މައިންބަފައިންނަށް ކަލޭމެންކުރާ ފާފަތައް ފެންނަނަމަވެސް ހަމަ ތިއަ ފާފަތައް ކުރާނަން ހެއްޔެވެ؟" ހަމައެކަކުވެސް "އާނ! ކުރާނަމޭ!" ބުނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ދެން ކޮށްލަން އޮތް ސުވާލަކީ ތިބާއަށް މިހާރުވެސް ރިޒުޤާއި އަދިވެސް ތިބާއަށް ބޭނުންވާ ކަންކަން ފުއްދަވައި ދެއްވަވާ، އަދި ޤިޔާމަތް ދުވަހު ނިކަމެތިކަމާއެކު ހުއްޓިހުންނަންޖެހޭނެ ﷲ ތަޢާލާ ތިބާ ކުރާ ފާފަތައް ބައްލަވައިވޮޑިގެންވާއިރު، އަދި ތިބާ ކުރި ކަންކަމުގެ ވީޑިއޯ (ތިބާގެ ފަތް) ތިބާއަށް ދައްކަވައި ޖަޒާ ދެއްވަވާނެކަން އެނގޭއިރު ފާފަތައް ތިއަކުރަނީ ކީއްވެގެން ހެއްޔެވެ؟
އަހުރެންގެ އާދޭހަކީވެސް އިލްތިމާސަކީވެސް މިބުނެދިން މިޘާލުތަކަށް ވިސްނައި ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ފާފަނުކުރަން މަސައްކަތްކުރުމެވެ. ކުރެވިފައިވާ ފާފަތަކަށް އަވަހަށް ތައުބާވުމެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން