ވަރިކުރާގޮތަށް އަނބިމީހާ ގެއިން ނެރެލުމެއް ނެތް! އަނބިމީހާ ނުކުމެގެން ދިއުމެއްވެސް ނެތް!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 31ސ
ވަރިކުރާގޮތަށް އަނބިމީހާ ގެއިން ނެރެލުމެއް ނެތް! އަނބިމީހާ ނުކުމެގެން ދިއުމެއްވެސް ނެތް!

ސ: ދީނުގައި އިންނަނީ ފިރިމީހާ އަނބިމީހާ ވަރިކުރާއިރު އިއްދަ ނިމެންދެން ފިރިމީހާ ބުނާ ތަނެއްގައި އިންނަން. ސުވާލަކީ ދީނުގައި މިހެން އިންނައިރު، މިހާރު ރާއްޖޭގައި އޮންލައިންކޮށް ވަރިކުރާއިރު، އަނބިމީހާ ދުރުގައި ހުންނައިރު، ކިހިނެއްތޯ ޢަމަލުކުރާނީ؟

ޖ: އިސްލާމްދީނުގައި މި ކަމުގައި އޮންނަ ގޮތަކީ، ފުރަތަމަ ދެ ވަރި (ފަރަތަމަ ފަހަރަށް ކުރާ ދެ ވަރި) އެ ދެ ވަރިއަށް މި ކިޔެނީ ރަޖުޢީ ވަރި. މާނައަކީ ރުޖޫޢަކުރެވޭ ކަހަލަ ވަރި. ރުޖޫޢަކުރެވޭ ވަރިއަކީ ޢިއްދައިގެ މުއްދަތުގައި ރުޖޫޢަކުރެވޭ ގޮތަށް ހުންނަ ވަރި. އެފަދަ ވަރިތަކުގައި ޢިއްދައިގެ ތެރޭގައި ދެމަފިރިން ވާނީ ހަމަ ދެމަފިރިންގެ ގޮތުގައި. މާނައަކީ ހަމަ އަނބިފިރިންގެ ޙައްޤުތައް އޮންނާނެ. ފިރިމީހާ އަނބިމިހާއަށް ޚަރަދުކޮށްދޭން ޖެހޭނެ. އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރި ވާންޖެހޭނެ. ﷲ އަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައި އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރި ވާންޖެހޭނެ. ފިރިމީހާ އަނބިމިހާ ގެއިން ނެރެލައިގެން ނުވާނެ. އަދި އަނބިމީހާ ވެސް ގެއިން ނުކުމެގެން ގޮސްގެން ވެސް ނުވާނެ. އެ ޢިއްދައިގެ ތެރޭގައި އެ ދީފައި އިންނަ މުއްދަތުގެ ތެރޭގައި. 

އެ މުއްދަތަކީ އެއީ ދެ މީހުން ރުޅިމަޑުވެ ސުލްހަވުމަށް ދީފައިވާ މުއްދަތެއް. އެ މުއްދަތުގެ ތެރޭގައި އެ ދެމީހުން ކައިވެނި ރުޖޫޢަ ނުކޮށްފި ކަމަށް ވަނީނަމަ ޢިއްދަ ހަމަވާއިރު ދެ މީހުން ކައިވެނި ރުޖޫޢަ ނުކޮށްފި ކަމަށް ވަނީނަމަ، އެ ހިސާބުން ދެން ދެ މީހުން ހިލޭ ދެ މީހުންގެ ގޮތުގައި ބަލައިގަނެވިގެންދަނީ. އެހެންވީމާ ފުރަތަމަ ދެ ވަރި ނުވަތަ ރަޖުޢީ ވަރި ޢިއްދައިގެ ތެރޭގައި ދެމަފިރިން ވެސް އެކަކު އަނެކަކަށް އިޙްތިރާމްކޮށް ދެމަފިރިންގެ ޙައްޤުތައް އެކަކު އަނެކަކަށް އަދާކޮށްދޭން ޖެހޭނެ. 

އަދި އޮންލައިންކޮށް ވަރިކުރި ކަމުގައިވީ ނަމަވެސް، އެއީ ފުރަތަމަ ދެ ވަރި ކަމުގައި ވަނީނަމަ ނުވަތަ ރަޖުޢީ ވަރިއެއް ނަމަ އެ ޙުކުމް ހިނގާނީ އެ ގޮތަށް. އަނބިމީހާ ހުރީ ފިރިމީހާގެ ގޭގައި ކަމުގައި ވަނީނަމަ އެ ގެއިން އޭނަ ނުކުމެގެން ގޮސްގެން ނުވާނެ. އެ ގޭގައި އޭނާ ހުންނަން ޖެހޭނީ. އޭގެ ބަދަލުގައި އޭނާ އެހެން ގެއަކަށް ދާން ބޭނުންވެއްޖެ ކަމަށް ވަނީނަމަ ފިރިމީހާގެ އިޒްނައާ އެކީގައި ދެވިދާނެ. އިޒްނަ ނެތި ނުދެވޭނެ. 

އަނެއްކޮޅުން ފިރިމީހާއަކަށް ހުއްދަވެގެނެއް ނުވޭ ވަރިކުރީއޭ ކިޔާފަ ޢިއްދަ ހަމަވުމުގެ ކުރިން އަނބިމީހާ ގެއިން ނެރެލާކަށް. މި ގޮތަށް އިސްލާމްދީނުގައި މި ކަން ކަނޑައަޅުއްވައިފައި އޮންނަ ސަބަބަކީ ވެސް އެއީ އިސްލާމްދީނުގައި ވަރިކުރުމަށް ވުރެ ބޮޑަށް ބާރުއަޅުއްވަނީ ކައިވެނިކޮށްފި ކަމަށް ވަނީނަމަ ކައިވެނި ދެމެހެއްޓުމަށް. އަޅުގަނޑުމެން ދުނިޔެވީ ނަޒަރަކުން ވިސްނައިލި ކަމުގައި ވިޔަސް އެނގޭނެ ވަރިވުމަކީ އެއީ ދެމަފިރިންގެ އިތުރުން ލިބިފައިވާ ދަރިންނަށް އޭގެ ނުރަނގަޅު އަސަރު ވަރަށް ބޮޑަށް ކުރާ ކަމެއް.  

އެހެންވީމާ ވަރިއަކީ އެއީ ރުޅިއަންނަ ކޮންމެފަހަރަކު ނުވަތަ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ކޮށްލާ ކަމެއްގެ ގޮތުގައި ހަދައިގެން ނުވާނެ. ރުޅި އިންސާނެއްގެ ހައިސިއްޔަތުން އަތުވެދާނެ. އިންސާނެއްގެ ހައިސިއްޔަތުން އެއްވެސް އިންސާނަކު ދެ ޚިޔާލް އެއްގޮތް ނުވާނެ ކިތަންމެ ކަމެއް އަތުވެދާނެ. އެހެން ނަމަވެސް އެފަދަ ކޮންމެ ވަގުތެއްގައި އަނެކާގެ އިހްސާސްތަކަށް، އަނެކާގެ ޚިޔާލަށް، އަނެކާކެ ރަޢުޔަށް އިހްތިރާމުކޮށް މައްސަލަ ހައްލުކުރެވޭނެ ގޮތެއް ވޭތޯ ބަލަންވާނެ. ބަލައިފައި ދެން އެއްވެސް ގޮތެއް ނެތީ ކަމަށް ވަނީނަމަ ދެން ވަރިކުރާނީ. ކޮންމެއަކަށް އިސްލާމްދީނުގައި ބޮޑަށް ބާރުއަޅުއްވަނީ މި ދެންނެވިހެން ކައިވެނި ދެމެހެއްޓުމަށް ކަމުގައި ވާތީވެ އިސްލާމްދީނުގައި އަންގަވައިފައިވަނީ ވަރިކުރި ކަމުގައިވީ ނަމަވެސް އަދި ދެމަފިރިން އެކުގައި ތިބޭށޭ. އޭރުން އެކުގައި ތިބުމުގެ ތެރޭގައި ދެ މީހުންގެ ރުޅި މަޑުވެ، ދެ މީހުން ވެސް އަލުން ދިރއުޅުމުގެ ތެރެއަށް އެނބުރި ދިއުމުގެ ބާރަކަށް އެ ކަން ވެދާނެތީ. އޭގެ ބަދަލުގައި ވަރިކުރާ ހިސާބުން ދެ މީހުން ދެ ރާއްޖެއަކަށް ބަދަލުވެގެން ދިޔައިމަ ނުވަތަ ދެ މީހުން ދެ ގެއަކަށް ބަދަލުވެގެން ދިޔައިމަ އެ ދެ މީހުން ބައްދަލުވުމާއި އެ ދެ މީހުން ސުލްހަވުމަށް އޮތް ދޮރު ހަނިވެގެންދާނެ.  

އެހެންވީމާ އިސްލާމްދީނުގައި އެ ގޮތަށް އަމުރުކުރައްވައިފައިވަނީ. ވަﷲ އަޢުލަމް.

 

 -ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން