ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށް ހެކިބަސްދިނުމުގެ އިންތިޒާމް ޑީޖޭއޭއިން ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށް ހެކިބަސްދިނުމުގެ އިންތިޒާމް ޑީޖޭއޭއިން ހަމަޖައްސައިފި

ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށް ހެކިބަސްދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހާމަކޮށްފިއެވެ.

މިކަމަށްޓަކައި މާރިޗު 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު އަދި އަތޮޅު ކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.

މާލޭގައި ހަނދު ފެނިއްޖެނަމަ، ހެކިބަސް އަދާކުރަންޖެހޭނީ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައެވެ. އަދި އަތޮޅުތެރޭގައިނަމަ، އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިފުޅުމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށްރަށުގައި ހެކިބަސް އަދާކުރެވޭނީ ކައުންސިލް އިދާރާގެ އިސްވެރިއެއްގެ ކުރިފުޅުމަތީގައެވެ.

ޑީޖޭއޭއިން އެދިވަޑައިގަންނަވާ ގޮތުގައި، ހަނދު ފެނުނުކަމުގެ މަޢުލޫމާތު ދޭއިރު، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު މަޢުލޫމާތުތައް ހިމަނަންވާނެއެވެ. އަދި ހެކިބަސް އަދާކުރުމަށް އަންނަ ފަރާތްތަކަށް ޓެކްސީ ޚަރަދު ދިނުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް މާލޭގައިނަމަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، އަތޮޅުތެރޭގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ރަށު ކައުންސިލް އިދާރާއަށް ގުޅުމަށް ޑީޖޭއޭއިން އަންގަވާފައިވެއެވެ.

މިއަދު އޮންލައިން