މިއަދުގެ ގިނަ ކުދިންނަކީ ކިޔަވަމުންވެސް ކޮންމެވެސް މަސައްކަތެއް ކުރާ ބައެކެވެ. އެކަމުން އެނގެނީ ދިރިއުޅެން މަސައްކަތްކުރަން އެކުދިން ބޭނުންވާ މިންވަރެވެ. އެފަދަ ކުއްޖަކު ތިބާގެ ދަރިފުޅުގެ ކައިވެންޏަށް އެދިއްޖެނަމަ އެކަންކޮށްދޭށެވެ. ލިބޭ އާމްދަނީ މަދުވުމަކީ ސަބަކަށް ހަދައި ކައިވެނިކޮށްނުދީ ނުހިފަހައްޓާށެވެ.
އޭނާ ތިބާގެ ދަރިފުޅުގެ ކައިވެންޏަށް އެއެދުނީ ތިބާގެ ދަރިފުޅާއި ގުޅުމެއް އޮތުމުންނެވެ. ދެމީހުން ލޯބިވެގެން އުޅޭތީއެވެ. ނޫންނަމަ އެކަމަކަށް ނުއެދޭނެއެވެ. ވީމާ އެކަމުން އެނގެނީ ތިބާގެ ދަރިފުޅާއި އޭނާއާއި ލޯބިވެގެން އެކުގައި އުޅޭ ކަމެވެ. މިޙާލަތުގައި ކައިވެނިކުރަން ހުރަސް އަޅައިފިނަމަ އެކަން ވެގެންދާނީ ދެކުދިން ފާފަކުރަން ދޮރުހުޅުވައިދިނުން ނުވަތަ ރުހުން ކަމަށެވެ.
މިބުނި ފަދަ ޙާލަތުގައި ކައިވެންޏަސް ހުރަސް އަޅުވަން ޝައިޠޮނާއަށް ކުރެވުނުހައި ކަންކަން ކުރާނެއެވެ. ރަނގަޅު ވަޒީފާއެއްވެސް އަދި ރަނގަޅު މުށާރައެއްވެސް ނުލިބޭ ކަމާއި އަނބިމީހާގެ ޚަރަދުތައް ބަލަހައްޓައިގެން އުފަލުގައި ނުގެންގުޅެވޭނެކަން މައިންބަފައިންނަށް ވިސްނައިދޭނެއެވެ. އެކަމުގެ ބޭނުމަކީ ދެކުދިން ލައްވައި ފާފަކުރުވުމެވެ. ޝައިޠޯނާގެ އަޅުންނަށް ހެދުމެވެ.
ހިތާމައަކީ ޝައިޠޯނާގެ މިބުނި ދަންތުރައިގައި ބައެއް މައިންބަފައިންނަސް ޖެހެވި ދަރިފުޅުގެ ކައިވެންޏަށް ހުރަސްއެޅޭ ކަމެވެ. އެކަމުން ނުކުންނާނެ ނަތީޖާ މާ ހިތިވާނެކަން ވިސްނައިވެސް ނުލެވޭ ކަމެވެ. ވީމާ އަހުރެންގެ އިލްތިމާސަކީ މައިންބަފައިން މިކަމަށް ހޭލުންތެރިވުމެވެ.
ދަރިންނަށް ރަނގަޅު ގޮތް ވިސްނައިދޭންވީ ކުރިންނެވެ. ލޯބިވެރިއަކު ހޯދައި އެމީހަކާއި ގުޅުމުގެ ކުރިންނެވެ. އެއިރުން މިބުނި ފަދައިން ކަންކަން މެދުވެރިއެއް ނުވާނެއެވެ. ނަމަވެސް އެކަން ނުކުރެވިވަނިކޮށް ކައިވެންޏަށް ހުރަސް އެޅުމުން ދެން ކުރިމަތިވާނީ އެންމެ ދެރަ ގޮތްތައްކަން ތަޖުރިބާއިން އަންނަނީ އެނގެމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން