ފާއިތުވި މަސްވެރިންގެ ދުވަހުން ފެށިގެން މިއަދާ ހަމައަށް 385 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަށް ވެފައިވާ ވައުދު ފުއްދަމުންދާ ކަމަށެވެ. އެގޮތުން ޑިސެމްބަރު މަހުން ފެށިގެން ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް ފައިސާ ދޫކުރަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީ އޮތް 250 މިލިޔަން ރުފިޔާވެސް ދައްކާ ހަލާސްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެން ހަވާލުވިއިރު މަސްވެރިންނަށް ނުދީ އޮތް 250 މިލިޔަން ރުފިޔާވެސް ދީފައި، 10 ޑިސެމްބަރާ ހަމައަށް އެދިޔަ ދުވަސްތަކުގައި އެކި ފަހަރުމަތިން މަސްވެރިންގެ ފައިސާ ދީ، އެއްކޮށް ކިޔާ ބެކްލޮގް ސާފުކުރިން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، 10 ޑިސެމްބަރުން ފެށިގެން ދުވަހުން ދުވަހަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުން ގެންދާ ކަމަށެވެ. މިއީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދެއް ކަމަށާއި، އެ ވައުދު ފުއްދަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.