ދަތިޙާލެއްގައިވާ މީހަކު އެހީތެރިކަމަށް އެދިގެން ތިބާގެ ގާތަށް ހިނގައްޖެނަމަ އެއީ އެމީހަކު އައީ ކަމަށް ހީނުކުރާށެވެ! ﷲ ތަޢާލާ އެމީހަކު ތިބާގެ ގާތަށް ފޮނުއްވެވީއެވެ. އިމް ތިޙާނު ކުރެއްވެވުމަށެވެ. އަދި އެމީހަކަށް ޢިޖާބަދީ އެހީތެރިވުމުން ދެއްވަވަން އޮތް ބޮޑު ރަޙްމަތް ތިބާއަށް ދެއްވެވުމަށެވެ. ވީމާ އަޑުއަހާށެވެ!
ކީރިތި ޤްރްއާނުގެ ޢާޔަތްތަކަށް ބަލާށެވެ! އެތައް އާޔަތެއްގައިވަނީ ހިތްދަތިހާލުގައި އުޅޭ މީހުންނަށް ހިތްވަރު ދެއްވަވައިފައެވެ. އަދި ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ހިތްދަތިޙާލުކޮޅުގައި އުޅުއްވެވިއިރު އިތުރުއެކަލޭގެފާނަށްވެސް ﷲ ތަޢާލާ ވަނީ ހިތްވަރު ދެއްވަވައިފައެވެ.
ހަމައެއާއިއެކު ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ވަނީ ހިތްދަތި ޙާލުކޮޅުގައި އުޅުއްވެވި ޞަހާބީންނަށް ހިތްވަރުދެއްވަވައިފައެވެ. ނިކަމެތިންނަށް އަޅާލައި އޯގާތެރިވާން ވަޞިއްޔަތްކުރައްވަވައިފައެވެ.
ވީމާ ހިތްދަތިކަން ކުރިމަތިވެގެން އަދި އެނޫންވެސް ގޮތަކުން ތަކްލީފެއް ޖެހިގެން، އެއީ ފަޤީރު ޙާލުގައި ޖެހިގެން ނަމަވެސް ތިމާގެ ގާތަށް އަންނަ މީހުންނަށް އިޙްތިރާމްކޮށް ހެޔޮކޮށް ނުހިތާނަމަ އެމީހަކީ މިއުންމަތުގެ ތެރެއިންވާ މީހަކު ކަމުގައެއް ނުވާނެއެވެ. އޭނާ އެހުރީ ﷲ ތަޢާލާގެ އެންގެވުމާއި ރަސޫލް ﷺ ގެ ބަސްފުޅުތައް ދޫކޮށްލައިގެންނެވެ.
އެހެންކަމާއިއެކުގައިވެސް މިއަދު އަހަރެމެންގެ ތެރެއިން ގިނަބައަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އޭނާއަށް ޤަދަރެއް ނުވަތަ ޝަރަފެއް ލިބިއްޖެނަމަ ނުވަތަ ތަނަވަސްކަން ލިބިއްޖެނަމަ މީސްތަކުންނާއި ބައްދަލުކުރަން ޖެހިލުންވުމެވެ. އެކި ގޮތް ގޮތުން ހުރަސް އަޅައި މީސްތަކުންނަށް އެމީހަކާއި ބައްދަލު ނުކުރެވޭނެ ގޮތް ހަދާކަމެވެ.
އެއީ އެމީހަކަށް ހެދޭ އެންމެ ބޮޑު އެއް ގޯހެވެ. އެހެނީ މީސްތަކުން ތަނަވަސް ކުރައްވަވަނީވެސް އަދި ފަޤީރު ކުރައްވަވަނީވެސް އަދި މީސްތަކުންނަށް ޤަދަރާއި ޝަރަފް ދެއްވަވަނީވެސް ނިކަމެތިކުރައްވަވަނީވެސް ﷲ ތަޢާލާއެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި މީހާގެ ދަރަޖަ މަތިވެރިވެގެންދަނީވެސް އަދި އޭނާގެ ތަނަވަސްކަމާއި އަދާކުރާ މަތީމަޤާމަކުން ނޫނެވެ. އެމީހެއްގެ ކިބައިވާ ތަޤްވާވެރިކަމުންނެވެ. އެމީހާ އާއި ﷲ ތަޢާލާއާއި ދެމެދުގައިވާ ގުޅުމުގެ ސަބަބުންނެވެ.
ވީމާ އެއްވެސް މީހަކު ފަޤީރުވުމަކުން އަދި ދަށުދަރަޖައިގެ މަސައްކަތެއްކުރާތީ އޭނާއަކީ ނިކަމެތި މީހެއްކަމަށް ބަލައިގެންނުވާނެއެވެ. އެހެނީ އޭނާއަކީ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ލިބިގެންހުރި މީހަކަށްވެސް ވެދާނެއެވެ.
ވީމާ އެއްވެސް މީހަކީ ދެރަ ނިކަމެތި މީހަކު ކަމަށް ބަލައި މޫނު އަނބުރައިނުލާށެވެ. އެފަދަ މީހުންނާއި ދުރަށް ﷲ ތަޢާލާ އެނބުރިވޮޑިގެންފިނަމަ ދެންވާނީ ކިހިނަކުން ކަމާއިމެދު ވިސްނައިލާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން