ތިބާއަކީ ކިތަންމެ ތަޤްވާވެރި އަދި ކިތަންމެ ތަނަވަސްމީހަކު ނަމަވެސް އަދި ކިތަންމެ މަތީ މަޤާމެއްގައި ހުރި މީހަކުނަމަވެސް ތިބާގެ ދުލުން ނުބައިބަސްތައް ބުނާނަމަ މީސްތަކުން ތިބާ އާއިމެދު ދެކޭނީ ނުބައި މީހެއްގެ ގޮތުގައެވެ. ހަމައެފަދައިން ތިބާއަކީ ކިތަންމެ ފަޤީރު އަދި ނިކަމެތި މީހަކު ނަމަވެސް ތިބާގެ ދުލުން ބުނަނީ ރިވެތި ބަސްތައް ކަމުގައިވާނަމަ މީސްތަކުން ތިބާ ދެކެ ލޯބިވާނެތެވެ. ޤަދަރުވެސް ކުރާނެތެވެ.
ދުލަކީ ކިތަންމެ ކުޑަކުޑަ ގުނަވަނެއް ނަމަވެސް ތިބާކުރާ ހެޔޮކަން ހަލާކުކޮށްލުމުގެ ބާރު ދުލަށް ލިބިގެންވެއެވެ. އެއިގެ ތެރޭގައި ތިބާ ކުރާ އަޅުކަންވެސް ހިމެނެއެވެ.
ދުލަށް އިޝާރާތް ކުރައްވަވައި ދޫރައްކައުތެރިކުރަން ޞަޙާބީންނަށް އެހައިބޮޑަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ބާރު އަޅުއްވަވާފައިވަނީ އެހެންވެގެންނެވެ.
ބައެއް މީހުންނަށް ތަނަވަސްކަމާއި މަތީ މަޤާމްތައް ލިބުމުން އެމީހުންގެ ދުލަށް ވިސްނައެއް ނުލައެވެ. ބުނަނީ ބުނާނެ އެއްޗެކެވެ. އެފަދަ މީހުންދެކެ އެއްވެސް ލޯތްބެއް ނުވާނެއެވެ. ޤަދަރެއްވެސް ނުކުރާނެއެވެ. ނަފްރަތުވެސް ކުރާނެއެވެ.
މިކަމަށް ވިސްނަންވީ ވަކިމީހެއް ނޫނެވެ. އެންމެންނެވެ. ދެމަފިރިންވެސްމެއެވެ. ދެމަފިރިންގެ މެދުގައިވެސް ނުބައިބަސްތައް ބުނެވޭނަމަ ލޯބިކެނޑިގެންދާނެއެވެ. ފޫހިވަމުންގޮސް ހިތުގައި ނަފްރަތު އުފެދެން ފަށާނެއެވެ. ހަމައެގޮތަށް ދަރިންނަށް ނުބައިބަސްތައް ބުނެވޭނަމަ ހަމަ މިމައްސަލަ މިގޮތަށް ކުރިމަތިވާނެއެވެ. އަދި އެކުދިންވެސް ހަމަ އެފަދަ ބަސްތައް އެހެން ޟީހުންނަށް ބުނާނެއެވެ.
ބައެއް ޢިލްމްވެރިން އެބާކަލުންގެ ދަރިވަރުންނަށް ނުބައިބަސް ބުނެވުމުން "ތިބާގެ ދުލުގެ މައްޗަށް ޝައިޠޯނާ އެބަ ބާރުހިންގާ ކަމަށް ވިދާޅުވެ އަޢޫޛް ކިޔުއްވުމުގެ އިތުރުން ދަތާއި ދޫ އުނގުޅަން ވިދާޅުވެފައިވެސް އެބަހުއްޓެވެ. އެބޭކަލުން އެހައިބޮޑަށް އެކަމަށް ސަމާލުކަން ދެއްވެވިއެވެ. އަހުރެންގެ ވިސްނުމުން މިއީ މިއަދުވެސް އެކަންކުރަން އޮތް ގޮތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން