ތިބާއަށް ކުރިން ވަނީ ފާފަތަކެއް ކުރެވިފައެވެ. އެކަން ވިސްނި ތިބާ ތައުބާވީއެވެ. ތައުބާވާ ވަޤުތުން ފެށިގެން ތިބާއަށް ކުރިން ކުރެވުނު ފާފަތަކުގެ މަތިން ހަނދާންކޮށްދޭނަމަ އެމީހަކީ ތިބާގެ ދުޝްމިނެކެވެ. އެފަދަ މީހުންނާއި ކައިރިވެސް ނުވާށެވެ!
ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހެކެވެ. ތައުބާވުމުން އެމީހެއްގެ ދަރަޖަ އެވަނީ އުފުލިފައެވެ. ﷲ ތަޢާލާ އެވަނީ އެމީހެއްހެ ދަރަޖަ އުފުއްލަވައިފައެވެ. އެހިށާބުން އެމީހަކަށް އޮތީ އެ މަތިވެރި ދަރަޖައިގައި ޘާބިތުވެ ހުންނަން ގަދައަޅައި މަސައްކަތްކުރުމެވެ. އެކަމަށް ކުރަން އޮތް ކަމަކީ ފާފައެއް ނުކުރަން މަސައްކަތްކުރުމާއި ވީހާ ގިނަ ހެޔޮ ޢަމަލުކުރަން މަސައްކަތްކުރުމެވެ.
އެކަމަށް މަސައްކަތްކުރަމުން ދަނިކޮށްވެސް ފާފައެއް ކުރެވިދާނެއެވެ. އެކަމަށްވެސް މާޔޫސްނުވާށެވެ! އަވަހަށް ތައުބާވާށެވެ! ވިއްދައިގެން ހެޔޮ ޢަމަލެއްކުރީމާ ﷲ ތަޢާލާ އެމީހެއްގެ ދަރަޖަ ކުރިއަށްވުރެވެސް މަތިކުރައްވަވާނެތެވެ. އަހުރެމެން ކޮންމެ އިންސާނަކީވެސް ފާފަކުރެވޭނެ މީހަކުކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި އަހުރެމެންނަށް ކުރެވޭ ފާފަތަކަށް ތައުބާވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.
ކުރިން ކުރެވުނު ފާފަތަކުގެ މަތިން ހަނދާންކޮށްދިނުމަކީ ޝައިޠޯނާގެ ކަމެކެވެ. އެއީ ފާފަކުރެވިފައިވީތީ ފާފަތައް ނުފުއްސަވާނެކަމާއި ވަންނަން ޖުެހޭނީ ނަރަކައަށްކަން ވިސްނައިދީ މާޔޫސްކުރުވައިގެން އިތުރު ފާފަތައް ކުރުވުމުގެ ބޭނުމުގައި ޝައިޠޯނާ ކުރާ ކަމެކެވެ. ތިބާ ތައުބާވުމުން މާޔޫސްވެ ދެންވެސް ތިބާއަށް ސުވަރުގެ ލިބުމަށް ހުރަސް އެޅޭތޯ ކުރާކަމެކެވެ.
ވީމާ އެކުވެރިއަކު ނަމަވެސް އެހެން މީހަކު ނަމަވެސް ތިބާގެ މާޒީގައި ކުރެވިފައިވާ ކަންކަން ހަނދާންކޮށްދޭނަމަ އެކުރަނީ ހަމަ ޝައިޠޯނާގެ މަސައްކަތެވެ. އެފަދަ މީހުންނާ އެއްވެސް ގުޅުމެއް ނުބާއްވައި ދުރުހެލިވާށެވެ. އެއީ ތިބާއަށް ހެޔޮއެދޭ މީހަކުނަމަ ހިތްވަރުދީ ހަނދާންކޮށްދޭނީ ވީހާ ގިނައިން އަޅުކަންކުރުމަށެވެ. އެކުވެރިކަންވެސް ގާތްކަންވެސް ބާއްވަންވީ އެފަދަ މީހުންނަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން